English Edition
Dhivehi Edition

އަހަރެން ދިރިއުޅެމުން ދިޔައީ އިޓަލީގައެވެ. ކިޔަވަމުން ދިޔައީ އިޓަލީގެ ޔުނިވަރސިޓީއެއްގައެވެ. ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވަން ފުރުސަތު ލިބިފައިވާތީ ފައިސާއާއި މެދު ވިސްނާކަށް ނުޖެހެއެވެ. ދިރިއުޅޭނެ ރީތި އެޕާޓްމަންޓެއް ހުރެއެވެ. އެތަނުގައި އަހަންނާއެކު ސައުތު އެފްރިކާގެ ކުއްޖަކު ދިރިއުޅެއެވެ. ކިޔެވުމާއެއްވަރަށް ދިރިއުޅުން ވެސް މަޖަލެވެ. ބޭނުންއިރަކަށް ނިދާލާފައި ބޭނުންތަނަކަށް ގޮސްލާހެދެއެވެ. ގަވާއިދު ހަދާކަށް ބެލެނިވެރިއަކު ނުހުރެއެވެ. ދޭތެރެ ދޭތެރެއިން މަންމަމެން ގުޅާލައެވެ. އެވަގުތަކު ފޯނު ނަގަން ބޭނުން ނޫނިއްޔާ ނުނަގަމެވެ.

އަހަރެންގެ އުފަން ގައުމަކީ ޕާކިސްތާނު ކަމަށް ވުމުން އަމިއްލަ ރަށުގައި ދިރިއުޅޭއިރު ހަރުކަށި ގަވާއިދު ތަކެއް ހުރެއެވެ. ގިނަ ގަވާއިދުތައް ދެކެ އަހަރެން ފޫހިވެއެވެ. އެއްވެސް މިނިވަން ކަމެއް ނެތަތީއެވެ. ދިރިއުޅުމުގެ މަޖާކަން މި ހަރުކަށި ގަވާއިދުތަކާއެކު ވަޅުޖެހޭތީއެވެ. އެހެން ކަމުން އަހަރެން އަބަދުވެސް ބަލަބަލާ ހުރީ މިފަދަ ފުރުސަތަކަށެވެ. ގައުމުން ބޭރުގައި ދިރިއުޅެލުމަށެވެ. މިނިވަންކަމާއެކު ނޭވާލުމަށެވެ. ލިބުނު ސްކޮލަރޝިޕްގައި އިޓަލީއަށް އަހަރެން ދިއުމަށް މައިންބަފައިން އާނ ބަސް ބުނީ ހިތުން ރުހުމުން ނޫންކަން އެނގެއެވެ. އަހަރެން ބުނެފިއެއްޗެއް ދޫނުކުރާނެކަމާއި ކުރަން ބޭނުންކޮންމެ ކަމެއް ކުރާނެ ކަން އެނގޭތީ އަހަރެންގެ މުސްތަގުބަލް ވެ އުޖާލާވުމަށް ވެސް އެދިއެވެ.

2020 އަންނަން ވާއިރަށް އަހަރެމެން ތައްޔާރުވީ މިއީ ބިރުވެރި އިންޒާރަކާއެކު އަންނަ އަހަރެއްކަން ނޭނގިއެވެ. އާ ސާސްކަފަކަށް އަހަރެމެން ފުރިހަމައަށް ތައްޔާރުވީމެވެ. ޗުއްޓީގައި އަމިއްލަ ގައުމަށް އައުމަށް މަންމަމެން ދިން ދައުވަތު ގަބޫލު ނުކޮށް ފިނިމޫސުމުގެ ޗުއްޓީގައި ޔޫރަޕްގެ ހުރިހާ ގައުމުތަކެއް ބަލާލުމަށް ޕްލޭން ކުރީމެވެ. ދުރާލާ ދަތުރުގައި ދާނެ ރައްޓެހިންގެ ގުރޫޕެއްހަދައި ފްލައިޓް ޓިކެޓް ތަކާއި ތިބޭނެ ހޮޓެލްތަކުގެ ބުކިންސް ހަދާލީމެވެ. ހޮލިޓޭ ޓުއަރ ޕޭޖްތައް ބަލައިގެން ރަނގަޅު ޕެކޭޖްތަކެއް ނަގާ އެޑްވާންސަށް ފައިސާވެސް ދައްކާލީމެވެ. ދަތުރު ދާންވާއިރަށް އެބައިތައް ނިމިފައި ހުރުމުން ޖީބަށް ކުރާ އަސަރު އެވަގުތު ކުޑަވާނެއޭ ހިތައެވެ. ޕްލޭން ކޮށްފައިވާ ގޮތުގައި އަހަރެމެންގެ ދަތުރު އޮތީ ފެބްރުއަރީ މަހުގެ ނިމޭތާނގައެވެ.

