English Edition
Dhivehi Edition

މިއަހަރު ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭ މަގުމަތިން ޓޫރިސްޓުންނަށް ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާ ދިނުމުގައި ބައިވެރިވި އަށް މީހުން މިނިވަން ވެއްޖެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން ދޫވެފައިވަނީ ދައުވާ ކުރާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އިން އެ މައްސަލާގައި ދައުވާ ނުކުރުމުން ކަމަށެވެ. ފުލުހުން ވިދާޅުވީ ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ދިން ހަމަލާއާ ގުޅިގެން އަށް މީހަކު ފުލުހުން ހައްޔަރުކުރިކަމަށާއި އޭގެ ތެރެއިން ހަތަރު މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުން ކަމަށެވެ.

މި އަށް މީހުން މިނިވަންވި މައްސަލައާއި ގުޅިގެން ވާހަކަދައްކަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެ އަށް މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ކަމަށާއި ނަމަވެސް މި މައްސަލާގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީއިން ނިންމި ކަމަށެވެ. މީގެ އިތުރުން އިޒްމިއާ ވިދާޅުވީ އެކަމާ ގުޅިގެން އެމީހުން ބަންދުން ދޫވި ކަމަށާއި އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް މިހާރު ވެސް އަޅަމުންދާ ކަމަށެވެ

އެމައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދުގައި ތިބޭތާ 75 ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައިވީ ނަމަވެސް އެމުއްދަތުގައި ވެސް ދައުވާ ނުއުފުލުމުން އެމީހުން ދޫކޮށްލީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ބުރާސްފަތިދުވަހު މި އަށް މީހުންގެ ފައިގައި ޓެގް އެޅުވުމަށް އިސް ފަނޑިޔާރު ހިމެނޭ ގޮތަށް ތިން ފަނޑިޔާރަންގެ ބެންޗުންވަނީ އަމުރުކޮށްފައެވެ. މި މޮނިކޮން އަމުރުގެ ދަށުން އަށް މީހުން ވެސް ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މިދިޔަ އެފްރީލް މަހުގެ 30 ވަނަ ދުވަހު ފުލުހުން ބޭއްވި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މި ހަމަލާ އަކީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން، ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަން އެނގިފައިވާ ކަމަށެވެ.