English Edition
Dhivehi Edition
ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް، މުސްތަފާ ޓުޒްކޫ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ތުރުކީވިލާތުގެ މަސްވެރިންނާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް، މުސްތަފާ ޓުޒްކޫ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

ރޭ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިމާރާތް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމަ އެއާއެކު ދެ ޤައުމުގެ ދެމެދުގައި ޤާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުން ތިބީ މިހާރަށްވުރެ ފާގަތި ޤައުމީ ތަރައްޤީއެއްގެ އިންތިޒާރުގައިކަން ފާހަގަ ކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، އެކަން ހާސިލްކުރުމަށްޓަކައި ޓަރކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަން ހާމަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.