އޭނާ އަހަންނަށް ދިން މެޓާ އަހަރެން އަނބުރާ އެއްލީ އޭގައި އަހަރެންގެ ފޯންނަމްބަރު ލިޔެފައެވެ. އޭނާއަށް ނޭނގުނީ އެކަމެވެ.
އަހަންނަށް އޭނާ ފުރަތަމަ ފެނުނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުތެރޭންނެވެ. އަހަރެން އެތަނަށް ގޮސް ހުރީ ފޮޓޯއެއް ނަގާލަން ކޮކާލެއް ފެނޭތޯއެވެ. އެއީ އަހަރެންގެ ހޮބީ ކަމަށްވާތީ އެވެ.
އޭރު އޭނާ ހުރީ ފުރަގަހަށް އެނބުރި އެވެ. ކޮންމެވެސް އެއްޗެއް ކާލަ ކާލައެވެ. އަހަރެން އޭނާއަށް ފޯކަސްކޮށްލީމެވެ. އެއީ ވަރަށް ހިތްގައިމު ހަށިގަނޑެއްގެ ވެރިއެއްކަން އަހަންނަށް ފާހަގަ ކުރެވިގެންނެވެ. އެކަނިމާއެކަނި އެގަޑީގައި އެ ޕާކްތެރޭގައި އޭނާ ހުރީ ކީއްވެތޯ އަހަރެންގެ ހިތުގައި ސުވާލު ކުރެވުނެވެ. އޭނާ ހުރީ ދިރިއުޅުމުގައި އުންމީދު ގެއްލިފައި ކަހަލަ ގޮތަކަށެވެ.
އަހަރެން އެ ސަބަބެއް އޮޅުން ފިލުވަން ބޭނުންވިއެވެ. އެހާ ފުރިހަމަ ހަށިގަނޑެއް އޭނާ ބޭކާރު ކޮށްލަނީ ކީއްވެ ހެއްޔެވެ؟
އަހަރެން ހިތާ ހިތުން މިކުރި ސުވާލު އޭނައަށް އަޑު އިވުނީހެން ހީވާ ފަދައަކުން އޭނާ އެނބުރި ބަލާލިއެވެ. ހަމަ އެއާއެކު އޭނާ ފަސް ޖެހިލިއެވެ. އެއީ އަހަންނަށް އާކަމެއް ނޫނެވެ. ވަރަށް ގިނަ ފިރިހެން ކުދީން އަހަންނާ އިސްވެ ވާހަކަ ދައްކަން ޖެހިލުންވެއެވެ. އެއީ އަހަރެން ހުންނަ މޮޑަން ކަމާއި ފެޝަންކަން ފެނުމުން ވާގޮތެކެވެ. އެމީހުންނަށް ހީކުރެވެނީ އަހަރެންނަކީ މާ އަގުބޮޑު “އަތްނުފޯރާ ފަށުގައި” ވާ މީހެއް ހެންނެވެ. ކޮންމެވެސް ފިލްމްސްޓާރެއް ނުވަތަ މޮޑެލް އެއް ކަމަށެވެ. ތެދެކެވެ. އަހަރެން މޮޑެލް ކުރަމެވެ. އެއީވެސް އަހަރެންގެ ހޮބީއެކެވެ. އެއީ އަހަރެންގެ އުފަލަކަށް ކުރާކަމެކެވެ. އަހަރެން އޭނައާ ދިމާއަށް ދާން ފެށުމުން އޭނާ އެހެން ދިމާއަކަށް ހިނގައިގަތެވެ.
އަހަރެން ގޮވާލީމެވެ.
“އެކްސްކިއުޒް.”
އޭނާ މަޑުކޮށްލިއެވެ. އަދި އެނބުރި ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.
“އަަހަރެން މިތާ ހުއްޓާ މި ކެމެރާއިން ފޮޓޯއެއް ނަގާދީބަލަ.” އޭނާ ހުރީ ޖެހިލުން ވެފައެވެ.
“ސޮރީ، އަޅުގަނޑަކަށް ނޭނގޭނެ ފޮޓޯ ނަގާކަށް، … އަމުދުން ތިޔަ ކަހަލަ ކެމެރާއަކުން.”
“ޖެހޭނީ މިތަނަށް ފިތާލަން.” އަހަރެން ކެމެރާގެ ޝަޓަރު ދެއްކީމެވެ.
