English Edition
Dhivehi Edition

“މިފޮޓޯ ރީތިތަ؟” ޝަބްނަމް ކުރެން ފާޒިން އެހިއެވެ.

އެދެމީހުންގެ ކައިވެންޏަށް މިހާރުވީ އަހަރެއް ނަމަވެސް ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ ފަސްވަރަކަށް އަހަރުވެސް ވީފަހުންނެވެ.

ޝަބްނަމްގެ ޖަވާބަކީ ނޫނެކޭ އެވެ. އެކަމަކު އެހެން ބުނީ ބޮލުގެ އިޝާރާތަކުންނެވެ. ދެން ދެއްކި ފޮޓޯއަށް ވެސް ޝަބްނަމް ދިނީ ހަމަ އެޖަވާބެވެ. ފާޒިން އަކަށް އޭނާއަށް ރީތި އެއްވެސް ފޮޓޯއެއް މިއަދަކު ނުދެއްކުނެވެ. އޭނާ ހައިރާންވެފައި ޝަބްނަމްއަށް ބަލައިފިއެވެ.

އޭރު ޝަބްނަމް އިނީ ހިނިތުން ވެލައިގެންނެވެ. އޭނާގެ މޫނުމަތީން ފެންނަނީ އޭނާގެ ޝައުގުވެރިކަން އެވަގުތު އެއިން ފޮޓޯއަކަށް ހުއްޓިފައި ނެތް ކަމެވެ. އޭނާގެ ލޮލުގައި ވަނީ ކޮންމެވެސް އެހެން ޖަޒްބާތެއްގެ ނިޝާންތަކެވެ.

ހެނދުނުގެ ސައިތައްޔާރު ކުރުމަށްފަހު އޭނާ އެއިނީ ފެންވަރާ ނަލަހެދިލައިގެންނެވެ. މިއަދަކީ އޮފީސް ބަންދު ދުވަހެއްކަމުން އޭނާވަނީ ފާއިތުވި ހަފްތާގައި ފާޒިންއާ ދުރުގައި އުޅެން ޖެހިފައިވުމުގެ އުނިކަން ފޫބައްދަން ހުސްވެގެންނެވެ.

ފާޒިން ނިކަން ގިނައިން ބުނާނެއެވެ. “ޝަބް ކީއްކުރަންތަ ކޮންމެހެން ފެންވަރައި ރީތި ވާންވީއަކީ؟”

އެއީ ފާޒިން އޭނާއަށް ތާރީފުކުރަން ވާހަކަ ދައްކާ ގޮތެވެ. “އިރު އިރުކޮޅާ ރަން ގަނޑެއް ދޮވެ އޮފުއަރުވަންވީ ކީއްކުރަން؟”

ޝަބްނަމްއަށް އެނަން ކިޔަނީ ހަމަ ކިޔަން ވެގެންނެވެ. އޭނާގެ ހިތެއްގެ ބައްޓަން ލިބިފައިވާ ދޮން މޫނުގައިވާ ފިނިފެންމާ ފިޔަތަކެއް ފަދަ ދެ ތުންފަތަކީ ފަތިހުގެ ޝަބްނަމް ކަމަށް ފާޒިން ބުނާނެއެވެ.

“ތިޔަހާވަރައް ކޮންމެހެން ތާރީފު ކުރަން ޖެހޭތަ؟” އޭނާ ބުނެއެވެ. “މީހުން ތާރީފު ކޮށް ޚުޝާމަދު ކުރަނީ ކަމަކަށް ބޭނުންވެގެން މީހަކު ރުއްސަން.”

“ޝަބްނަމް ސިފަކޮށްދޭން ހުރީ އަހަންނެއް ނޫންތަ؟” އޭނާގެ އަނގަޔަކުންވެސް ނާރާނެއެވެ. “ގައިމު މޫނުބަލާ ލޯގަނޑު ހެކިވާނެ، އަހަރެން މިދައްކާ ވާހަކަޔާ.”

“މޫނު ބަލާ ލޯގަނޑެއް ނޫޅޭނެ ކޮންމެހެން އަހަރެން ރުއްސާކަށް.”

