ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު، އިޓަލީވިލާތައް ދިޔަފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ފަތުރުވެރިޔާ ރާއްޖެ އިން ފުރުވާލީ ކުރެއްދޫ އައިލެންޑް ރިސޯޓުން ނޫންކަމަށް ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޤާނޫނީ ވަކީލް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
“ވަގުތު” ނޫހަށް ދިން އިންޓަވިއުއެއްގައި މުހްތާޒް ވިދާޅުވީ ފަތުރުވެރިޔާ ރާއްޖެއިން ފުރުވާލުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައީ އޭނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސި ރާއްޖޭގެ އެޖެންޓްކަމަށާއި އޭނާ ފުރުވާލީ ކުރެއްދޫ އިން ނޫންކަމަށެވެ.
ފަތުރުވެރިޔާ ރާއްޖެ އިން ފުރައިގެން ދިޔަ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤާއި ގުޅޭ މައުލޫމާތު ސާފުކުރަން މިއަދު ކުރެއްދޫއަށް ފުލުހުންގެ ޓީމެއް ގޮސްފައިވާއިރު މުހްތާޒް ވިދާޅުވީ ގަސްތުގައި ބަޔަކު ކުރެއްދޫގެ ނަން ކިލަބުކޮށްލަން މަސައްކަތްކުރަމުންދާ ކަމަށެވެ. ކުރެއްދޫ ރިސޯޓާއި ގުޅުވައިގެން ދޮގު މައުލޫމާތު އެކި ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަކުރައްވަމުން މުހްތާޒް ވިދާޅުވީ އެ ފަދަ ދޮގު ވާހަކަތައް ދައްކާ އެފަރާތްތަކާއި ދެކޮޅަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.
އިޓަލީގެ ފަތުރުވެރިޔާ ގައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުންވެސް ރިޕޯޓް ނުކުރި މައްސަލާގައި ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ތުރުކީ ޑޮކްޓަރުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.