ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނުރައްކާތެރި ހާލަތެއްގައި އޮތް އިރު، ސަރުކާރުގެ ބޭފުޅުން ކުރައްވާ ކަމަކީ “ކާފަރުން ބޭނުން ކުރާ ޓޮއިލެޓް ޕޭޕަރުގައި” ކޮޅުފައިން ތެޅުން ކަމަށާއި ޓޮއިލެޓް ޕޭޕަރުގައި ތެޅައިގެން ކަންކަން ހާސިލުނުވާނެކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވީޑިއޯ މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ޝިޔާމް މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން “#ސްޓޭއެޓްހޯމްޗެލެންޖު” ގައި ބައިވެރިވެޑައިގެން ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލް ކުރުމަށް ކުރަމުންދާ ޗެލެންޖާ ގުޅިގެންނެވެ.
މި ޗެލެންޖާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އިސްލާމް ދީނާއި ބީރައްޓެހި މީހުން، ނަޖިހުން ތާހިރުވާން ގެންގުޅޭ ޓިޝޫ ރޯލް ހުރިހާ އެންމެން ވެގެން ކޮޅުފައިން ތެޅިއަކަސް އަދި މި މައްސަލަ ހައްލެއް ނުވާނެކަމަށެވެ. އަދި ޝިޔާމް ގަބޫލު ކުރައްވާ ގޮތުގައި ޓޮއިލެޓް ރޯލުގައި ތަޅާ ގޮތް އެ ދައްކުވާދެނީ ދިވެހި ރައްޔިތުންގެ ގައިގައި ތަޅާ ގޮތް ކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.”ނަސީބަކުން މަނިކުފާނަށް އެކަމެއް ކުރެވޭ ގޮތެއް ނުވި. މަނިކުފާނު ވެއްޓިވަޑައިގަތީ. ނަމަވެސް އަޅުގަނޑަށް އެނގޭ މަނިކުފާނަށް އެއީ އާ ކަމެއް ނޫންކަން ވެއްޓި ވަޑައިގަތުމަކީ.” މަޖިލީސް ރައީސް މުހައްމަދު ނަޝީދުގެ ސްޓޭއެޓްހޯމްޗެލެންޖަށް އިޝާރަތްކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.
ސްޓޭއެޓްހޯމްޗެލެންޖު ގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު މިއީ އެފަދަ ކަމެއް ކުރައްވަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަމުގައި ބުނެ ގިނަ ބަޔަކުވަނީ ސޯޝަލް މީޑިއާގައިވެސް މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.