English Edition
Dhivehi Edition

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓްކުރުމުގައި ހައިރިސްކް ޕޭޝަންޓުންނަށް އިސްކަންދޭނެކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް19 ޖެހިގެން އިއްޔެ އުމުރުން 83 އަހަރުގެ މީހަކު ނިޔާވެފައިވާއިރު އޭނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަން އެގުނީ މާ ފަހުންނެވެ. މިކަމާއި ގުޅިގެން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ދެން އެފަދަަ ހާދިސާއެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރާނެކަމަށެވެ. “މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ހައި ރިސްކު ޕޭޝަންޓުންނަށް އިސްކަންދީގެން ސާމްޕަލްނެގުން މިއަށްވުރެވެސް ހަރުދަނާކުރުން.” ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ އަލީ ލަތީފް ވިދާޅުވީ ހުރިހާ ތަނަކުން ސާމްޕަލް ނަގަން ފަށައިފިނަމަ އަސްލު ސާމްޕަލްނަގަން ޖެހޭ މީހުންގެ ސާމްޕަލް ނެގުމުގައިވެސް ދަތިވާނެކަމަށެވެ. އެހެންކަމުން އެހާ ފުޅާކޮށް ރޭންޑަމްސާމްޕަލް ނެގުމުގެ ބަދަލުގައި ބަލީގެ ނިޝާން ހުންނަ މީހުންނާ ހައި ރިސްކް މީހުންނަށް އަދި އެނޫންވެސް ހާއްސަ ކެޓެގަރީގެ މީހުންގެ ސާމްޕަލްތައް ނެގުމަށް ނިންމާފައިވާކަމަށް ޑރ އަލީ ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސާމްޕަލްތައް ނެގުމުގައި މިހާރު ގެންގުޅޭ ޕްރޮސީޖާގެ ދަށުން ހައިރިސްކް މީހުންނާއި އަލާމަތްތައް ފެންނަ މީހުންގެ ސާމްޕަލްނަގައި ހަ ގަޑިއިރު ތެރޭގައި ނަތީޖާ ލިބޭނެކަމަށާއި އެނަތީޖާ ލިބެނީ ލެބަށް ގެންދާ ސާމްޕަލްތަކުގެ ތަރުތީބުންކަމަށެވެ.