މިކަހަލަ އެތައް ޑައިލޮގްތަކެއް ފާޒިން ޖައްސާނެއެވެ. އެއަކީ ކޮންމެހެން ބޭނުން ކަމެއް ވެސް ނޫނެވެ. އެގޮތަކީ ޝަބްނަމް އަކަކަށް އެންމެ ހިނދުކޮޅަކުވެސް ފާޒިންއާ ދުރުގައެއް ނޫޅެވޭނެއެވެ. އެއީ ރައްޓެހި ވީއްސުރެން އަދި އިނދެގެން މިވާހާތައް ދުވަހުވެސްމެއެވެ.

އެކަމަކު މިހާރު ފާޒިން މިފެންނަނީ އަބަދު ކޮންޕިއުޓަރަށް ޝައުގުވެރިކަން ދީފައިވާތީ އެވެ. އަބަދު ބިޒީގައެވެ. ޝަބްނަމް ފާޒިންގެ އަތުން ކޮންޕިއުޓަރު ދުރައްލާން މަސައްކަތް ކުރިއެވެ. އެއީ އެހެންޏާވެސް ބަންދު ދުވަސްތަކުގައި ފަދައިން އޭނާއާއާއެކު ހުރިހާ ވަގުތެއް ހޭދަ ކުރުމަށް ބޭނުންވާތިއެވެ. ބަގީޗާގައި ފޮޅިފައި އިންނަ މަލަކަށް މާބުރެއްގެ ފިރުމުންތައް ބޭނުންވާ ފަދައިން އޭނާއަށް ފާޒިންގެ އޯގާވެރި ފިރުމުންތަކާއި ލައްޒަތު ބޭނުންވާތީއެވެ.

ފާޒިންއަށް އެވަގުތު ޝަބްނަމްގެ ތުންފަތުން ބޭރު ނުކުރިނަމަވެސް އޭނާގެ ހިތުގެ އިލްތިޖާ ފާޅުވަމުން އައެވެ. އެކަމަކު މިއަދު ފާޒިންގެ ހުރިހާވެސް ޝައުގެއް ހުރީ އޭނާ އެކުރާ މަސައްކަތަށެވެ. ޝަބްނަމް ނާއުންމީދުގެ ފުން ނޭވައެއް ލިއެވެ.

އެހަފްތާވެސް ވޭތިވެގެން ދިޔައީ އެހެންނެވެ. ޝަބްނަމްގެ ހިތާ ނަފްސަށް މިއަދު ވަނީ ނޭނގޭ ބަރުދަނެއް ވެރިވެފައެވެ. ކާވެނީގެ ދިގު ދުވަސްތަކަށް ފަހު ފުރަތަމަ ފަހަރަށް އޭނާގެ ހިތްދަތިކަން ކެތްނުވާ ހިސާބަށް ދިޔައެވެ.

އެދުވަސް ހިމެނުނީ ކޮންމެވެސް ސަބަބަކާ ހެދި ބަންދު ދުވަހެއްގެ ގޮތުގައެވެ. އެކަމަކު އެހެން ދުވަސްތަކެކޭ އެއްފަދައިން ފާޒިން ތައްޔާރު ވަމުން ދިޔައީ ބޭރަށް ދާށެވެ. އޭރު އޭނާގެ ފޯން ރިންގުވާން ފެށީ ފާޚާނާގައި ހުއްޓައެއް. ފޯނު ފާޒިންއަށް ގެންގޮސް ދިނުމަށް ޝަބްނަން ފޯންގައި އަތްލިތަނާ ކެނޑިއްޖެއެވެ. އެއާއެކު މެސެޖްތަކެއް އަންނަން ފެށިއެވެ.

އެއިން ފެންނަނީ ރޯޒް ކިޔާ މީހަކު ފޮނުވި މެސެޖްތަކެވެ. “އަހަރެމެންގެ ގެޔަކު އެކަކުވެސް ނޫޅޭނެ. ބުނީމެއްނު ސައިބޯން އަންނާނަމޭ. މިއަދު ވާނެ އަހަރެމެން ނިކަން މަޖާކޮށްލަން. މަސައްކަތް ކުރާނެ ބައިވަރު ފުރުސަތު އޮންނާނެ. މިއަދު ވޭސްޓް ކޮށްނުލައްޗޭ.”