ތެދެކެވެ. އެއީ އަލަށް ފޮޓޯ ނަގާ މީހަކަށް ބޭނުން ކުރަން އުނދަގޫ ކެމެރާއެކެވެ. އެކަމަކު އެއީ އެހާ ބޮޑު ކެމެރާއެއް ވެސް ނޫނެވެ. އެކަމަކު ފޯނަކަށް ވުރެން ބޮޑުވެފައި ބަރެވެ.
އަހަރެން ގޮސް އޭނާގެ އަތަށް ކެމެރާ ދިނުމުން އޭނާއަށް އޭގެ ބަރުދަން އިހްސާސްވިކަން އެނގުނެވެ.
ދެން އަހަރެން ގޮސް އެތާ ފައުންޓެން ބެކްގްރައުންޑަށް ވާގޮތަށް ހުއްޓި ލީމެވެ. އޭނާ އުނދަގުލުން ފޮޓޯއެއް ނަގައިފިއެވެ.
އަހަރެން އެ ފޮޓޯ ބަލާލަން އޭނާގެ ކައިރިއަށް އައިސް ހުއްޓިލީމެވެ. އެގާތްކަމުގެ ސަބަބުން އޭނާއަށް އުނދަގުލެއް ވީހެން ހީވިއެވެ.
“ ބްލާ ވެފަ” އަހަރެން ބުނީމެވެ. “އަލުން ނަގާބަލަ. ވީހާވެސް ނުތަޅުވާތި.”
މިފަހަރު ނެގި ފޮޓޯ ވަރަށް ރީއްޗެވެ.
“އަހަރެން ހުންނާނެ ޔޫގެ ފޮޓޯ އެއް ވެސް ނަގާފަ. ދެންތަ؟”
“ނޫން، އަޅުގަނޑު ކީއްކުރަން. “
“އެފްބީއަށް ލާން.”
“އަޅުގަނޑުގެ އެފްބީއެއް ނުހުރޭ. މިފޯނުން ނުވެސް ވަދެވޭނެ.”
އޭނާ ކަހަލަ ޒުވާނުންގެ އަތުގައި ސްމާޓް ފޯންތައް ހުއްޓެއް ކަމަކު އޭނާގެ އަތަކު ނެތެވެ.
އަހަރެން ނެގި އޭނާގެ ފޮޓޯ ތަންކޮޅެއް ބޮޑަށް ބަލާލި އިރު އޭނާ ފައުންޓެއިން ކައިރީގަ ހުރެގެން މެޓައެއް ކަނީ އެވެ. އަދި އެތާ ހުރި ފެން އިސްކުރަކުން ފެން ބުއިތަންވެސް އަހަންނަށް ފެނިފައިވެއެވެ. އޭނާ ކިތަންމެ ޒުވާން ވެފައި ފުރިހަމަޔަސް އެއީ ވަރަށް ދެރަ ހާލެއްގައި އުޅޭ ކުއްޖެއްކަން އަހަންނަށް ފާހަގަ ވިއެވެ.
“ހިނގާބަލަ އަހަންނާ އެއްކޮށް މިތާ ޕާކްތެރޭ ތަނެއްގައި އިށީނދެލަން.” އަހަރެން އޭނާގެ ހާލަތު ރަނގަޅަށް ދެނެގަންނަން ބޭނުން ވިއެވެ. ޚާއްސަކޮށް އަހަރެން މިހާރު ލިޔާ ސްޓޯރީއަށް އައިޑިއާ އެއް ހޯދުމަށެވެ.
އެއީ ހަފްތާ ބަންދަކަސް އެގަޑީގައި ވަރަށް މީހުން މަދެވެ. އެހެންވެ އެތާ ހުސްކޮށް ހިލަގޮނޑިއެއް ހުއްޓެވެ.
އަހަރެމެން ތިބި ގޮނޑި ހުރީ އެތާ ހުރި ބިޔަ ރީތިމާ ގަހެއްގެ ދަށުގައި ކަމުން މުޅިތަނަށް އޮތީ ހިޔާއެޅިފައެވެ. އެގަސްތަކުގެ ރަތް ކުލައިގެ މާތަގެ ތެރޭން އުދަރެސް ފެންނަނީ އަދި ވަކީން ނޫކުލަ ގަދަކޮށެވެ. އެގަސް ފެނުމުން އަހަރެން ގަމުގެ މަތީން ހަނދާން އާވިއެވެ.
އަހަރެން އޭނާގެ އަތަށް 500 ރުފިޔާ ދީފައި ދެމީހުންނަށް ކުރުނބާ ގެނެސް ދީފާނަންހޭ އަހާލީމެވެ. އޭނާ ޖެހިލުން ވިއެވެ. އެހެންނަމަވެސް އޭނާވެސް ހުރީ އެވަގުތު ކުރުނބައެއް ބޯލާ ހިތުންނެވެ. އޭނާ ކިތަންމެ ނުހިފަން ހުރެފައިމެވެސް އެ ފައިސާގައި ހިފައިފިއެވެ.
އަހަރެމެން ކުރުނބާ ބޯން ހިމޭނުން ތިބީމެވެ.
މިފަހަރުވެސް ވާހަކަ ދައްކަން އިސްނެގީ އަހަންނެވެ..
“ކީއްކުރަން މިތަނަށް މިގަޑީގައި އައިސް ތި ހުރީ.”
“ ތިޔަ ސުވާލު އަޅުގަނޑަށް ވެސް ކޮށްލެވިދާނެއެއްނު؟”
މިހާރު ކުރީގައި ޖެހިލުން ވެފައި ހުއްޓަސް އޭނާ އަށް އަހަރެންގެ މި ރައްޓެހިކަން ކަމުގޮއްސިކަމަށް އަހަންނަށް އެނގުނެވެ.
“އަހަރެން މިއައީ ފޮޓޯއެއް ނަގަން ކޮކާލެއް ފެނޭތޯ.”
“އަޅުގަނޑު ވެސް…”
“އަޅުގަނޑު ނުކިޔަފާނަންތަ؟
“ އަޅުގަނ…. އަހަރެން ވެސް މިއައީ އަސްލު ކޮކާލެއް ފެނޭތޯ..”
ފުރަތަމަ ފަހަރަށް އޭނާ ހިނިތުންވެލިއެވެ. އެއީ އޭނާގެ ރީތިކަން ފުރިހަމައަށް ދައްކާލަ ދިން ހިނިތުންވުމެކެވެ.
“ތިޔަހެން އަބަދު ހިނިތުންވެފައި ކަލާ ހުރެދާނަންތަ؟”
އަހަރެން ޅެން ބައިތެއްގެ ތަންކޮޅެއް ކިޔާލީމެވެ.
“އެކަމަކު މިހާރަކު ހިނިތުން ވެވޭކަށެއް ނެތް. “
“އެއީ”
“މީގެ 2 ހަފްތާ ކުރީގައި އަހަރެންގެ ޖޮބް ގެއްލިއްޖެ.” އޭނާ ހިތާމަވެރި ގޮތަކަށް ބުނެލިއެވެ. “އަހަރެން އުޅުނީ ރިސޯޓެއްގެ ވަޒީފާގަ.”
“ތިވާހަކަ އިހަށް ބާއްވާ. މިތަނަށް އައި ސަބަބެއް ބުނެބަލަ.”
“ މިބުނީނު ކޮކާލެއްގެ ފަހަތުންނޭ. …..”
އަހަރެންގެ ޖޮބް ގެއްލުނުތާ ދެވަނައަށްވީ ދުވަހު އޭނާ އަހަންނާ ރުޅިވި ވާހަކަ ބުނެފި. އެހާ ހިސާބުން އަހަރެންގެ ކޮކާ ވީތަނެއް ނޭނގުނު. މިއީ އަހަރެމެން މީޓް ކުރަން އައިސް ތިބޭ ތަން.”
ދެން އޭނާގެ ޖީބުން މެޓައެއް ނަގާފައި އަހަންނަށް ދިއްކޮށްލިއެވެ. އެއީ މެންދުރު އޭނަ ކެއި ކަހަލަ މެޓާއެވެ. އަހަރެން އޭގައި ހިފީމެވެ.
އޭގެ ފަހުން އަހަންނާއެކު އޭނާ ވެސް ބަގީޗާގެ ތެރޭގައި ހިނގަމުން ދިޔައެވެ. އަހަންނެކޭ އެއްފަދައިން އޭނާވެސް ހޯދަނީ ކޮކާލެކެވެ.
އޭރު ހަވީރުވެ އުދަރެހުގައި ރީނދުލާއި ރަތުގެ ކުލަތަކުން މަންޒަރު ކުރެހެން ފަށައިފިއެވެ. ޕާކަށް ވެސް މީހުން ގިނަވާން ފަށައިފިއެވެ. އެއީ ޖާދުވީ ހަވީރެކެވެ. މުޅި މާހައުލު ޚާއްސަވެފައި ވަނީ ލޯބިވެރީންނަށެވެ.
