English Edition
Dhivehi Edition

ދިވެހިބަހުން ހަކުރު ބަލި ކިޔަނީ ޑައަބެޓީސް އަށެވެ. ޑައަބެޓީސް ޖެހެނީ، ހަށިގަނޑުން ފުދޭވަރަށް އިންސުލިން ނުއުފެއްދުމުންނެވެ. ނޫނީ އިންސުލިން ރަނގަޅަށް ބޭނުންކުރުމަށް ހުރަސް އެޅުމުންނެވެ. އިންސުލިންއަކީ ހޯމޯނެކެވެ. އެއިންކުރާކަމަކީ، ކާއެއްޗެހީގައި އަދި ބޯއެއްޗެހީގައި ހުންނަ ކާބޯހައިޑްރޭޓްސް ހަކަތައަށް ބަދަލުކުރުމެވެ. ކާބޯހައިޑްރޭޓްގެ ތެރޭގައި ހަކުރާއި އޮލަ ހިމެނޭ ކާއެއްޗެހި ހިމެނެއެވެ. ހަށިގަނޑުގައި ބޭނުންވާވަރަށް އިންސުލިން ނުއުފެއްދުމުން ވާގޮތަކީ، ލޭގައި ހަކުރުގެބައި ހުންނަން ކޮންމެހެންޖެހޭ މިންވަރަށް ހަކުރު ނުހުންނަނީ އެވެ.

ހަށިގަނޑަށް އެތެރެވާ ހަކުރުގެބައި ހަކަތައަށް ބަދަލުނުވެ ހަކުރުގެ ގޮތުގައި ހުރުމުން، ލޭ ހޮޅިތަކަށް ގެއްލުންލިބި ޞިއްޙީ މައްސަލަތައް މެދުވެރިވާން ފަށައެވެ. އޭގެތެރޭގައި ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުމާއި ކިޑްނީއަށް ގެއްލުން ލިބުމާއި، ލޮލުގެ ފެނުމަށް ބަދަލު އައުން ހިމެނެއެވެ. މި ގޮތަށް ދިމާވުމުން ހަކުރުބަލީގެ މީހުން ބޭނުން ކުރަން ތައްޔާރުކޮށްފައި ހުންނަ ބޭސް ކާން ޖެހެއެވެ.

ހަކުރުބަލީގެ ބޭސް ބޭނުން ކުރުމާއި އެކު ބައެއް މީހުން ބޭހަށް އެކަނި ހަކުރު ކޮންޓްރޯލް ނުވުމުގެ ސަބަބުން އިންސުލިން ޖަހަން ވެސް ޖެހެއެވެ. އެހެންކަމުން ދެން މި ބަލާލަނީ ރޯދަ މަހު މި ބަލީގެ މީހުން ބޭސްކާން ޖެހޭ ގޮތާއި އިންސުލިން ޖަހާނެ ގޮތްތަކަށް ރާއްޖޭގެ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑރ މުޙައްމަދު އަލީ ވިދާޅުވާ އެއްޗަކަށެވެ.

ޑރ މުޙައްމަދު އަލީ ވިދާޅުވަނީ ބޭސް ބޭނުންކުރާ ފަރާތްތަކުން 2 އިރު ބޭސް ކާން ޖެހޭނަމަ ހެނދުނު ކާން ޖެހޭވަރު ކާނީ ރޯދަ ވީއްލައިގެން ކަމަށެވެ. އަދި ރޭގަނޑު ކާވަރު ކާނީ ހާރުކާގަޑީގައި ކަމަށެވެ.

މެޓްފޯރމިން ކަހަލަ 3 އިރު ކާން ޖެހޭ ބޭސްކާއިރު، ހެނދުނު ކާން ޖެހޭވަރާއި މެންދުރުކާން ޖެހޭވަރު އެއްކޮށްލާފައި ރޯދަ ވީއްލާގަޑީގައި ކާނީ ކަމަށެވެ. އަދި ރޭގަނޑު ކާވަރު ކާނީ ހާރުކާގަޑީގައި ކަމަށެވެ.

“މިއީ ހަކުރު ރަނގަޅަށް ކޮންޓްރޯލް ވެފައި ހުންނަ ނަމަ ބޭސްކާން ޖެހޭނެ ގޮތްތައް. އެެހެން ނޫންނަމަ ޑޮކްޓަރުގެ ލަފާ އަހަންވާނެ.” ޑރ ވިދާޅުވިއެވެ.

އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށްވާ ޖީޕްރައިޑް ބޭހުގެ ރޭގަނޑު ކާވަަރު 50 ވަރަކަށް ޕަސެންޓް ދަށް ކޮށްލަން ޖެހޭކަމަށް ޑރ ވިދާޅުވިއެވެ. އަދި ބޭސްކާއިރު ހެނދުނު ކާވަރު ކާން ޖެހެނީ ރޯދަވީއްލައިގެންކަމަށާއި ބޭސްކައިގެން ބައިގަޑި އިރު މަޑުކޮށްފައި ކާއެއްޗެއް ކެވިދާނެ ކަމަށް ވެސް ޑރ ވިދާޅުވިއެވެ. މީގެ އިތުރުން ރޭގަނޑުކާން އިންނަވަރު ހާރުދަމު ކާއިރު އާންމުކޮށް ބޭސް ކާވަރަށް ވުރެ ދެބައިކުޅަ އެއްބައި ދަށްކޮށްލައިގެން ކެވިދާނެކަމަށާއި މިސާލަކަށް 2 މިލިގްރާމް ކާން އިންނަނަމަ 1 މިލިގްރާމަށް ބަދަލުކޮށްގެން ކެވިދާނެ ކަމަށް ވެސް ޑރ މުޙައްމަދު އަލީ ވިދާޅުވިއެވެ.

“ރޯދަމަހު ވަރަށް މުހިންމުކަމެއް ހަކުރު ދަށްވޭތޯ ޗެކް ކުރުން. މެންދުރު ވެސް ޗެކްކޮށްލަން ވާނެ އަދި ރޯދަ ވީއްލުމުގެ ކުރިން ހަކުރު ޗެކްކޮށްލަންވާނެ. ދަށްވާނަމަ ޑޮކްޓަރަކަށް ދައްކާލާފަ ދެން ހަދަންވީގޮތް އޮޅުންފިލުވަން ވާނެ” ޑރ ކިޔައިދެއްވިއެވެ.

(ނުނިމޭ)