އިންސާނުން ކުރާ މޮޅު ތަދުބީރު ތަކަށް ވުރެ ތަގުދީރުގައި ލިޔެވިފައިވާ ގޮތް ބާރުގަދަކަން އަހަރެމެންނަށް ރޭކާލީ ވަގުތު ފާއިތުވީފަހުންނެވެ. ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޗައިނާއިން ފެނުނު ބިރުވެރި ބައްޔެއް އަހަރެމެންގެ ޕްލޭން ފަނިކޮށްލައިފިއެވެ. އެހެނަސް އެއީ ޗައިނާތާއެވެ. އަހަރެމެން ދާން އޮތީ ޔޫރަޕްގެ ގައުމުތަކަށެވެ. ޗައިނާގައި ބޮޑު ބައްޔެއް ފެތުރި އެގައުމު ބަންދުކުރިއަސް އަދި އަހަރެމެންނަށް ކުރާނެ އަސަރެއް ނޯންނާނެކަމުގައި ގަބޫލުކުރީމެވެ. އެހެންކަމުން ޕްލޭން ކުރި ގޮތަށް ދަތުރު ކުރުމަށް ނިންމައިގެން ތިބީމެވެ.

ޗައިނާއިން ފެތުރެން ފެށި ބިރުވެރި ބައްޔެއް ކަމަށްވާ ކޮރޯނާ ވައިރަސް ގެ އަސަރު މުޅި ދުނިޔެއަށް ފެތުރެމުން ދިޔައީ ބަލަބަލައި ތިއްބައެވެ. އޭރުވެސް އަހަރެމެން އެކަމަކާ މާ ބޮޑަކަށް ކަންބޮޑެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެބަލީގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ސިއްހީ މައްސަލަތައް ހުންނަ މީހުންނަށެވެ. އަހަރެމެން ގައި ބާރުހުރި ޒުވާނުން މާބޮޑަށް ހާސްވާކަށް ނުޖެހެއެވެ. އެހެންކަމުން އެކަމާ ގުޅުވައިގެންނޭ ކިޔާފައި އަހަރެމެން ޕްލޭން ބަދަލެއް ނުކުރަމެވެ. ރޭގަނޑުގެ ޕާޓީތައް މަދެއްވެސް ނޫނެވެ. ޑިސްކޯތަކާއި ޕާޓީތަކެވެ. މަޖާކުރުމާއި ކުޅިވަރުތަކެވެ. އޭރު ޗުއްޓީވެސް ލިބިފައި އޮތުމާއެކު ކިޔެވުމަކާ މާބޮޑަށް ހާސްވާކަށް ނުޖެހެއެވެ.

“ދަރިފުޅާ. ބޭރަށް ނިކުމެ ނޫޅޭތި. ތި ދާން އުޅޭ ދަތުރުގައި މިފަހަރު ދިއުން ރަނގަޅެއް ނޫން. ޗުއްޓީ ނިމެންދެން ރަށަށް އަންނަން ވީއެއްނު. މިހާރު ހާދަ ގިނަ ގައުމަކުން ވައިރަސް ފެނިއްޖެއޭ” ބައްޕަގެ ފޯނުކޯލު އަހަންނަށް ވީ މަޖަލަކަށެވެ. އެއީ ބައްޕަމެން ގެންގުޅޭ “ކަޓު” ޚިޔާލު ކަމަށް ދެކުނީމެވެ.

