English Edition
Dhivehi Edition

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީބޮޑު އައްޑޫ ސިޓީގައި ޕިކްނިކް އައިލެންޑެއް ހަދަން ބީލަމަށް ހުޅުވާލައިފިއެވެ.

މިކަމާގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރަން ނިންމާފައިވަނީ އައްޑޫގެ ފަޅު ރަށެއް ކަމަށްވާ އައުހެރައިގައެވެ.

އެމްޑީޕީގެ ވެރިކަމުގައި ހިތަދޫ ފަޅުން އަލަށް ހިއްކި އެ ރަށް ޕިކްނިކް އައިލެންޑަކަށް ހަދަން ކުއްޔަށް ނަގައި، އެތަން ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިލަން ހުށަހެޅުމުގެ ފުރުސަތު އެ އިޢުލާނާއެކުގައި ވަނީ ހުޅުވާލާފައެވެ.

އައުހެރައިގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިޖުލައި މަހުގެ 31 ވަނަ ދުވަހު ހެދުނު 10:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައެވެ.

އައްޑޫގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމި މިދަނޑިވަޅަކީ އެސިޓީގައި ކުރިއަށްދާ މަގުހެދުމާއި އެހެނިހެން ޕްރޮޖެކްޓް ތަކާއިހެދި ދަތުރުދާނެ މަންޒިލެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެކެވެ. މިހާތަނަށް ގުޅިފައިވާ ރަށްތަކުން ދަތުރު ގޮސް ހަދަމުން އައި ހަންކެޑެ ސަރަޙައްދުވެސް ބްރިޖް މަސައްކަތް ކުރިއަށްދާތީ ބޭނުމެއް ނުކުރެވެއެވެ. މަރަދޫއާއި ހިތަދޫގެ ދެމެދުން ގިނަ ބަޔަކު ބޭނުންކުރަމުން ދިޔަ އައްސޭރިފަށްވެސް މިހާރު ވަނީ ހިއްކާފައެވެ.