English Edition
Dhivehi Edition

އުންމީދަކީ އަންނަ އަހަރު ވޯލްޑް ޓްރެވެލް އެވޯޑްސްގައި މަދުވެގެން 15 އެވޯޑް ރާއްޖޭން ހޯދުންކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް މި އަހަރު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ 9 ކެޓަގަރީއަކުން މިއަހަރު ރާއްޖެ ވަނީ އެވޯޑް ހާސިލްކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑާއި ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑެވެ. މިއީ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނު 5 ވަނަ އަހަރެވެ. އަދި ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މިނިސްޓަރ ފައިސަލް ވިދާޅުވީ މިއަހަރުގެ އެވޯޑް ހަފުލާގައި ލިބުނު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވާ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމާއި އިރުޝާދަކީ މި ކާމިޔާބީގެ އަސްލު ކަމަށެވެ.

“އުންމީދަކީ އަންނަ އަހަރު 15 ނުވަތަ 20 އެވޯޑް ހާސިލްކުރުން. މިއީ މުޅި ސިނާއަތުގެ އެންމެންގެ ބުރަ މަސައްކަތުން ހޯދުނު އެވޯޑެއް.” ވަޒީރު ވިދާޅުވިއެވެ.

ފައިސަލް ވަނީ މި ލިބުނު ކާމިޔާބީއާ ގުޅިގެން ހޮސްްޕިޓާލިޓީ ދާއިރާއާއި މުޅި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެންމެންނަށް ވެސް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 1،815،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަންނަ މަހުގެ 25 ވަނަ ދުވަހަށް ދެ މިލިއަން ފަތުރުވެރިވާނެ ކަމަށް ތަފާސްހިސާބުން އަންދާޒާކުރެވޭ ކަމަށެވެ.