ޝަބްނަމްގެ އަތުގައި އޮތް ލޮނުފުޅި ވެއްޓުނު އިރުވެސް އޭނައަކަށް ނޭނގުނެވެ. ހީވީ ބޯމައްޗަށް ފަރުބަދައެއް ވެއްޓުނު ހެންނެވެ. އޭނާގެ ލޮލުން ފައިބާން ފެށީ ދުވަހަކުވެސް އޭގެ ކުރީގައި އޭނާ ދެކެފައި ނުވާފަަދަ ކަރުނައިގެ ސައިލާބެކެވެ. އަތުގެ ނުފުން ކަރުނަ ފޮހެމުން އެނބުރި ގޮސް އޭނާ މޮޑެން ފަށާފައިވާ މަސްހުނިގަނޑު މޮޑެން ފަށައިފިއެވެ. ވިސްނުމެއް ނެތި މޫނުގައި އަތްޖެހުމުން މިރުސް ހޭކި ނެގި ދިލަ އެކައްޗަކަށް ވެސް ނުވިއެވެ. އޭރު ހިތުގައި ނަގަމުން ދިޔަ ދިލަ އެއަށް ވުރެން ގަދައެވެ.

ފާޒިން ތައްޔާރުވެގެން އައިސް ސައިމޭޒު ދޮށުގައި އިށީނެވެ. އޭނާ ހިމޭނުން އިނދެ ރޮށްޓާ މަސްހުންޏާ ޖަހައިގެން ކާން ފެށިއެވެ. “މިއަކު ލޮނު ރަހައެއް ނުލައެއްނު؟”

ޝަބްނަމް ހަނދާންވިއެވެ. ފޯން އައީ އޭނާ މަސްހުންޏަށް ލޮނުލާން އުޅެނިކޮށެވެ. އޭނާ ލޮނުފުޅި ހިފައިގެން ފޯނު އޮތް މޭޒުދޮށަށް ދިޔަކަން ހަނދާންވިއެވެ. ”ސޮރީ، އެބަ ގެންނަން.”

ފާޒިންއަށް ޝަބްނަމްގެ ހަރަކާތްތައް އެވަގުތު ތަފާތުވެފައިވާކަން އެނގުމުން އަހާލިއެވެ. “މިއަދު ކިހިނެއްވެފަ ތިހުންނަނީ؟“

ޝަބްނަމް ލޯ ފޮހެލަމުން ބުންޏެވެ.

“ކަމެއް ނުވޭ. މިރުސް ހުއްޓާ ލޮލުގައި އަތްލެވުނީ.”

“ބަލައިގެން ނޫޅެވޭތީނު؟” ފާޒިން ޝަބްނަމްގެ ކުށް ދެއްކިއެވެ.

“ބަލައިގެން އުޅުނީ. އުޅުނަކަސް ….؟” އޭނާގެ ޖުމުލަ އެހާ ހިސާބުން ކުރުކޮށްލިއެވެ.

“މިރޭ ކާން ނުހެދިޔަސް އެންމެ ރަނގަޅު.” ފާޒިން ނުކުންނަމުން ބުންޏެވެ. “ އާދެވޭނީ ފަހުންކަން ނޭނގެ.”

ޝަބްނަމްގެ ލޯ އަނެއްކާވެސް ފެންއޮހޭ ފެންގަނޑެއް ފަދައިން އޮހި ބަންޑުންވާން ފަށައިފިއެވެ. އޭނާ އަވަހަށް ދޮރު ލައްޕާލާފައި އެތެރެއަށް ވަދެއްޖެއެވެ.

އޮފީހުގެ މެންދުރު ގަޑިއެވެ.

“ބަލަ އެއީ މީހެއްގެ ފިރިއެއް ކަމެއް ނުޒުނާއަކަށް ނޭނގޭތަ؟” ނުޒުނާ މާ ރީއްޗަކަށް ލިޕްސްޓިކް ޖައްސައި ތައްޔާރުވާތަން ބަލަން އިނދެފައި ޝަޒޫ ބުންޏެވެ.

