ގާސިމް އިބްރާހީމްގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ،ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ޖޭޕީން ވަކިވެވަޑައިގަތުމަށް ފަހު، މިރޭ ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވިދާޅުވީ “ރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ” އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ.
“މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަން،” އަލީ ވަހީދު ލިޔުއްވާފައިވެ އެވެ. އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ހަމަޖައްސާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ އިންތިހާބީ އެޖެންޓަކީ ވެސް އޭނާ އެވެ.
ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް @qasimibrahim އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެކެވެ. މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ 🇲🇻 pic.twitter.com/gJID3DWOPu
— Ali Waheed (@ali20waheed) September 20, 2023
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި ނަމަވެސް އޭނާ ޖޭޕީން ވަކިވެވަޑައިގެންނެވި ސަބަބެއް އަދި ސާފެއް ނޫނެވެ.
އަލީ ވަހީދު މިގޮތަށް ނިންމެވި އިރު، އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ރޭގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި މުލިއާގޭގައި ބައްދަލު ކުރައްވައިފައެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތަށް، އެނބުރި ރާއްޖެ ވަޑައިގަތީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތުމުން،ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ.
ޢަލީ ވަޙީދު އޭނާގެ ސިޔާސީ ޙަޔާތް ފުރަތަމަ ފެއްޓެވީ ޑީއާރުޕީންނެވެ. އޭގެ ފަހުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރަކަށް ހުންނަވައި އެމްޑީޕީއަށް ސޮއިކުރެއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ.