English Edition
Dhivehi Edition

މަންމައަކީ ކުއްޖާ ދުނިޔެއަށް އައުމުގެ މެދުވެރިޔާއެވެ. 9 މަސް ވަންދެން ބަނޑުގައި ދަރިފުޅު އޮވެ އެމައިމީހާ އުފުލާ ވޭނާއި ކެކުޅުން ތަހައްމަލު ކުރަނީ ދަރިފުޅު ދެކެވާ ލޯބިންނެވެ. ފިތުރަތުގެ ސާފުކަންމަތީގައި ދުނިޔެއަށް ލޯ ހުޅުވާ އެދަރިފުޅަށް މަންމަގެ ހިތުގައި އުފެދޭ މައިވަންތަ ކަމުގެ ލޯތްބަކީ ދުނިޔޭގައި ވާހާ އެއްޗެއް އެއްކޮޅަށް އެރުވިޔަސް އޭގެ ބަރުދަން ނުލިބޭހާވެސް ބަރު އެއްޗެކެވެ.

ލޯބިން އުރާލާ ބޮސްދީ އޯގާތެރިކަމާއެކު އަޅާލުން ދިނުން ފިޔަވައި އެތުއްތު ދަރިފުޅު މައިމީހާގެ ކިބައިން އެދޭނެ އިތުރު ކަމެއް ނޯވެއެވެ. އެހެންނަމަވެސް ހިތާމައާއި އެކު ދަންނަވަން ޖެހެނީ ހުރިހާ މަންމައިންގެ ކިބައިން އެލޯތްބާއި އަޅާލުން ދަރިންނަށް ނުލިބޭކަމެވެ.

މަންމަގެ އަމިއްލަ ދިރިއުޅުމުގެ އަޑިގުޑަން ތަކުގައި ބޯމަތިވާ ވިލާތަކުގެ ކަޅު ހިޔަނި ދަރިންގެ ޙަޔާތަށް އެޅި އެމަޢުސޫމް ކުދިންގެ ޙަޔާތް ބަނަކޮށްލަނީއެވެ. ނުޙައްޤުން ލިބޭ އެތަކެއް އަނިޔާއެއްގެ ޝިކާރައަކަށް ކުދިންވެ އެކުދީންގެ ދުނިޔަވީ ޙަޔާތް ބަރުބާދު ކޮށްލާއިރު މިމަންޒަރު ފެންނަ މީހާވެސް ލޯމަރާލާ ފަސް އެނބުރި ދަނީ ކީއްވެބާއޭ ހިތަށް އަރައެވެ.

ހެޔޮނުވާނެއެވެ. ގޭތެރެއިންވިއަސް ، ޖެހިގެން ހުރި ގެއިން ވިޔަސް ކުއްޖެއްގެ ރުއިމާއި އާދޭހުގެ އަޑު އިވެންޏާ އެއަށް އިޖާބަދޭށެވެ. އަނިޔާ ދެނީ ކުއްޖާގެ މަންމައޭ ބުނެ އެއީ ކުއްޖާގެ ގޯސްކަމުން ލިބޭ އަނިޔާކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. އެއްވެސް ކުއްޖަކީ ގޯސް ކުއްޖެއް ނޫނެވެ.

Couple arguing behind their children

ކުދިންނަށް މައިންގެ ފަރާތުން އަނިޔާ ލިބޭ ކިތައްމެ ސަބަބެއް މުޖުތަމަޢުން ފެންނަމުން ދެއެވެ. ކުއްޖާގެ ބައްޕައާއި މެދު އޮންނަ ހިތްހަމަ ނުޖެހުމެވެ. ޢާއިލާ ރޫޅި ކުދިން ބިކަވެ އަތްމަތި ދަތި ވުމެވެ. ކުއްޖާގެ ގައިގެ ކުލަ އެހެން ކުދިންނާއި ތަފާތު ވުމެވެ. އެތައް މައްސަލައެއްގެ މެދަށް ލިބޭ ކުއްޖަކަށް ވުމެވެ. ބޭނުންނުވެ ލިބުނު ކުއްޖަކަށް ވުމެވެ. ދިމާވާ ކަމަކުން މައިމީހާ އާއި ދުރުގައި ބޮޑުވި ކުއްޖަކަށް ވުމެވެ. ބަލި ކުއްޖަކަށް ވީތީއެވެ.އެހެން މީހެއްގެ ނުފޫޒުންނެވެ. “ބްލެކްމެއިލް” ގެ ޝިކާރައަކަށް ވެގެންނެވެ. މައިމީހާގެ ކިބައިގައިވާ ބައްޔަކުންނެވެ. މިއިން އެއްވެސް ކަމެއް މެދުވެރި ނުވާ ޙާލުގައިވެސް މެއެވެ.

