English Edition
Dhivehi Edition
ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ފައިސަލް

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މަސައްކަތްތެރިންގެ ދައުރު ވަރަށް މުހިންމުކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި ބުރަ މަސައްކަތްކުރަމުންދާ ހުރިހާ މަސައްކަތްތެރިންނަށް ފައިސަލް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

“ރިސޯޓުތަކުގެ ހިންގުމުގައި ޓުއަރިޒަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ އެންމެ ބޮޑު ބައިވެރިއެއް. މިދާއިރާގެ ކުރިއެރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ އެކު މަސައްކަތްތެރިން އަދާކުރައްވާ ދައުރު ވަރަށް އުފާކުރަން،” ފައިސަލް ޕޯސްޓުގައި ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި 22000 އަށްވުރެ ގިނަ ދިވެހިން މަސައްކަތްކުރެއެވެ. ބިދޭސީ މަސައްކަތްތެރިންނާއެކު ދާއިރާގައި ޝާމިލްވާ މުވައްޒަފުންގެ އަދަދު 50 ހާހަށްވުރެ އިތުރެވެ.

ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދުން އެންމެ ބޮޑަށް އަސަރުކުރި ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. ނަމަވެސް ބޮޑެތި ގޮންޖެހުންތަކަށް ފަހު، 2022 ވަނަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އިރު މިދާއިރާ ވަނީ ފުރިހަމައަށް އަތުލާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ގިނަ ދުވަސްތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހިފައި ވާއިރު، ސަރުކާރުން މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި ސަރވިސް ޗާޖާއި ޓިޕްސް ރެގިއުލޭޓްކުރުމާއި، މުސާރަ ބޮޑުކުރުން ހިމެނެއެވެ.