ނޭވާލާ ވައިގެ ޒަރީއާއިން ވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެހެން ކަމުން ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން ފޮތި މާސް އަޅަން ޑރ. މުހައްމަދު އަލީ އިރުޝާދު ދެއްވައިފި އެވެ.
ޑރ މުހައްމަދު އަލީ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތީ ހަމަ އެކަނި “ޑްރޮޕްލެޓްސް” އިން ނޫން ކަމަށާއި އިންސާނުން ބޭރަށް ލާ ނޭވާ އާއި އެކުވެސް އެ ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އާ ދިރާސާއަކުން ދައްކައިފައިވާކަމަށެވެ. “އާ ދިރާސާއަކުން ދައްކާ ގޮތުގައި އަހަރެމެން ނޭވާލާ ވައިގެ ޒަރީއާއިންވެސް ވައިރަސް ޖެހިދާނެ. ބަލިން ރައްކާތެރި ވުމަށް ފޮތި މާސްކުން ނޭފަތާއި އަނގަ ބަންދުކުރެވިދާނެ” ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.
New evidence shows the virus can be expelled through the air we breath out. So except through droplets, there is chance that the virus can be spread through breathing. #COVID19 precautions are to be extended to cover your mouth with cloth masks. pic.twitter.com/ZfVnx1Oyy9
— Dr. Mohamed Ali (@Moxamedalu) April 4, 2020
މީގެ އިތުރުން ޑރ.މުހައްމަދު އަލީގެ ވިދާޅުވީ މި ބައްޔަކީ މުޅިން އާ ބައްޔެއް ކަމަށާއި ބައްޔާއި ބެހޭ އިތުރު މައުލޫމާތު ލިބެމުން އަންނަކަމަށެވެ. އަދި އެމެރިކާއަށް ބަލި ފެތުރުމާއި ގުޅިގެން އެމީހުން ކުރާ ދިރާސާތައް އިތުރުކޮށްފައިވުމުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާނެކަމަށްވެސް ޑރ.މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ،
މީގެ ކުރިން ޑަބްލިއުއެޗްއޯއިން ކޮރޯނާވައިރަސްއަކީ “އެއާބޯން” ނުވަތަ ވައިގެ ތެރޭން ފެތުރޭ ބައްޔެއްކަން އެނގިފައި ނުވާކަމަށް ބުނެފައިވާއިރު މިއީ ނޭވާލާއިރު ބޭރުވާ ވައިން މި ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އޮތްކަމަށް ހާމަކުރި ފުރަތަމަ ދިރާސާއެވެ.