English Edition
Dhivehi Edition

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނީ ވިޔަފާރިވެރިއަކަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއިން ރާއްޖެ ގެނައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކު ރާއްޖޭގެ ޓޫރިޒަމް ފަށާނޭ ފޭސްތަކާއި ކޮންމެ ފޭސްއެއްގައި ރާއްޖޭގެ ޓޫރިޒަމް ފޯކަސް ކުރާނެ ދާއިރާތައް އަދި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތައް ޕްލޭން ކުރެވިފައިވާ ކަމަށެވެ. ޓޫރިޒަމްއަކީ އިގްތިސާދުގެ މޭވާ ކަމުގައި ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ގަހުގައި އަޅާ މޭވާއިން ފައިދާ ކުރަނީ ރައްޔިތުންނަށް ކަމަށާއި އެ ސިނާއަތް ނުހިނގާ ނަމަ އޭގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ މިހާރުވެސް ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން އެބަތިބި ކަމަށެވެ.”މިހާރު ވެސް އަރަބި ގައުމަތަކުން ވެސް 2000 މީހުން އެދިފައި އެބައޮތް. އެ މީހުން ކަރަންޓީނު ވެގެން ތިބެން ވެސް އޯކޭ. އަދި ހަ މަސް ދުވަހު ތިބެން ވެސް އޯކޭ. އެހެންވީމަ ރާއްޖެ އަށް މިހާރު ވެސް ޓޫރިސްޓުން އަންނަން ބޭނުންވޭ.” އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ޖުލައި މަހާއި އޮކްޓޯބަރު މަހާއި ދޭތެރޭގައި އޮންނަ ސީޒަންގެ ތެރޭގައި ރިސޯޓްތައް ހުޅުވާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.