“މަށައް އެނގޭ.” ނުޒްނާ ފަރުވާ ކުޑަ ގޮތަކަށް ބުނެފިއެވެ. “އެއަކީ މަށަކާ ބެހޭ ކަމެއް ނޫނެއްނު؟”

“އެއަކީ ރަނގަޅު ކަމެއް ނޫނެއްނު؟’ ޝަޒޫ ވިސްނައިދޭން އުޅުނެވެ. “ރީއްޗަށް އުޅެމުންދާ ދެމަފިރިއެއްގެ ދޭތެރެއަށް ވަންނާކަށް ނުވާނެއެއްނު؟ ހަމަ ނުޒްނާއަށް ވެސް އެހެން ދިމާވެދާނެއެއްނު؟”

“ތިއެއް ބުނާކަށް މަށަކަށް ނޭނގޭ.” ނުޒްނާ ގޮތެއް ދުލެއް ނުކުރިއެވެ. “ މަށެއް ނޫޅެމެއްނު ކޮންމެހެން ފާޒިންއާ އިންނާކަށް. “

“އެހެންވީ އިރު އަމުދުން ތިހެން އުޅެގެން ނުވާނެއެއްނު؟”

“މަ ކުރަން ބޭނުން ކަމެއް މަކުރާނެތާ. އެޔަކީ އެކަކާވެސް ބެހޭ ކަމެއް ނޫނެއްނު؟”

އެހާތަނުން ފާޒިން އައިސް ވަނުމުން ނުޒްނާ ހީނލާފައި ގޮސް ފާޒިންއާ އެކު އޮފީހަށް ވަދެ ދޮރުލައްޕާލިއެވެ.

މިއީ ޝަބްނަމްގެ ހަޔާތުގައި މިހާތަނަށް އައި އެންމެ ހިތް ދަތި ވަގުތެވެ. ފެށުނީއްސުރެންވެސް އޭނާ އުޅެމުން އައިސްފައި ވަނީ ނުހަނު އުފަލުގައެވެ. ކަށްޓެއްގައި ނުޖެހި ފޮޅުނު ފިނިފެން މަލެއް ފަދައިންނެވެ. ގޭގައިވެސް އޭނާ ގެންގުޅެމުން އައިސްފައިވަނީ އެފަދައިންނެވެ. ސްކޫލުގެ ދައުރު ނިމެން ކައިރިވެފައި ހުއްޓާ ފާޒިންއާ ދިމާވިއެވެ. އެއީ ވަރަށް ވެސް ފޮނި ލޯތްބެކެވެ. ޗެޓް ކުރުމެއް ފޯން ކުރުމެއް ނެތަސް ބައްދަލުވާ ހަނި ބައްދަލުވުންތަކުން ބަދަލުކޮށްލާ ކަތި ނަޒަރުތަކުން ހިތަށް ގެނުވަނީ ބަޔާން ނުކުރެވޭ ފަދަ ފޮނި ކަމެކެވެ. މައިންބަފައިން އެދެމީހުން ގޭގައި ބައްދަލު ކުރާކަށް ހުރަހެއް ނާޅައެވެ. ހުރަސް އަޅަނީ ބޭރަށް ގޮސް ފޯނުކޮށް ޗެޓް ކޮށް ހަދާށެވެ.

އެއީ އެމީހުންގެ ޒުވާން ދުވަސްވަރު ކަންތައް ކުރިގޮތެވެ. ޝަބްނަމްގެ ބައްޕައަކީ ތާރީޚަށް ނުހަނު ލޯބި ކުރި އާދަކާދައާއި ސަގާފަތް ދަމަހައްޓަމުން އައި މީހެއް މެއެވެ.

ޝަބްނަމްގެ ހަޔާތުގެ ނާ އޮމާން ކަމާއެކު ދަތުރު ކުރަމުން އައިސް މިލައިގަތް ތޫފާނާ ކުރިމަތިލާނެ ގޮތެއް އޭނައަކަށް ނުވެސް އެނގުނެވެ. އޭނާ ދޮރުތަޅުލާފައި އައިސް ކޮޓަރިއަށް ވަނތް ގޮތަށް އެނދުމައްޗަށް ވެއްޓި ދެމުނީއެވެ.

ނުޒްނާ ފާޒިން ގޮވައިގެން އައިގޮތަށް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ.

“އަހަރެން ހީކުރީ ދައުވަތު ދިނީ ސަޔަކަށް ކަމަށް.” ފާޒިން ހައިރާންކަމާއެކު ގޮސް އެތާ ހުރި އެހެން ގޮނޑިއެއްގައި އިށީނެވެ. “މިގެޔަކު މީހަކުވެސް ނޫޅެނީތަ؟” ފާޒިން ސުވާލު ކުރިއެވެ.

