މީގެ 10 އަހަރު ކުރިން، 07 ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތަކަށް އަދިވެސް އިންސާފު ނުލިބޭ ކަމަށާއި އިންސާފު ލިބެން އޮތީ އެ ކަމުގައި އިސްކޮށް އުޅުނު މީހުން ދަން ޖައްސައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރު ނާޒިލް ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ އެ ކަންކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެއާ ޖެހިގެން އައި ދުވަހު އެމްޑީޕީ ސަޕޯޓަރުން މުޒާހަރާ ކުރުމުން ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތައް ވެސް ބަލައިނުގަނެވޭނެކަމަށް ނާޒިލު ވަނީ ވިދާޅުވެފައެވެ،
އެ ހާދިސާއަށް 10 އަހަރު ވެގެން ދިޔައިރު ވެސް އެ ކަމުން ގައުމު އަރައިނުގަނެވޭކަން ފާހަގަކޮށް ނާޒިލު ވަނީ އެކަމަށް އިންސާފު ލިބެން އޮތީ، އެ ކަމުގައި އިސްކޮށް އުޅުނު މީހުން ދަން ޖައްސައިގެން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަން ފެށި މުޒާހަރާތައް ވަރުގަދަވެ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވެސް ސަރުކާރާއި ދެކޮޅަށް ނުކުތުމުން ރައީސް ނަޝީދު ވަނީ އިސްތިއުފާދެއްވާފައެވެ. ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ.
އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް ވެރިކަން “ބަޣާވާތަކުން” ވައްޓާލީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.