“ބައްޕަ ހާސްވަނީ އެއްވެސް ކަމަކާ ނުލައޭ. މިތާކު ތިކަމެއް އަދިއެއްނެތް. އެހެން ދޭތެރެއަކުން މީހަކު ޕޮޒިޓިވް ވިޔަސް އެއީ މިކަހަލަ ކުރި އަރާފައިވާ ތަންތަނުގައި މާ ބޮޑު ކަމެއް ނޫނޭ. އިޓަލީ އަކީ ދުނިޔޭގެ ބޭސްވެރިކަމުގައި އެންމެ ކުރީގައި އޮތް ގައުމު. ބައްޕަމެން ކަންބޮޑުވަންޏާ މިތަނަށް އާދޭ” މަޖަލަކަށް ހަދާފައި އަހަރެން ބައްޕައަށް ޖަވާބު ދިނީމެވެ. އެ ޖަވާބުގެ ސަބަބުން ބައްޕައާއި މަންމަ އަހަރެންގެ ސަލާމަތަށް އެދި އިޓަލީއަށް އަތުވެދާނެއެކޭ އޭރު ފަހަރެއްގައި ވެސް ހިތަކަށް ނާރައެވެ. ނަމަވެސް ޖެހިގެން އައި ހަފްތާގައި މަންމައާއި ބައްޕަ އަހަންނާއި ބައްދަލުކުރަން އަންނަ ވާހަކަ ބުނުމުން އަހަރެން އިންތިހާއަށް ކަންބޮޑުވިއެވެ. މިނިވަންކަން ގެއްލޭނެތީއެވެ. ޗުއްޓީ ޚަރާބުވެދާނެތީއެވެ. އެހެނަސް އަހަރެން ބުނާއެއްޗެއް ނުވަތަ ދައްކާ ވާހަކައެއް މަންމައާއި ބައްޕަ ގަބޫލު ނުކުރާނެކަމުން އިތުރު ގޮތެއް ނެތިގެން އަހަރެން ހަތިޔާރު ބެހެއްޓީއެވެ. ބައެއްފަހަރު މަންމައާއި ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅަށް ވީތީ ރުޅި އާދެވެނީ މިކަހަލަ ކަންތައްތައް ދިމާވާތީއެވެ.

މަންމައާއި ބައްޕަ އަހަރެންގެ ގާތަށް ދުވަސްކޮޅަކު ތިބެލަން އައުމުން އަހަރެން ގޮތަކަށް ގޭގައި “ބަންދު” ވިއެވެ. މަންމަމެން އައުމުގެ ހަގީގީ ބޭނުމަކީވެސް އެއީކަން އަހަންނަށް ވިސްނުނެވެ. އަހަރެން މަންމަމެންނަށް ވިސްނައިދޭން އުޅުނީ މިއީ އެހީކުރާހާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށާއި މަންމަމެން ކަންބޮޑުވެ ހާސްވަނީ ހަމަ ކަމަކާ ނުލައި ކަމެވެ. އަދި މި ޗުއްޓީގައި މަންމަމެން ތިބޭ ދުވަސްކޮޅު ބޭރަށް ގޮސް ތަންތަން ބަލާ މަޖާކޮށްލުމަށް އެދި ބުނީމެވެ. ނަމަވެސް ބައްޕަގެ ޖަވާބު ކުރެވެ.

“އަހަރެމެންނަކީ އުމުރުން ދުވަސްވެފައި ތިބި ބަލި މީހުން. އަދި ދަރިފުޅުމެން މީހުންނާ އިނދެގެން ދިރިއުޅުމެއް ފަށައި ކާފަ މާމަ ކިޔާނެ ކުދިން އަންނަތަން ދެކެން ދުނިޔޭގައި ތިބުމަށް ހިތްއެދޭ. އެހެންވީމާ މިފަދަ ބަލާއާފާތްތަކުން ސަލާމަތްވެ ރައްކާތެރިވެގެން ތިބުން ބޭނުން. މިހާރު މިގައުމުގައި ވެސް ބަލި އެދަނީ ފެތުރެމުން. ބައްޕަ ނޭދެން ދަރިފުޅުވެސް ގެއިން ބޭރަށް ނިކުމެ ރައްޓެހިންނާއެކު އެތަން މިތަނުގައި އުޅޭކަން.” ސާފުބަހުން ބައްޕަ ބުނެދިނީ އަހަރެން ގޭގައި ބަންދުކަމަށެވެ.

ބައްޕައާއި މަންމަ ދެކެ ކިތަންމެ ލޯބިވިޔަސް އެފަދަ މުސްކުޅި ޚިޔާލުތައް ދެކެ އަހަރެން ފޫހިވެއެވެ. އަދި އަމުދަކުން އަހަރެމެންގެ އެކުވެރިންގެ ގުރޫޕުގައި ނަގާކިޔާ އެންމެ ފޯރިގަދަ މީހަކީ އަހަރެން ކަމުން މިގޮތަށް ގޭގައި ހުންނަން ވުމުން ގުރޫޕު އޮތީ ވައިވެފައެވެ. އިރު އިރުކޮޅާ އެމީހުން އަހަންނަށް ގުޅައެވެ. މެސެޖްކުރެއެވެ. ޖޯކުޖަހައި ދިމާކޮށްހަދައެވެ. ހުންއަންނާނެ ކަމަށް މާކުރިން ރަޖާލައިގެން ގެއަށް ވަދެ އޮތަތީއެވެ.

