English Edition
Dhivehi Edition

އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު މެންދުރު ފަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއަދު މެންދުރު ފަހު ބޭއްވުމަށް ނިންމާފައިވާ މި ބައްދަލުވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ އީރާނުން އިޒްރޭލަށް ހަމަލާ ދޭނެ ފަށާފައިވަނިކޮށެވެ.

އދ.ގައި ހުންނަ އިޒްރޭލުގެ ސަފީރު ގިލާދު އެރްދާން ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވަނީ ހޮނިހިރު ދުވަހު ކައުންސިލްގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައެވެ. ގިލާދު އެރްދާން އެކްސްގައި ކޮށްފައިވާ ޕޯސްޓެގައި ބުނީ އީރާނުގެ ހަމަލާއަކީ ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް ބޮޑު ނުރައްކަލެއް ކަމަށާއި އީރާނާ ދެކޮޅަށް ކޮންކްރީޓް ފިޔަވަޅެއް އަޅަން ކައުންސިލުން ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އިޒްރޭލުގެ ސަރަހައްދަށް ފުރަތަމަ ފަހަރަށް ސީދާ ހަމަލާދިނުމަށް އީރާނުން ފޮނުވާލި ބައެއް ޑްރޯންތަކާއި މިސައިލްތައް ވަނީ އިޒްރޭލަށް ވެއްޓިފައެވެ. އިޒްރޭލުން ބުނެފައިވަނީ މި ހަމަލާގައި އަސްކަރީ މަރުކަޒަކަށް ކުދި ކުދި ގެއްލުންވެފައިވާކަމަށެވެ