“ތިރަށު ކުދީން ވާހަކަ ދައްކާގޮތް އަހަންނަށް ވަރަށް ރީތި.” މިފަހަރު ވާހަކަ ދައްކަން ފެށީ އޭނާއެވެ. “ތިރަށު ބަހުން އަހަންނާ ރައްޓެހިވެދާނަންހޭ އަހާނީ ކިހިނެއް؟ “
އެއީ އަހަރެން ގާތަށް ވަރަށް ހިނިއައި ސުވާލެކެވެ.
“މާއި ރައްޓެހި ވެގަންނަށީ؟”
އޭނާގެ މޫނުމަތީން އަނެއްކާވެސް އުފާވެރިކަމުގެ ވިދުވަރެއް ދިއްލުނުތަން ފެނިގެން ދިޔައެވެ.
“އަހަރެން ލޯބިވަމޭ” ބުނާނީ ކިހިނެއް؟
“މަވަރަށް ލޯބިވެއި.”
އަހަންނަށް މިހެން ބުނެވުނީ ހަގީގަތެއް ހެން ހީވާފަދަ ގޮތަކަށެވެ.
“ތިޔަށް ވުރެން އަޑުއަހަން ރީތި އިބާރާތެއް މީހަކު ބުނި އަޑު ދުވަހަކުވެސް ނާހަން.”
މާދަމާ ވަރަށް ފަތިހާ އަހަރެން ފުރަން ޖެހޭކަން ހަނދާންވިއެވެ. އަހަރެން ދާން އުޅޭކަން ވިސްނިގެން އޭނާ ބުނެލިއެވެ.
“ބަގީޗާ އެއް ނަމަ އުޅޭނީ އެންމެ ކޮކާލެއް ނޫންކަން މިއަދު އަހަންނަށް ޔަގީން ވެއްޖެ.”
“އާނ. މާފޮޅޭ ނަމަ އަބަދުވެސް ކޮކާތައް އަންނާނެ.”
މިހެން ބުނެފައި އަހަރެން ހިނގައިގެންފީމެވެ. ސަލާން ވެސް ކޮށް ނުލައެވެ. އަލްވަދާއުވެސް ނުކިޔައެވެ.
މަލަކަށް ތިރިކޮށްފަ ދާ ކޮކާލަކަށް ކިޔާނީ ވަކި ކޮން އަލްވަދާއެއް ހެއްޔެވެ. އެކަމަކު އެންމެ ދުވަހަކުން ނަމަވެސް މި އުފެދުނު ރައްޓެހިކަން ގެއްލުވާލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންވެ ތަންކޮޅަކަށް ގޮސްފައި އަހަރެން އޭނާ ދިން މެޓާ ކަރުދާ ކޮޅުގައި އަހަރެންގެ ފޯން ނަމްބަރު ޖަހާފައި އެއްލާލީމެވެ.
އޭނާ އޭރުވެސް ހުރީ އަހަރެން ދާތަން ބަލަހަށްޓައިގެންނެވެ. އޭނާ އަހަރެން އެއްލި މެޓާ ހިފައިފިއެވެ. އޭގައި ފޯން ނަމްބަރުގެ އިތުރަށް “މަވަރަށް ލޯބިވެއި ‘އޭ ލިޔެލަން ބޭނުން ވިއެވެ. އެކަމަކު އެއީ އެހެން ފުރުސަތެއް ލިބިއްޖެ ނަމައެވެ.
އޭރަކު އެމެޓާ ރެޕަރގައި ލިޔެފައިވާ އެއްޗެއް އޭނާ ނުކިޔާ ކަމެއް އަހަންނަކަށް ނޭނގެއެވެ.
އަހަރެން ރަށަށް ގޮސްފައި ހިތަށް އެރިއެވެ. އޭނާގެ ނަމެއްވެސް އަހައެއް ނުލެވުނެވެ. އަދި އަހަރެންގެ ނަމެއްވެސް ނުބުނެވެއެވެ.