ވައިރަސް ގެ އަސަރު އިޓަލީއަށް ކުރަމުން ދިޔައީ އަހަރެމެން ހީކުރި ގޮތާ ޚިލާފަށެވެ. ބޭސްފަރުވާގެ ގޮތުން ކިތަންމެ ކުރިއަރާފައިވާ ގައުމެއް ކަމުގައި ވިޔަސް ކޮންމެ ދުވަހަކު އެތަކެއް ބަޔަކު ވައިރަހަށް ޕޮޒިޓިވް ވެ މީހުން މަރުވާ އަދަދު ބަލަބަލައި ތިއްބާ ގިނަވާން ފެށިއެވެ. މިހުރިހާ ކަމެއް ޓީވީ އާއި އިންޓަނެޓްގެ ޒަރީއާއިން މަންމަމެންނަށް ދިޔައީ އެނގެމުންނެވެ. އެހެންކަމުން ދޮގެއް ހަދާ އޮޅުވާލާފައިވެސް ބޭރަށް ދެވެން އަހަންނަކަށް ނެތެވެ.

“އޭ ހާދަ ކަޑައޭ. އަހަރެމެން ފުރާ ދުވަސް ވެސް އެ ޖެހެނީ. ކިހިނެއް ތިހަދަނީ؟ މުޅި ޕްލޭން ފަނިކޮށްފަ ގެއަށް ވަދެ ފިލާ ތި އޮންނަނީ” އަހަރެންގެ ފްރެންޑުން އިރު އިރުކޮޅާ ގުޅަމުން ދެއެވެ.

“މަވެސް ދާން ބޭނުމޭ. އެކަމަކު މަންމަ މެން މިކޮޅުގައި ތިބީމަ ތި ފުރުސަތެއް ނެތޭ. ހިއްޔެއް ނުވޭ މި ދަތުރު ދެވޭނެ ހެނެއްވެސް. ގިނަ ގައުމުތަކުގެ ބޯޑަރު އެދަނީ ބަންދުކޮށް ލޮކްޑައުން ކުރަމުން. ކިހިނެއް ދަތުރު ކުރާނީވެސް” އަހަރެން ހިތާ ދެކޮޅަށް ނަމަވެސް ވިސްނައިދެވޭތޯ އުޅުނީމެވެ.

“މާ މުސްކުޅި ޚިޔާލުގެ ވާހަކަ ނުދައްކާ ޒަމާން ވެ ބަލަ. ކޮންމެވެސް ގޮތެއް އޮންނާނެއެއްނު. ހިނގާބަލަ މީޓްވެލަމާ. މިރެއަކީ ގުރޫޕް ކުއްޖެއްގެ ބާތްޑޭކަން ވެސް ހަނދާނެއް ނެތް ދޯ. މަންމަމެން ނިދީމާ އާދޭ. އެމީހުންނަކަށް ނޭނގޭނެއެއްނު” އެކުވެރިންގެ ވާހަކަތަކާ ދެކޮޅު ހަދާހިތެއް އަހަރެން ނުވެއެވެ. އެމީހުން އެދައްކަނީ އަހަރެންވެސް ބޭނުންވާ ގޮތުގެ ވާހަކައެވެ.

“އާން އޯކޭ. ދާނަން” އަހަރެން އެމީހުންނަށް ޔަގީންކަން ދިނީމެވެ.

އެރޭ މަންމައާއި ބައްޕަ ނިދަން ދިއުމުގެ ކުރީގައި އަހަރެން “ނިދީމެވެ” އަހަރެން މާ އަވަހަށް ކޮޓަރިއަށް ވަދެ އޮށޯތުމުން ޓީވީ ބަލަން ތިބެފައި މަންމައާއި ބައްޕަވެސް ކޮޓަރިއަށް ވަނެވެ. އަހަރެން އޮތީ އެ ވަގުތަށް ބަލަބަލައެވެ. ގޭތެރޭގެ އަޑުތައް ހަމަހިމޭން ވުމުން ސިއްރު ސިއްރުން އަހަރެން ބޭރަށް ނިކުތީމެވެ. ގެއާއި ކުޑަތަންކޮޅެއް ދުރުގައި އަހަރެމެންގެ ގުރޫޕު ކާރުގައި ތިއްބެއެވެ. އަހަރެން ގޮސް ކާރަށް އެރުމުން އުފަލުން އެންމެން ހަޅޭލަވައިގަތެވެ. ދުވަސްކޮޅަކަށް ނަމަވެސް ނުފެނި ތިބެ ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

އެރޭގެ ޕާޓީ ވަރަށް މަޖަލެވެ. އެއީ ރަނގަޅު “ސެލެބްރޭޝަން” އެކެވެ. އެތަނުގައި ތިބެގެން ވެސް އެކަކު އަނެކަކަށް އަހަންނާ ދިމާކޮށް ހެދިއެވެ. ވައިރަހަށް ފިލައިގެން އެނދުތަންދޮށަށް ވަދެ އޮތީކަމަށް ބުނެ ޖޯކުޖެހިއެވެ. އެރޭ އަހަންނަށް އެންމެ ޚާއްޞަވެގެން ދިޔައީ އަހަރެން ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި އަޅައިގެން އުޅުނު ސްމާޓް ޖޯންސް ގެ އާނބަހާ އެކުގައެވެ. އޭނަ އަމިއްލައަށް އިސްނަގައި އަހަންނަށް ލޯބި ހުށަހެޅީއެވެ. އެކަމުގެ އުފަލުގައި އެތައް އިރެއް ވަންދެން އަހަރެމެން ނަށައި އުފާކޮށް ހެދީމެވެ.

ޕާޓީ ނިންމާލާފައި އަހަރެން ގެއަށް އައީ ފަތިސްވާން އުޅެނިކޮށެވެ. ނަސީބު ރަނގަޅުކަމުން މަންމަމެންނަކަށް އަހަރެން ބޭރަށް ދިޔަކަން ރޭކާވެސް ނުލައެވެ. އެހެންކަމުން ހަމަޖެހިލައިގެން އޮވެ އަހަރެން ނިދާލީއެވެ.

“އިޓަލީ ލޮކްޑައުން ކޮށްފި. ފުރަން ވެސް ދެން އޮތީ ކުޑަ ދުވަސްކޮޅެއް. އެނބުރި ގައުމަށް ދާނީ ވެސް ކިހިނެއް ބާވައޭ ހިތައް އަރާ. މިތަން ހާދަ ބިރުވެރިއޭ. ހާދަ ބައެކޭ ކޮންމެ ދުވަހަކު އެ މަރުވަނީ. އަދި އެވެސް ހާދަ ވޭނެއްގައި” އަހަރެން ހެދުނު ސައިބޯން އައިއިރު ޓީވީ ބަލަން އިން ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

“މީހުން މަރުވާ ވަރު ގިނަކަމުން ވަޅުވެސް ނުލެވިގެން އެއުޅެނީ. އަދި މަރުވަނީވެސް ހާދަ ނިކަމެތިކޮށް އޮވެގެންނޭ. އެފަދަ މަރެއް ނުދައްކަވާށި” ބައްޕަގެ ކަންބޮޑުވުން އިންތިހާއަށް ދިޔައެވެ.

“ތިޔައީ ބައްޕަމެން މާ ގިނައިން ޓީވީ ބަލާތީ ވާ ގޮތް. ޓީވީތަކުން ގިނަ ފަހަރު މާ ކަންބޮޑުކޮށްލައިގެން ދައްކާނީވެސް. ” އަހަރެން ބައްޕަގެ ހިތްހަމަޖައްސައިދެވޭތޯ އުޅުނީމެވެ.

“ދަރިފުޅާ އޮޅިގެން ވެސް ބޭރަށް ނުދާތި. މިކަމުން ދަރިފުޅާއި އަދި މަންމައާއި ބައްޕަ ވެސް ސަލާމަތް ވޭތޯ ދުއާ ކުރާތި. މިހާރު ހިތައް އަރާ މި ގައުމަށް ނާދެވުނު ނަމައޭ” ބައްޕަގެލޮލުން ކަރުނަ އައެވެ. އޭރު ޓީވީން ފެންނަމުން ދިޔައީ ހޮސްޕިޓަލް ތަކުގައި ޑޮކްޓަރުންނާއި ނަރުހުން ބަލިމީހުންނާއިގެން ނުކަތައިގެން އުޅޭ މަންޒަރެވެ. ހޮސްޕިޓަލްތައް ފުރި ބާރުވެގެން މަގުމަތީގައި އެނދުތައް ބަހައްޓައިގެން މީހުން ކޮޅުކޮޅަށް ދުވެ ނަގާ ތަނެވެ. ހާލު ބޮޑުވެގެން ނޭވާ ނުލެވިގެން މަރާ ހަނގުރާމަ ކުރަމުންދާ މީހުންތަކެވެ. އެމީހުންގެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމުގެ އަސަރެވެ.

ފުރަތަމަ ފަހަރަށް އަހަންނަށް ވެސް މިކަމާމެދު ފުންކޮށް ވިސްނާލެވުނެވެ. ހަމަގައިމުވެސް އަހަރެންގެ ތިމާގެ މީހަކު މިފަދަ ހާލެއްގައި ވުމަކަށް އަހަރެން ނޭދެއެވެ. ވަކިން ޚާއްޞަކޮށް ލޯބިވާ މަންމައާއި ބައްޕައެވެ.