މާތްﷲ ޚަލްޤު ކުރެއްވި ހުރިހާ މަޚުލޫޤުންނާއި ދޫނިސޫފާ ސޫފިވެސް އެތަކެތީގެ ޅަދަރިން ގެންގުޅޭތަން ފެންނަނީ ނުހަނު ލޯބިންނެވެ. ވިސްނުމާއި ބުއްދި ފުރާ ފުރިހަމަ ކުރެއްވި އިންސާނާގެ ޢަމަލުތައް މިދަރަޖައަށް ދިއުމުން ދެން ދައްކާނެ އިތުރު ވާހަކައެއް ނެތެވެ.

މަޔަކަށްވެހުރެ ދަރިއަކަށް އަމިއްލަ އަތުން ގޯނާ ކުރުން ކީއްކުރަންތޯ އެދަރިއަށް ދެރައެއް ލިބޭތަން ދެކެންވެސް މައިލަގޮނޑިއަށް ކެތެއް ނުވާނެއެވެ. ވީއިރު މިދަރަޖައަށް އިންސާނާ ވެއްޓެނީ ކީއްވެބާވައެވެ.

މައިންގެ ނަފްރަތު ދަރިންނަށް ހުރިހާ ޢުމުރުފުރާއެއްގައިވެސް ފޯރާފައި އެބަހުއްޓެވެ. ފަހަރުގައި ތުއްތު އިރު ލޯބި ލިބިފައި ކުއްޖާގެ ޢުމުރުގެ ވަކި ހިސާބަކުންވެސް އެލޯބި ނަފްރަތަށް ބަދަލުވެފައި އެބަހުއްޓެވެ.ދަރިން ބޮޑެތިވެ އެދަރިން ހޯދާ ތަޢުލީމާމެދު ހިތްހަމަ ނުޖެހި ނޫންނަމަ އޭނާ ޒަވާޖީ ގޮތުން ގުޅޭ ބައިވެރިޔާ އާއި މެދު ހިތްހަމަނުޖެހި ނަފްރަތުގެ ހުޅު ރޯވެއެވެ. މިޙާލަތު މެދުވެރިވުމުން މައިން ދަރިންނާއި ކޯޅި ދަރިންގެ ދިރިއުޅުން ވިއްސިވިހާލި ވެގެންދާއިރުވެސް ގޮތް ދޫނުކޮށް ބޯހަރުކަންމަތީ އުޅޭ މައިން އަދި ބައްޕައިންވެސް ފެނެއެވެ. މިކަމުގެ ހިތާމަ މުޅި ޙަޔާތަށް ފޯރާއިރު މަންމައިންގެ ހިތަށް ހަމްދަރުދީގެ ކަންފުޅެއްވެސް ނުވަދެ ބަދުދުޢާއިން އެކުދިންގެ ކުރިމަގު މަރާލަން ހިފާލެވެއެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ޢާއްމުވެފައިވާ ސިހުރުހާހޫރައިގެ އަވާގައިޖެހިގެންވެސް ދަރިންގެ އުފާތައް ނިގުޅައިގަންނަން މަސައްކަތް ކުރެވެނީއެވެ.

މިއީ އެމައެއްގެ ފައިތިލަ ދަށުން ނޫނީ ސުވަރުގެ ވެސް ލިބެންނެތް ދަރިންނާއި މެދު ބައެއް މައިން ކަންތައް ކުރާ ގޮތް ކަމުގައި ވިއަސް ގިނަ މަންމައިންނަކީ ދަރިންނާއި މެދު ޤުރުބާން ވާ މީހުންނެވެ. ދަރިންނަށްޓަކައި އެމީހުންގެ ހުރިހާ އުފާ ތަކެއް ޤުރުބާން ކޮށްލާ މީހުންނެވެ. ޢުމުރުން ދުވަސްވެ ގައިބާރު ދޫވުމުން އަޅާލާން ތިބި ބަޔަކީ ދަރިންކަން ދަނެ އެދަރީންގެ ނިޔަނެތި ފިރުމުންތަކަށް އެދި އެދި ތިބި މީހުންނެވެ. ހިލަ ހިތެއްގެ ވެރިއެއް ނޫނީ ތުއްތު ދަރިއަކު އަމިއްލަ އަތުން މަރާނުލާނެ ފަދައިން ދަރިންގެ އޯގާތެރި ފިރުމުން މަންމައަށް ނުދޭނީ ވެސް ހަމަ އެފަދަ މީހެކެވެ. އެހެންކަމަށްވާނަމަ ދަރިއަކަށް މަންމަ ނަފްރަތެއް ނުކުރާނެއެވެ. ދަރިންވެސް މައިންނަށް ނަފްރަތެއް ނުކުރާނެއެވެ. އެފަދަ މީހަކީ މަންމައެއް ނޫނެވެ. ދަރިއެއްވެސް ނޫނެވެ.