“އަހަރެން ބުނީމެއްނު މިއަދަކު މިގޭގައި އެކަކުވެސް ނޫޅޭނެޔޭ.” ނުޒްނާ ފާޒިންއަށް އެނދަށް އައުމަށް އިޝާރާތުން ދައުވަތު ދިނެވެ. “އަހަރެން މެސެޖްގައިވެސް ބުނީމެއްނު، މިއަދު ރަނގަޅަށް މަޖާކޮށްލަން ވާނެޔޭ.”

“މެސެޖްގައޭ.” ފާޒިން ހައިރާން ވިއެވެ. “ކޮން މެސެޖެއްގަ؟”

ފާޒިން ކުއްލިއަކަށް އޭނާގެ ފޯން ނަގައި ބަލައިލެވެ. އޭރު އޭނާއަށް ނުޒްނާ ފޮނުވާފައި ހުރި މެސެޖްތައް ފެނުނެވެ. އަދި އެމެސެޖް ވަނީ ކިޔާފައިކަން ދޭހަވާ ކަން ފާހަގަ ލެވިފައެވެ.

ކުއްލިއަކަށް ފާޒިން ގަޑިބަލާލިއެވެ. ކޮންމެ ދުވަހަކުވެސް މިގަޑީގައި ޝަބްނަމް އެހެންޏާ ފޯން ކުރާނެއެވެ. މިއީ އާދަވެގެން އޭނާ އޮފީސް ނިމޭ ގަޑިއެވެ. ގެޔަށް އަންނަން ހަނދާން ކޮށްދޭށެވެ. އިންތިޒާރު ކުރާ ވާހަކަ ބުނުމަށެވެ.

މިއަދު އެކޯލެއް ނެތެވެ. މެސެޖެއްވެސް ނެތެވެ. “އައިލަވްޔޫގެ އެމޯޖީއެއް ނުވަތަ ހިތެއް ނުވަތަ ލިޕްސް އެއް ފަދަ އެއްޗެއްގެ ޖިފެއް ވެސް ނެތެވެ. އެކައްޗެއް ވެސް ނެތެވެ. މިވީގޮތް ފާޒިން އަށް ވިސްނޭކަށް ލަހެއް ނުވިއެވެ.

“ ނުޒްނާ ސައި ހަދަން ނޫޅޭނަމަ ދެން މިވަގުތު ދަނީ އިނގޭ.” އޭނާ ތެދުވަމުން ބުންޏެވެ. “މިހާރު ވައިފް އިންތިޒާރު ކުރާނެ.”

ހަގީގަތަކީ ނުޒްނާ ސައިހެދުމުގެ ޚިޔާލެއް ފުރަތަމަވެސް ނެތް ކަމެވެ. އޭނާ ރާވައިގެން ހުރީ ރަނގަޅަށް ފާޒިންއާއެކު މަޖާކޮށްލުމަށް ފަހު ތަނަކަށް ކާން ދިއުމަށެވެ.

ފާޒިން ގެޔަށް ގޮސް ދޮރުގައި ބެލް އަޅާއަޅާ ޚަބަރެއް ނުވިއެވެ. ފޯން ކުރީމަކާ ޖަވާބެއް ނައައެވެ. ފާޒިން އިންތިހާއަށް ކަންބޮޑުވިއެވެ. ޝަބްނަމްއަކީ ކިހާ ހިތްބަލި ކުއްޖެއްކަން އޭނައަށް ވިސްނުނެެވެ. މިވަރުގެ ތޫފާނެއް ބަރުދާސްތު ކޮށްލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނުހުންނާނެއެވެ. އަނެއްކާ ގޯހެއް ހިނގީ ހެއްޔެވެ. އޭނާ ހާސްވެއްޖެއެވެ.

އޭނާ އަވަހަށް ކޮންމެވެސް ގޮތަކުން ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ.

އޭރު ޝަބްނަމް އޮތީ ޚަބަރު ހުސްވެފައެވެ.

ހޮސްޕިޓަލްގައި އައިވީ ގުޅާފައި އޮތް ޝަބްނަމް ގަޑިއެއްހާ އިރު ފަހުން ލޯ ހުޅުވައިލިއެވެ. އޭރު އޭނައަށް އޮވެވުނު ތަނެއް ނޭނގިގެން ވިސްނަން އޮތެވެ. ފާޒިން ފެނުމުން ހުވަފެނަކުން ހޭލާހެން އޭނާ އަވަސް އަވަހަށް އެސްފިޔަ ތަޅުވައިގަތެވެ.

