English Edition
Dhivehi Edition
AP)

އީރާންގައި ފެތުރެމުންދާ ކޮވިޑް-19 އަކީ އެމެރިކާ އުފެއްދި މާނުރައްކާތެރި ވައްތަރެއްގެ ވައިރަސްއެއް ކަމަށާއި އެހެންކަމުން ކޮވިޑް19 އާއި ސަލާމަތްވުމަށް އެމެރިކާއިން އެހީވެދިނުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރާނެ ކަމަށް އެ ގައުމުގެ ސްޕްރިން ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އިރާނުގައި ކޮންޓްރޯލެއް ނެތި މި ބަލި ފެތުރުން އިތުރުވަމުން އަންނައިރު ހޮނިހިރު ދުވަހު އެ ގައުމުގެ ހެލްތް މިނިސްޓްރީން އާންމުކުރި ތަފާތު ހިސާބުތައް ދައްކާ ގޮތުން އިރާންގެ 20610 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެ ގައުމުން މަރުވި މީހުންގެ އަދަދު 1556 އަކަށް އަރާފައިވާއިރު މި ބަލިޖެހިގެން ފަސޭހަވި މީހުންގެ އަދަދަކީ 7635 އެކެވެ.

އެމެރިކާއިން އިރާނަށް އެހީވުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރާކަން ހާމަކުރަމުން އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާއަށް އިރާނުން އެއްވެސް ވަރަކަށް އިތުބާރު ނުކުރާކަމަށެވެ. “އެމީހުން އަހަރެމެންނަށް ފަރުވާދިނުމަށް ބޭސް ގެންނާނެ ކަމަށް ކިހިނެތް އިތުބާރުކުރެވޭނީ؟ އެމީހުންގެ ބޭހަކީ އިރާންގައި ބަލި އިތުރަށް ފެތުރުމަށް ގެންނަ އެއްޗެއްކަމުގައިވުންވެސް އެކަށީގެންވޭ” ޚާމަނާއީ ވިދާޅުވިއެވެ. މީގެ އިތުރުން ޚާމަނާއީ ވިދާޅުވީ އެމެރިކާއިން ފޮނުވަ ޑޮކްޓަރުންނާއި ތެރެޕިސްޓުންނަކީ އެމެރިކާއިން އުފެއްދި ވައިރަސްގެ އަސަރު އިރާނަަށް ކުރާ މިންވަރު ބެލުމަށް ފޮނުވާ މީހުންނަށްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.

ކޮވިޑް-19 އަކީ ލެބޯޓްރީއެއްގައި އުފައްދާފައިވާ ވައިރަސް އެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން އަންނައިރު، މިކަމުގައި އެމެރިކާ އާއި ޗައިނާއިން އަންނަނީ އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި މި އިލްޒާމު އަޅުވަމުންނެވެ. އެހެންނަމަވެސް މި ދެ ގައުމުން ދައްކަމުން އަންނަ ވާހަކަތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާއިރު ސައިންސްވެރިން ވަނީ ކޮވިޑް-19 އަލަށް ލެބޯޓްރީއެއްގައި އުފެއްދި ވައިރަސްއެއް ކަމަށް ބުނެ ދެއްކޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައެވެ.