މިހާރު މިއޮތް ހާލަތުގައި އަދި ދަތުރުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެކަމާއި ގުޅިގެން ކަންތައްތައް ކުރައްވާނެ ގޮތުގެ ރަސްމީ ނިންމުމެއް އަދި ނިންމާފައިނުވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ އެކި ބޭނުންތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް ދިރިއުޅޭ ރަށަށް ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ކައުންސިލްތަކާއި އެލްޖީއޭ އިން އެއްކުރައްވަމުން ގެންދަވަނީ އެކަމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާ އެކަމާއި މެދު ގޮތެއް ނިންމެވުމަށްކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ ފުލުހުންކަމަށާއި އެހެންނަމަވެސް ފުލުހުން އެންމެ ފަހުން ކަނޑައަޅާފައިވާ އުސޫލެއްގެ ގޮތުގައި ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި އޮންނަ ތަނަކުން ނުވަތަ ލޮކްޑައުންގެ ހަލާތުގައި އޮންނަ ތަނަކުން މީހުންނަށް އެހެން ރަށަކަށް ދިއުމުގެ ފުރުސަތު އަދި ދެއްވަން ވިސްނާފައި ނުވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ނިންމާ ގޮތެއް ފަހުން ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
“އެލްޖީއޭ އާއި ކައުންސިލް ގުޅިގެން ބަލަމުންދަނީ ކިހާ ބަޔަކު ތޯ ތިބީ. ދެން މިސާލަކަށް ކަރަންޓީންކޮށްފަ ގެންދެވޭ ކަހަލަ ގޮތަކަށް އެ މަސައްކަތް ކުރެވޭނީ ކިހިނެތްތޯ ބަލަމުންދަނީ’ މަބްރީކް ވިދާޅުވިއެވެ.
އެކިބޭނުންތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް ކޮވިޑް19ގެ ސަބަބުން ދިރިއުޅޭ ރަށަށް ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ އެއްކޮށްފައެވެ.
އެލްޖީއޭއިން އިއްޔެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި މި ހާލަތާ ގުޅިގެން ދިރިއުޅޭ ރަށަށް އަނބުރާ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދައިދިނުމަށް އެދިފައިވާއިރު އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު މަހުމޫދު ވިދާޅުވީ މިއީ ކުރު މުއްދަތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް، އެނބުރި ދިރިއުޅޭ ރަށްރަށަށް ނުދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދުމަށް ކުރާ ދިރާސާއެއް ކަމަށެވެ. މީގެ އިތުރުން ޝަފީގް ވިދާޅުވީ މި ދިރާސާގެ މައުލޫމާތު އެއްކުރުމަށްފަހު އެލްޖީއޭއިން އެންއީއޯސީއާއި އެ މައުލޫމާތު ހިއްސާކުރާނެ ކަމަށާއި އެއަށްފަހު އެންއީއޯސީން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު މި މައްސަލައަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރާނެކަމަށެވެ.