English Edition
Dhivehi Edition

ޓީވީ ޑްރާމާތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނަމަން ޝާ ގައި ކައިވެނީގެ ހަފްލާ މި އަހަރު ނޮވެމްބަރު 23 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ކައިވެނީގެ ހަފްލަ ބާއްވަން ނިންމާފައިވަނީ ނަމަން ދިރިއުޅެމުންދާ ކަލްކަތާގައެވެ.

ނަމަންގެ އެންމެ ގާތް އެކުވެރިޔާ ނެހާ މިޝްރާ އާއި ދެމީހުން ކައިވެނި ކުރަން ނިންމީ 8 އަހަރު ދުވަސް ވަންދެން ގާތް ރަހުމަތްތެރިންގެ ގޮތުގައި އުޅުމަށްފަހުގައެވެ. ފިލްމު ޕްރޮޑެކްޝަން ކުންފުންޏެއްގައި މަސައްކަތްކުރަމުންދާ ނެހަ އާއި ނަމަން ދިމާވެފައިވަނީ ޓީވީ ޝޯއެއްގެ ތެރެއިންނެވެ. ދެމީހުން ގާތް ރަހްމަތްތެރިންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު ކައިވެނިކުރަން ނިންމީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމުގެ އިހްސާސު ކުރެވޭތީ ކަމަށް ނަމަން ވަނީ ބުނެފައެވެ.

މި ކައިވެންޏާއި ބެހޭ ގޮތުން ވާހަކަދައްކަމުން ނަމަން ބުނެފައިވަނީ އެންމެ ގާތް ރަހުމަތްތެރި އާއި ކައިވެނިކުރުމަށްވުރެ ބޮޑު ނަސީބެއް ނެތްކަމަށެވެ. އަދި އެކުގައި ހޭދަކުރެވުނު ދުވަސްތަކުގައި އެކަކު އަނެކަކު ވަރަށް ބޮޑަށް ދަސްވެފައިވާކަމުގައި ނަމަން ވަނީ ބުނެފައެވެ. ނެހާ އަބަދުވެސް އޭނާގެ ޝޯތައް ބަލާކަމަށާއި ދިރިއުޅުމުގައި އޭނާއަށް ދިމާވި ހުރިހާކަމެއްގައި ނެހާ ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށް ނަމަން ވަނީ ބުނެފައެވެ. “ނެހާ އަކީ އަހަންނާ އެންމެ އެކަށީގެންވާ ބައިވެރިޔާ. އަހަރެން މާޔޫސްވެ ދެރަވާ ވަގުތުވެސް އަހަންނަށް އިތުރަށް ކުރިއަށް ދިއުމަށްޓަކައި ހިތްވަރުދޭ. އަބަދުވެސް ކަންތައް ކުރަންވާ ރަގަޅު ގޮށް ދައްކާ ބުނެދޭ.” ނެހާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ނަމަން ބުންޏެވެ. މީގެ އިތުރުން ނަމަން ބުނެފައިވަނީ މި ކައިވެންޏާ ދެ އާއިލާއިންވެސް ވަރަށް ގަބޫލުކަމަށާއި ކައިވެންޏަށްފަހު ނެހާ އާއި އެކު މިހާރުވެސް ހޭދަކުރަމުންދާ ކަހަލަ އުފާވެރި ދިރިއުޅުމެއް އުޅުމަކީ އެންމެ ބޮޑު އުއްމީދުކަމުގައެވެ.

މިވަގުތު ޓީވީ ޑްރާމާއެއްގެ މަސައްކަތްކުރަމުން ނުދިޔަ ނަމަވެސް ނަމަންވަނީ މަޝްހޫރު ގިނަ ޑްރާމާތަކެއް ކުޅެ ގިނަ ބައެއްގެ ހިތް އަތުލާފައެވެ. ނަމަން ކުޅެފައިވާ ޑްރާމާތަކުގެ ތެރޭގައި ކަސަމްސޭ، ކަސްތޫރީ،ކިއުކީ ސާސް ބީ ކަބީ ބަހޫތީ، ކަސޯޓީ ޒިންދަގީ އަދި ޕިޔަ ރަންގްރޭޒް އަކީ ފާހަގަކޮށްލެވޭ ޑްރާމާތަކެވެ.