English Edition
Dhivehi Edition
ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަންނަވަނީ - ފައިލް ފޮޓޯ ރައްޔިތުންގެ މަޖިލިސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގައި، ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސް 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ. ޔާފިސްގެ މައްޗަށް މި ހުކުމް އިއްވީ، ޓެރަރިޒަމްގެ ތިން ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.

ދައުލަތުން ޔާފިސްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ އެވެ. މީގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.

އެގޮތުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވި އެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން ކުށަށް ތިން އަހަރުގެ ހުކުމެއް އިއްވި އިރު، ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.