English Edition
Dhivehi Edition

ފަން އައިލެންޑު ރިސޯޓުން ފަތާފައި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް އަރަން އުޅުން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކްގެ ހެލްތުގެ އެންގުމާ ހިލާފަށް ފަން އައިލެންޑުގައި އެކަހެރިކޮށްފައި ހުރި މީހަކު ފަތާފައި އޮޅުވެލި ރިސޯޓަށް ގޮސްފައިވާ ކަމަށް ބުނެ ރޭ 22:37ގައި ލިބުނު ރިޕޯޓަކާ ގުޅިގެންކަމަށެވެ. އިތުރަށް ފުލުހުން ވިދާޅުވީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ މޫދުގައި އޮއްވާ، އޭނާ ހުއްޓުވުމަށް ފަހު ހައްޔަރުކޮށް އިތުރަށް ބެލި ބެލުމުން، އޭނާއަކީ ފަން އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެނގިފައިވާ ކަމަށެވެ. އަދި އޭނާ ފަތާފައި އޮޅުވެލި އަށް އަރަން އުޅުނީ ސިގިރެޓް ގަންނަން ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ،

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އޭނާގެ ޣައިިރު ހާޒިރުގައި ބަންދަށް 15 ދުވަސް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިސޯޓުތަކުން ރަށްރަށަށް އެރުން މަނާކޮށްފައިވާއިރު މީގެ ކުރިންވެސް ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކްގެ ހެލްތުގެ އެންގުމާ ހިލާފަށް ރަށްރަށަށް މީހުން އެރުމުގެ މައްސަލަތައް ފެންމަތިވެފައެވެ. މި ގޮތުން ސައުތްޕާމުން ފަތާފައި މީދޫ އަށް އެރި މައްސަލައެއްގެ އިތުރުން ފުވައްމުލަކު ދެ މީހަކު ރިސޯޓުން ފިލައިގެން އެ ރަށަށް ދިޔަ މައްސަލައެއްވަނީ ފެންމަތިވެފައެވެ.