English Edition
Dhivehi Edition

ވެރިކަމާ ދެކޮޅަށް ދުވަހަކު ވެސް ބަޣާވާތެއް ނުކުރައްވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު 07 ފެބްރުއަރީ އާއި އެ ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރިވި 22 ދުވަހުގެ މުޒާހަރާގައި ބައިވެރިކަން ސާބިތުކޮށްދިނުމަށް ރައީސް ނަޝީދަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޗެލެންޖްކުރައްވައިފިއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ޑރ.ޝަހީމް އިސްވެ ހުންނަވާ ފެއްޓެވި ގުރުއާން ޗެލެންޖްގެ ދައުވަތު ރައީސް ނަޝީދަށް ދެއްވުމުން، ޑރ.ޝަހީމަކީ ބަޣާވަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާ އެކަމަށް ތައުބާވެއްޖެނަމަ އެ ޗެެލެންޖްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ މި ވާހަކައަށް ޗެލެންޖުކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ އެކަން ސާބިތު ކޮށްދެއްވައިފިނަމަ ރައީސް ނަޝީދަށް ފައިސާގެ އިނާމާ، އުމްރާ ދަތުރެއް ދެއްވާނެ ކަމަށެވެ. އަދި އެ ދަތުރުގައި އެއްޗެހި އުފުލައްވަން ޑރ. ޝަހީމް ހުންނަވާނެކަމަށްވެސް ވިދާޅުވެފައެވެ. “07 ފެބްރުއަރީއާއި ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރިވި 22 ރޭގެ މުޒާހަރާގައި އަޅުގަނޑުގެ ވީޑިއޯއެއް ވެސް އަދި އޯޑިއޯއެއް، ފޮޓޯއެއް ދެއްކި ނަމަވެސް ރައީސް ނަޝީދަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާއާއި އުމްރާ ދަތުރެއްގެ ދެކޮޅު ޓިކެޓާ، ހުރުމާއި، ކެއުމުގެ ހަރަދު ދޭނަން” ޑރ.ޝަހީމް ވިދާޅުވިއެވެ.

އިތުރަށް ޑރ. ޝަހީމް ވިދާޅުވީ އޭނާއަކީ ބަޣާވާތެއް ކުރި މީހެއް ނޫންކަމަށާއި ބައްޕަ ވެސް ބަޣާވާތެއް ނުކުރާކަމަށާއި ފިސްތޯލައެއް ވެސް އެތެރެ ނުކުރާކަމަށެވެ.” އަޅުގަނޑުގެ ކާފަވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލައެއް ވެސް އެތެރެއެއް ނުކުރޭ. އަޅުގަނޑަކީ އަލީ ސައީދުގެ ދަރި މުހައްމަދު ޝަހީމް އަލީ ސައީދު” ރައީސް ނަޝީދުގެ އާއިލާއިން ކޮށްފައިވާ ބަޢާވާތަަށް އިޝާރަތްކުރައްވާ ޑރ.ޝހީމް ވިދާޅުވިއެވެ،

މީގެ އިތުރުން ޝަހީމް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ކުރެއްވި ތުހުމަތު ތަކަށްވެސް ރައްދު ދެއްވާފައެވެ. މި ގޮތުން ޑރ.ޝަހީމް ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ނާއިބް ރައީސް އަލީ ޒާހިރުގެ ކިބައިން އެ ދުވަހު ޝަހީމް ހުންނެވީ ކޮންތާކުތޯ ސާފު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.