ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ފާސްކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ޚިލާފް ބިލެއްކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހުމުން އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހުށަހަޅާފައިވާ “ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020” އަކީ ގާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާފައިވާ ބިލެެއް ކަމެއް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ.
ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ބަޔާންކޮށްފައިވަނިކޮށް ގާނޫނަކުން، ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށާއި އަދި ގާނޫނުއަސާސީއާއި ހިލާފަށް ފާސްކުރާ ކޮންމެ ގާނޫނަކީ ބާތިލު ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވިފައިވާކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި އިންތިިޚާބުގެ އުސޫލުތަކަށް ގާނޫނުތަކުން ބަދަލު ގެނައުމަކީ ކޯލިޝަނުން ބަލައިގަނަން ކަމެއް ނޫންކަމަށާއި އެ މައްސަލަ ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުންވަނީ މިއީ އެމްޑީޕީއަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ހިފައިގެން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ގާނޫނުއަސާސީ ބަދަލުކޮށް ގާނޫނުއަސާސީއަށް ގޮންޖަހަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ބުނެފައެވެ. އަދި މިކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ.
އިދިކޮޅު ކޯލިޝަނުން މި ބިލަކީ ގާނޫން އަސާސީ އާއި ހިލާފު ބިލެއްކަމުގައި ބުނަމުން އަންނައިރު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވަނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިހާބީ މަގާމެއްގެ ދައުރު، ގާނޫނު އަސާސީ އިސްލާހުނުކޮށް ގާނޫނަކުން އެ ކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އާ ލޯކަލް ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަމަށެވެ.