English Edition
Dhivehi Edition
ފުލުހުން

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ޓްރާންސް ޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާނަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޝާއިއުކުރި ސްޓޭޓަސްއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު އެ އިދާރާއިން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ކުރި ޕޯސްޓުގައި ވަނީ އެފަދަ ކަމެއް ހިންގުމަށް ހިތްވަރުދީފަ އެވެ. އެގޮތުން އެ ތަންތަނުގައި ރޯކޮށްލައިފިނަމަ “މަޖާވާނެ” ކަމަށް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވާއިރު، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ފޭސްބުކުން އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ. އޭރު އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވަނީ އޭނާ ސިފައިންގެއިން ވަކިކުރީ އޭރުގެ ސަރުކާރަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.

އޭގެ ފަހުން، މި ސަރުކާރުން އޭނާއަށް ޓްރާންސް ޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން އެ މަގާމުން ވަކިކުރުމާ ގުޅިގެން ޒިހާން އަންނަނީ ސޯޝަލް މީޑިއާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޕޯސްޓްތައް ކުރަމުންނެވެ.