ބައްޕަގެ އަތުގައި ހިފާލަމުން އަހަރެން ބައްޕައަށް ހިތްވަރު ދިނީމެވެ. ކެތްކުރުމަށާއި މިކަމުން ސަލާމަތްވީހާ އަވަހަކަށް އެނބުރި ގައުމަށް ދާނެ ކަމަށް ބުނެ ވައުދުވީމެވެ.

ގޭގައި ފުދޭވަރަކަށް ސާމާނު ގަނެފައި ހުރުމުން ކައްކައި ކެއުމަކަށް އުނދަގުލެއް ނެތެވެ. ގިނަފަހަރު މަންމަމެންނަށް ކާން ތައްޔާރުކޮށް ދެނީ ވެސް އަހަންނެވެ. ނަފްސާނީ ގޮތުން އެމީހުންނަށް ކޮށްފައިވާ އަސަރު އަހަންނަށް އެނގެއެވެ. އޭރު އިޓަލީ ގައި ދުވާލަކަށް ހާހުން މީހުން މަރުވަމުން ދާ ކަމަށް ޚަބަރުތަކުން ދިޔައީ އެނގެމުންނެވެ. މުޅީ ގައުމު އޮތީ ހާސްކަމެއްގައެވެ.

“އޭއި ޖޯންސް ވައިރަހަށް ޕޮޒިޓިވް ވެއްޖެ. މިހާރު ހޮސްޕިޓަލަށް ގެންގޮސްފި. އޭނަގެ ހާލު ވަރަށް ދެރަ” އަހަރެންގެ ގުރޫޕު ކުއްޖަކު އަހަންނަށް ގުޅާފައި ދިން ޚަބަރު ވެގެން ދިޔައީ ބާރުގަދަ ބޮމެއް ގޮވުން ފަދަ ބިރުވެރި ކަމަކަށެވެ.

“ޖޯންސް؟؟؟ ކޮން އިރަކު؟؟” އަހަރެންގެ ކަރުތެރެ ހިކި ބުރިބުރިވި ކަހަލައެވެ. ޖޯންސް އަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. މީގެ ތިން ދުވަސްކުރިން އަހަރެމެން އެކީގައި ޕާޓީގައި ޑާންސްކޮށް ހެދީމެވެ. އޭރު އޭނަގެ ކިބައިން އެކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އެކަމަކު މިހާރު މިވީ ކިހިނެއް ހެއްޔެވެ؟

ޖޯންސްގެ ހާލަތަށް ވުރެ ބޮޑަށް އެވަގުތު އަހަންނަށް ވިސްނުނީ މަންމައާއި ބައްޕައާއި މެދުގައެވެ. ގައިން ގަޔަށް އަރާ މި ނުރައްކާތެރި ވައިރަސް ހަމަ ޔަގީނުންވެސް އަހަރެންގެ ފުށުން މިގެއަށް މިހާރު ވަދެދާނެ ކަމާ މެދު ޝައްކެއް ނުކުރަމެވެ. މަންމައާއި ބައްޕަ މަރުގެ އަނދަވަޅަކަށް ވައްޓާލެވުނީ އަހަރެންގެ ފަރުވާ ކުޑަކަމުންނެވެ…! ޚިޔާލަށް އައީ ވައިރަސް ޖެހިދާނެތީ ބައްޕައާއި މަންމަ އެކިފަހަރު ދައްކާފައިވާ ވާހަކަތަކެވެ…! ހަދާނެ ގޮތް ބޮޑުވެ ދެފައިން ބާރުހުސްވެ ހުރިތަނަށް އަހަންނަށް ބިންމަތީގައި އިށީނދެވުނެވެ. މިވާހަކަ އަހަރެން އެމީހުންކައިރީގައި ބުނާނީ ފަހެ ކޮން ދުލަކުން ބާވައެވެ..!

