ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ، އައްޑޫސިޓީކައުންސިލުން އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ/ ރެސްޓޯރެންޓްތައް ވަކި ގަޑިތަކެއްގައި ހުޅުވުމަށް ހެދި ގަވާއިދަށް އައްޑޫގެ ވިޔަފާރިވެރިންނާއި ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
މި ކަމާއި ގުޅޭ ގޮތުން ވިޔަފާރިވެރިން ބުނެފައިވަނީ މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ރަށެއްގައި ވެސް ނެތް ހަރުކަށި ފިޔަވަޅުތަކެއް ކުއްލިއަކަށް އައްޑޫސިޓީގައި އެޅުމުން ދޭހަވަނީ އެހެންތަންތަނުގައި ނެތް އިތުރު ނުރައްކާތެރި ކަންތައްތަކެއް އައްޑޫގައި އުޅެނީ ކަމަށް ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިއްޔެ ހަވީރު 6:00 ގެ ފަހުން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކުން ހިދުމަތްތައް ދެވޭނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. އަދި ކައުންސިލުން މިފަދައިން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) އޮފް ހެލްތު އާއި އެކު މަޝްވަރާކުރުމަށްފަހު، އައްޑޫ ކޮވިޑް ޓާސްކްފޯސް އިން ވެސް ނިންމައިގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވަނީ ވިދާޅުވެފައެވެ.
ކައުންސިލުން ބުނެފައިވަނީ މި އުސޫލުތަކާ ހިލާފުވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނާން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެ.
— Health Protection Agency (@HPA_MV) March 26, 2020
މިކަމާ ގުޅިގެން އެޗްޕީއޭން ބުނެފައިވަނީ އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަށް އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ އިރުޝާދު ދީފައި ނުވާނެ ކަމަށެވެ. އަދި މާލެ ފިޔަވައި އެއްވެސް ސަރަހައްދެއްގައި މިފަދަ ޚިދުމަތް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައި ނުވާނެ ކަމަށެވެ.
“މިއީ ވިޔަފާރިވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ކޮވިޑްގެ ނުރައްކާ އައްޑޫގައި ބިރުވެރި ދަރަޖައަކަށް ގޮސްފައިވާނަމަ ވަގުތުން ވަގުތަށް މިތިބީ ވިޔަފާރި ހުއްޓަން. ޑީޖީ އާއި މަޝްވަރާކޮށްފައި ކައުންސިލުން މިގޮތަށް ނިންމާނަމަ މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމި ސަބަބު އެނގެން ބޭނުންވޭ. ކޮވިޑް 19 އިން ރައްޔިތުންނާއި އާއިލާ ރައްކާތެރިކުރަން އަހަރެމެން އެންމެންވެސް ބޭނުންވޭ. އަހަރެމެން ވިޔަފާރިވެރިންގެ ފަރާތުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމަށް ތައްޔާރަށް މިތިބީ. އެކަމަކު މާލެފަދަ ތޮއް ޖެހިފައި އޮތް ތަނެއްގައި ނާޅާ ފިޔަވަޅެއް އައްޑޫގައި އެޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް” އައްޑޫގެ ވިޔަފާރިވެރިއަކު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ކިޔައިދިނެވެ.
ވިޔަފާރިތައް ހުޅުވާ ގަޑިތައް ކަނޑައެޅުން ގާނޫނީ ގޮތުން އޮންނަނީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށާއި ހެލްތު އިމަޖެންސީ އެއްގައި އެހެން އޮތޯރިޓީއެއްގެ ގަވާއިދުތަކަށް ބަދަލު ގެނެވޭނީ ފަރާތަކީ ހަމަ އެކަނި އެޗްޕީއޭކަމަށް ހިތަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުންޏެވެ. އެ ވިޔަފާރިވެރިޔާ ބުނީ ފުލުހުންގެ ފަންކްޝަން އަކީ ގަވާއިދު ތަންފީޒުކުރުންކަމަށްވާއިރު ފުލުހުން ވެސް ވިދާޅުވަނީ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ގޮތް ނޭނގިފައި ތިއްބެވިކަމަށް ކަމަށެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އައްޑޫސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެނގިގެން ނޫންކަމަށެވެ.
“ކޮރޯނާ ވައިރަހާ ގުޅިގެން 12 ގަޑިއިރަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭ ކަމަށް ވާނަމަ ވިޔަފާރި ކުރެވޭނެ އެންމެ އެކަށީގެންވާ ގަޑިތަކެއް ދޭން ވަނީ. ސްކޫލްތަކާއި އޮފީސްތަައް ބަންދު ދުވަސްވަރެއްގައި ހެނދުނު 6 ޖަހާއިރު ފިހާރަތައް ހުޅުވުމަކީ ބޭކާރު ކަމެއް. މިހާރު އޮތްގޮތުން ހީވަނީ ކޮރޯނާގެ ބިރުވެރިކަން އައްޑޫގައި އޮތީ ރޭގަނޑު 6 އިން ހެނދުނު 6 ޖަހަން ދެން ހެން” ފޭދޫގެ ވިޔަފާރިވެރިއަކު ކިޔައިދިނެވެ.
ގިނަ ވިޔަފާރިވެރިން ބުނެފައިވަނީ ކިރިޔާވެސް ފިހާރައަށް އެއްޗެއް ލިބި ވިޔަފާރި ކުރެވެނީ ރޭގަނޑު ގަޑިކަމަށް ވާއިރު މިފަދަ ގޮތަކަށް ގަވާއިދުތައް ހެދުމުން ވިޔަފާރިތައް އިތުރަށް އިނދަޖެހޭނެ ކަމަށެވެ.
“އަހަރެމެންގެ ތެރޭގައި މީހުންގެ ދިރިއުޅުމަށް ބަލާއިރު ވިޔަފާރިކުރަން ނިކުންނަނީ ރޭގަނޑު. މިފަދަ ނިންމުމެއް ނިންމިއިރު ވިޔަފާރިވެރިންގެ ލަފާހޯދި ނަމަވެސް ރަނގަޅު. ބެލުމެއް ނެތި ހަދާ މިފަދަ ގަވާއިދުތަކުން ވިޔަފާރިވެރިތަކަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު މިއެޅެނީ” އެހެން ވިޔަފާރިވެރިއަކު ކިޔައިދިނެވެ.
ގިނަ ވިޔަފާރިވެރިންގެ ބަހަކީ މުޅި ދުނިޔެއަށް އިގްތިސާދީ ބޮޑު ހީނަރުކަމެއް އައިސްފައިވާ މި ދަނޑިވަޅަކީ ވިޔަފާރިވެރިންނަށް ވެސް ދަތި ދުވަސްތަކެއް ކަމަށެވެ. އަދި މިކަމުގެ އަސަރު ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރަމުންދާ މި ދަނޑިވަޅު ކައުންސިލުން ހެދި ގަވާއިދުގެ ދަށުން އިތުރަށް ވިޔަފާރިކުރުމަށް ދަތިވެފައިވާ ކަމަށެވެ.