English Edition
Dhivehi Edition

ކޮވިޑް-19 ފެތުރޭ މިންވަރު ހަލުވި ވާން ފަށައިފި ކަމަށާއި އެހެންކަމުން ދުނިޔޭގެ ގައުމުތަކުން އެކަމަށް ވިސްނަން ޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ރޭ ޑްބަލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު ފެންނަ މަންޒަރަކީ ކޮވިޑް-19 ފެތުރުން ހަލުވިވަމުންދާ މަންޒަރުކަމަށާއި ހަމައެކަނި ގައުމުތައް ފުރަބަންދުކޮށްގެން ވައިރަސް އިން ސަލާމާތް ނުވެވޭނެ ކަމަށެވެ. މީގެ އިތުރުން ޓެޑްރޯސް ވިދާޅުވީ މިހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ވައިރަސް އާއި ކުރިމަތިލާންޖެހޭކަމަށާއި ބަލި ޖެހިފައި ހުރި ކަމަށް ބެލެވޭ ހުރިހާ އެންމެން ޓެސްޓް ކުރަން ޖެހޭކަމަށެވެ. އަދި ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހުން އެކަހެރި ކުރަން ޖެހޭކަމަށާއި ބަލި ޖެހިފައިވާކަން ޔަގީން ކުރެވޭ އެންމެނަށް އަޅާލައި އެމީހުންނަށް ފަރުވާ ކުރަން ޖެހޭކަމަށެވެ. “އެމީހުންނާއި ކައިރީގައި އުޅުނު އެންމެން ދެނެގަނެ އެމީހުން ކަރަންޓީން ކުރަން ޖެހޭ.” ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތައް ވަރަށް ރަގަޅުކަން ފާހަގަކުރައްވަމުން ޓެޑްރޯސްވަނީ ސަރުކާރުތަކުން އަޅާ ފިޔަވަޅުތަކަށް އިޖާބަދީ އާއްމުން ގޭގައި މަޑުކުރުމަށް އިލްތިމާޒުކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހުނު ނަމަވެސް ވީވަރަކުން އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުމަށް ޓްޑްރޯސް ވަނީ ގޮވާލާފައެވެ.