ޖެހިގެން އައި ދެދުވަސް ތެރޭގައި އަހަންނަށް ލިބެމުން ދިޔައީ މުޅިންވެސް ބިރުވެރި ޚަބަރުތަކެވެ. ކޮންމެ ފޯނު ކޯލަކާއެކު އަހަންނަށް ހާސްވެ ތެޅި ފޮޅިގަނެވެއެވެ. އަހަރެމެންގެ ގުރޫޕުގެ ގިނަ އެކުވެރިން ބައްޔަށް ޕޮޒިޓިވް ވަމުން ދިޔަޚަބަރުން އަހަރެންގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔައެވެ. އަހަރެން މިވާހަކަ މަންމަމެންނަށް ބުނެދޭން ވީ ވަގުތު ޖެހުނީއެވެ. އަހަރެންގެ ފަރުވާކުޑަވުމުގެ ސަބަބުން މަންމައާއި ބައްޕަ މި ބިރުވެރި އަނދަވަޅަށް ވައްޓާލެވުނު ކަމުގެ ވާހަކަ ބުނަންވީއެވެ!

“ދަރިފުޅާ. ނިކަން އަވަހަށް އާދެބަލަ. ބައްޕަ އުޅެނީ ނޭވާލާން އުނދަގޫވެގެން. ގަދަޔަށް ހުންވެސް އައިސްފައި މިހިރީ” މަންމަގެ އަޑު އަހަރެންގެ ކަންފަތުގައި އެވަގުތު ޖެހުނީ ވާދީއެއްގެ ތެރޭގައި ހުރެ މީހަކު ހަޅޭލެވުމުން އަޑު އެކޯވެގެން އެކިފަރާތް ފަރާތުން އަންނަ ބިރުވެރި އަޑުތަކެއްގެ ސިފައިގައެވެ. އަހަރެން ދެފަޔަށް ބާރުލަމުން ދުވެފައި އެތަނަށް ދިޔައީމެވެ. އޭރު ބައްޕައަށް ނޭވާ ނުލެވިގެން ތެޅެމުން ފޮޅެމުން ދިޔައެވެ.

“އަހަންނަށް ވައިރަސް ޖެހުނީތަ…ނޫން…އަހަރެން ވަކިން ފޮނުވާ ނުލާތި…އެމީހުން އަހަރެން ގެންގޮސްފިއްޔާ ދެން ނުވެސް ފެންނާނެ….މަރުވިޔަސް މަހާނަވެސް ނުހުންނާނެ…އަހަންނަށް ވައިރަސް ޖެހެންވީ ކީއްވެ؟ އުނދަގުލުން ނޭވާ ލަމުން ބައްޕަ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

ހިތް ނޭދުނު ނަމަވެސް ހޮޓްލައިން ނަމްބަރަށް ގުޅަން އަހަންނަށް މަޖުބޫރުވިއެވެ. އަހަރެން ނަމްބަރަށް ގުޅުމަށް ފަހު ވައިރަސް އަށް ޝައްކު ކުރެވޭ ބަލިމީހަކު އޮތް ކަމަށް ބުނީމެވެ.

އެމްބިޔުލަންސް ގެ ސައިރަންގެ އަޑު ގެއާއި ގާތްވި ވަރަކަށް އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ބައްޕަގެ މޫނު ފެންނާނެ އެންމެ ފަހުގެ ވަގުތު އައީ ކަމަށް ހިތް ބުނަމުން ދިޔައެވެ.

ހަމައެވަގުތު މަންމަގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓުނުތަން ފެނުނެވެ. އަހަރެން ދުވެފައި ގޮސް މަންމަގެ ހަށިގަނޑުގައި ހިފީމެވެ. މަންމަ ހުމާ އަނދަނީއެވެ. މަންމަ ވެސް…؟؟؟ އަހަރެން އަޑުން އަޑުނަގައި ރޯން ފެށީމެވެ. މިކަމުގައި ކުއްވެރިއަކީ އަހަންނެވެ. މަންމައާއި ބައްޕައާއި ހަމައަށް މި ވައިރަސް ގެނައީ އަހަންނެވެ. އެމީހުން އެހާލުގައި ޖެއްސި މީހަކީ އަހަރެން ފިޔަވައި ދެވަނަ މީހެއް ނޫނެވެ.

ބައްޕަ ބަލައި އައި އެމްބިޔުލަންސް އެނބުރި ދިޔައީ ބައްޕައާއި މަންމަ ވެސް ގޮވައިގެންނެވެ. އަހަރެން ގޭގައި ކަރަންޓީނު ކޮށް އަހަރެންގެ ސާމްޕަލް ވެސް ނަގައިގެންނެވެ. އަހަރެން އެމީހުންގެ ކައިރީގައި ރޮއި އާދޭސްކޮށް ބުނަމުން ދިޔައީ އަހަރެންވެސް މަންމަމެންނާއެކު ގެންދިޔުމަށެވެ. އަހަރެންގެ ގަޔަށް މިހާރު ވައިރަސް ވަދެފައި ހުންނާނެ ކަމަށާއި މަންމައާއި ބައްޕަ ދާތަނަކަށް އަހަރެންވެސް ދާން ބޭނުންކަމަށެވެ. ނަމަވެސް އެމީހުން ދިޔައީ އަހަރެން ބަހައްޓާފައެވެ.

