ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ107 ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އެސިޓީގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން މިމަހު ފަހުކޮޅަށް ތާވަލުކޮށްފިއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މިބައްދަލުވުން އޮންނާނީ ޖުލައި 28 ވާ އާދީއްތަ ދުވަހުގެރޭ 8.30 ގައި އައްޑޫސިޓީ ކައުންސިލްގެ ކޮންފަރެންސް ހޯލްގައި ކަމަށެވެ. މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް ކައުންސިލް އިދާރާގެ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
އައްޑޫސިޓީ ކައުންސިލުން މިފަހަރުގެ ބައްދަލުވުން ބާއްވަނީ ކުރިޔަށްއޮތް އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔަތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށެވެ. އެހެންކަމުން ވީހާ ގިނަބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވުމަކީ ކައުންސިލްގެ އެދިވަޑައިގަތުމެކެވެ.
ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރަށެއް ނުވަތަ ސިޓީއެއް ހިންގާއިރު މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންނާއި މަޝްވަރާކުރުމުގެ ގޮތުން މަދުވެގެން ކޮންމެ ހަތަރު މަހަކުން އެއްފަހަރު ރައްޔިތުންނާ ބައްދަލުކުރަން ލާޒިމް ކުރެއެވެ. އަދި އެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ، ބައްދަލުވުން ބާއްވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އާންމުކޮށް ޝާއިޢުކުރަންވާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާއިން ދަނީ ދޭތެރެ ދޭތެރެއިން ރައްޔިތުން ގެ ބައްދަލުވުން ތައް ބާއްވަމުންނެވެ. އެހެންނަމަވެސް މިބައްދަލުވުންތަކަށް ޙާޒިރުވާ ރައްޔިތުންގެ ޢަދަދު ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅޭގޮތުން މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނުހަނު ބޭނުން ކަމަށާއި ރައްޔިތުންގެ ބަސް ހިމެނޭނީ ރައްޔިތުން މިކަމަށް ދެއްވާ ތަރުޙީބު ބޮޑުކޮށްގެންކަން ކަމަށެވެ.