“ޝަބްނަމް، މައި ލަވް.”

“މައި ގޯލްޑް” އޭނާ ޝަބްނަމްގެ ތުންފަތުގައި އިނލިކުރި ހާކައިލިއެވެ.

“ އަހަރެން ހީކުރީ.. އަހަރެން.”

ފާޒިން އޭނާގެ އިނލިން ޝަބްނަމް ވާހަކަ ދެއްކުން ހުއްޓުވައިލިއެވެ.

އެވަގުތު ހީވީ އެތައް ދުވަހަކަށް ވަކިވެ ގޮސްފައިވާ ދެލޯބި ވެރީން އަލުން ބައްދަލުވީ ހެންނެވެ.

ދޮރުހުޅުވާލާފައި ނަރުސް ވަން ކަމެއް އެމީހުންނަކަށް ނޭގުނެވެ.

“ޝަބްނަމް. ޑިސްޗާޖް ކޮށްލަން ޑޮކްޓަރު ބުނުއްވި.” ނަރސް ކަރުކެހިލާފައި ބުންޏެވެ. ދެން އޭނާ އައިސް ޝަބްނަމްގެ އަތަށް ގުޅާފައިވާ އައިވީ ނައްޓާލިއެވެ.

“ލޭގެ ޓެސްޓުން ދެއްކި ގޮތުގައި. ޝަބްނަމް ޕްރެގް. 2 މަންތްސް ވަރު.”

ހީވީ ފަޓާސް ހަވާތަކެއް އަރުވާލެވިގެން ދިޔަހެންނެވެ. ޝަބްނަމަށް އިޚްތިޔާރަކާ ނުލާ ފާޒިންގެ ކަނދުރާގައި ބާރަށް ބައްދައިގަނެވުނެވެ.

އެތޫފާން މިހާ ފޮނިކޮށް ނިމިގެން ހިނގައިދާނެއެކޭ ޝަބްނަމް ހިތަށް ވެސް ނާރައެވެ.

“އަހަންނަށް މާފު ކުރޭ ޝަބްނަމް..”

“ފާޒް އަހަރެންނާ ވަކިނުވާނެކަން މިހާރު ގަބޫލު ކުރެވިއްޖެ. “ ކަރުނައިގެ ތެރޭން ޝަބްނަމް ބުނަމުން ދިޔައެވެ.

ފާޒިން ޝަބްނަމްގެ ލޮލުން އޮހެމުން ދިޔަ ކަރުނަތިކިތައް މުތީތަކެއް ހޮވާހެން އޭނާގެ ތުންފަތުން ހޮވަމުން ދިޔައެވެ.

“ މިހާ އަގުބޮޑު މުތީތަކެއް އޮއްސައި ހުސްކޮށްނުލާ. ހިނގާ އަވަހަށް ގެޔަށް ދާން.”

ފާޒިން ޝަބްނަމްގެ ބަނޑުގައި ނުހަނު ލޯބިން ފިރުމާލުމަށް ފަހު އޭނާ ކޮޅަށް ތެދުކޮށްލިއެވެ.

ދަރިފުޅުގެ ފޮޓޯ ދައްކާފައި ފާޒިން އަހާލިއެވެ. “މިފޮޓޯ ކިހިނެއްތަ؟”

“ރީތި. މިވެސް ރީތި އެވެސް ރީތި ހުރިހާ ފޮޓޯއެއް ވެސް ރީތި.” ޝަބްނަމް ފާޒިންގެ އަތުން ލެޕްޓޮޕް އަތުލާފައި ދުރުގައި ބާއްވާލިއެވެ. ދެން އޭނާގެ އުނގުގައި ކުޑަކުޑަ “ބުލްބުލް” ބާއްވާލިއެވެ. “އަދި މިފޮޓޯ މާރީތި.”

ފާޒިންއާއި ޝަބްނަމްގެ ގުލްޝަނަށް މިއަދު ވަނީ ބަހާރު މޫސުން އައިސްފައެވެ. ހުރިހާ ދިމާއަކުން ފަތިހުގެ ފިނި ޝަބްނަމްގެ ތިކިތައް މާމަލުގެ ފިޔަތަކުން ވިދާބަބުޅަން ފަށައިފިއެވެ.

އުފާވެރިކަމުގެ އިތުރު އިންތިހާއެއް ނެތެވެ.

-ނިމުނީ-