މަންމައާއި ބައްޕަ ގޮވައިގެން އެމްބިޔުލަންސް ދިޔަތަން ކަރުނަވީ ލޮލަކުން ބަލަން އަހަރެން ހުރީމެވެ. ހިތަށް އަހަރަމުން ދިޔައީ އެއީ އެމީހުންގެ މޫނުތައް ފެންނާނެ އެންމެ ފަހުގެ ވަގުތު ކަމަށެވެ. ލޯބިވާ މަންމައާއި ބައްޕަގެ މަރުގެ ޒިންމާ އެޅޭނީ އަހަރެންގެ ބޮލުގައެވެ. މިޚަބަރު އަމިއްލަ ގައުމުގައި ތިބި އާއިލާގެ މީހުންނަށް ދޭނީ ކިހިނެއް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަނިމާއެކަނި ގޭގައި އިނދެގެން އަޑުން އަޑުނަގައި ރޮމުން އަހަރެން ދިޔައީމެވެ.

“ދަރިފުޅާ..ކިހިނެއް ތިވަނީ؟ ކީއްވެ ތިޔަ ރޮނީ؟” އެ އިވުނީ މަންމަގެ އަޑެވެ. އަހަރެން އަވަސް އަވަހަށް ލޯހުޅުވައި ބަލާލީމެވެ. އަހަރެން މިއޮތީ ކޮންތާކުކަން ދެނެގަންނަން ފުރަތަމަ އުނދަގޫވިއެވެ.

“ހުވަފެނެއް ފެނުނީ ދޯ. އެހެންވާނީ ފަތިސްނަމާދަށް ނުހޭލައި ނިދަން އޮތީމާ. ދެންވެސް އަވަހަށް ތެދުވޭ” މަންމަގެ އަޑުގައި ބަލީގެ އަސަރެއް ނެތެވެ.

އަހަރެން ރަނގަޅަށް ދެލޯހުޅުވައި ބަލާލީމެވެ. މިއީ އިޓަލީއެއް ނޫނެވެ. މިއީ އަހަރެންގެ އަމިއްލަ ގެއެވެ. އަހަރެން މިއޮތީ މާލޭގައި އަހަރެމެން ދިރިއުޅޭ އެޕާޓްމަންޓްގެ ކޮޓަރިއެއްގައެވެ. އަހަރެންގެ ގައުމަކީ ޕާކިސްތާނެއް ވެސް ނޫނެވެ. އިޓަލީއަށް އަހަރެން ކިޔަވަންދާނީ ކިހިނެއް ހެއްޔެވެ. އަދި މިއުޅެނީ އޭލެވެލް ވެސް ނުނިމިގެންނެވެ.

ހަމަޖެހިލަމުން ފުން ނޭވައެއް ދޫކޮށްލީމެވެ. އަވަސް އަވަހަށް ތެދުވެ ފަތިސް ނަމާދުކޮށް މަންމައާއި ބައްޕަގެ ސަލާމަތަށް އަދި މުޅި ގަމުގެ ސަލާމަތަށް އެދި ދުއާކުރީމެވެ. ހުވަފެނުން ދިން މެސެޖް ކިތަންމެ ހައިވެސް ރަނގަޅެވެ.

އަހަރެންގެ އާއިލާއަށް މި ވައިރަސް ޖައްސާ މީހަކީ އަހަރެން ކަމުގައި ނުވާނަމެވެ! އަހަރެންގެ ލޯބިވާ މީހުން މި ވައިރަހުގެ ޝިކާރައަކަށް އަހަރެންގެ ފުށުން ވިޔަކަ ނުދޭނަމެވެ!!

 

3 ކޮމެންޓް
Byron
ސެޕްޓެމްބަރު 29, 2020
Thanks for finally talking about >Corona eve. Aharen loabivaa meehun nugendhaasheve. - AO News <Loved it! maglie calcio Atletico Madrid 2021
Soon
ސެޕްޓެމްބަރު 29, 2020
Really when someone doesn't understand then its up to other viewers that they will assist, so here it takes place. Brasilien landholdstrøje
ދޮންސޮރު
އޭޕްރީލް 1, 2020
ނަލަ ވާހަކައެއް. ޢިބްރަތްތެރި ވެސްމެ. ކިޔާ ކޮންމެ މީހަކު މީގައި މިވާ ކަންކަމާއި މެދު ވިސްނާލުން ރަނގަޅު