English Edition
Dhivehi Edition

އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފެށޭނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން އިލްތިމާސްކުރެއްވީ، ފަތުރުވެރިކަމުގެ ސިނާއަތަށް 53 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިތާބުގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް އޮޕަރޭޝަނަށް އައުންކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލަކީ، އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނެންޓެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78 ހާސް އަކަ މީޓަރުގެ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

މި އަހަރުގެ ޑިސެމްބަރު މަހު އައު ޓާމިނަލް ހުޅުވުމުން 7.5 މިލިއަން ފަތުރުވެރިންނަށް އެތަނުން ޚިދުމަތް ދެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެއާއެކު އަންނަ އަހަރު ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އޭގެ ހެޔޮ ނަތީޖާއަކަށް ވާނީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅައިބަލާއިރު 238،000 ފަތުރުވެރިންގެ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ އަމާޒު ކަމަށްވާ ދެ މިލިއަން ފަތުރުވެރިން ރާއްޖެ އައުން ވެސް ކާމިޔާބުވާނެކަން ތަފާސްހިސާބުން ދައްކާ ކަަމަށް ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ފައިސަލް ވިދާޅުވީ ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ، ގައުމުގެ ހަމަޖެހުމަކީ އެންމެންވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ ދިވެހީންނަށް ކުރެވޭ ކަމަކުން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ދުނިޔޭގެ ސަމާލުކަމަށް އެފަދަ ކަމެއް އައިސްފިނަމަ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ “ޓޫރިޒަމް އެންޑް ޕީސް” ނުވަތަ ފަތުރުވެރިކަމާއި ސުލްހަ މަސަލަސްކަމެވެ.