އޭގެ ފަހުން މަސްދުވަސް ހޭދަވެގެން ދިޔައިރުވެސް އެދުވަހު އެޕާކްގައި އަހަރެމެން ހޭދަ ކުރި ވަގުތުކޮޅު އަހަރެންގެ ހިތުން ފިލައިގެންނެއް ނުދިޔައެވެ. އަދި އަހަރެން އިންތިޒާރު ކުރަމުން ދިޔަ ފޯން ކޯލެއްވެސް އަހަންނަކަށް ނުލިބުނެވެ.
އާދައިގެ ގޮތެއްގައި ނަމަ އެއްމެ ފަހަރަކު ދިމާވާ މީހެއްގެ މަތީން މިހާ ގިނަ ދުވަހަކު ހަނދާންތަކެއް ހިތުގައި ހަރުލާފައެއް ނުހުރެއެވެ. އެކަމަކު އޭނާގެ މަތީން ހަނދާނެއް ނުނެތުނެވެ.
އަހަރެން އެދުވަހު ވިލިނގިލީ ޝަންގްރިއްލާއަށް ދިޔައީ ރައްޓެއްސެއްގެ ދައުވަތަކަށެވެ. އަހަރެން އަބަދު ކޮކާ ފޮޓޯ ނަގަން އުޅޭތީ އެތަނުގައިވާ ބަގީޗާއެއްގައި ކޮކާ އުޅޭ ވާހަކަ އޭނާ ބުންޏެވެ. އެތާގެ މެނޭޖަރ ލެވެލްގައި އޭނާގެ ފްރެންޑަކު ހުންނާތީވެ އެކަންވީ ވަރަށް ފަސޭހަ ކަމަކަށެވެ.
އެއީވެސް ވަރަށް ރީތި ދުވެހެކެވެ. ހަނދާނަށް އައީ ހުޅުމާލޭގެ ސެންޓްރަލް ޕާކެވެ. އެކަމަކު އެތަނާ ޚިލާފަށް މިތަނުގައި ވަރަށް ކޮކާތައް ގިނައެވެ. އަހަރެން ޚިޔާލެއްނެތި އެއްކޮކާލެއްގެ ފަހު އަނެއްކޮކާލެއްގެ ފަހަތުން ފޮޓޯތައް ނަގަމުން އުޅުނީމެވެ. އަހަންނާ އެކު ދިޔަ ފްރެންޑް ވީތަނެއްވެސް ނުބަލަމެވެ.
އަހަރެންގެ ސަމާލުކަން މެދު ކެނޑިގެން ދިޔައީ ފަހަތުން މީހަކު މިހެން ބުނި އަޑަށެވެ.
“މާއި ރައްޓެހިވެގަންނަށީ؟”
އެއީ އަހަންނަށް ފެނުނު އެންމެ ރީތި ހުވަފެން ކަމުގައި ހީވިއެވެ. އެކަމަކު އެއީ ހުވަފެނެއް ނޫނެވެ. އަދި އަވާމެންދުރެއްވެސް ނޫނެވެ. އެއީ ހަގީގަތެކެވެ.
“ޝާނީޒް” ހިނިއައިސްފައި ހުރެގެން އަހަންނަށް ތައާރަފު ވުމަށްފަހު އޭނާ ސަލާން ކޮށްލިއެވެ.
“މާޝާ.” އަހަންނަށް އޭނާގެ އަތުން ދޫކޮށެއް ނުލެވުނެވެ.
އަހަރެމެން އެކުގައި ދިޔައީ އެތަނުގައި ހުރި ފައުންޓެން އެއްގެ ކައިރިޔަށެވެ. އެވަގުތު ވެއިޓަރަކު އައިސް ނުހަނު އަދަބުވެރި ވެފައި ދެ ކުރުނބާ ދިއްކޮށްލިއެވެ.
އަހަރެމެން ކުރުނބާބޯން ހިތްގައިމު އަވި ކުޑައެއްގެ ދަށުގައި ތިބީމެވެ.
“އަހަންނަކަށް އެ މެޓާގައި އެއްޗެއް ލިޔެފައި އޮތް ކަމެއް ނޭނގޭ.” އޭނާ އޮޅުން ފިލުވާ ދިނެވެ. “އަހަރެން ހީކުރީ އެއީ މާޝާ އަހަރެން ދިން މެޓާ އަހަރެންގެ ބޮލާލާ ޖެހީކަމަށް. އެހެންވެ އަހަރެން އެތާ ހުރި ކުޑަ ކުއްޖަކަށް އެމެޓާ ދީފަ ދިޔައީ. އޭގެ ފަހަކުން އަހަރެން އެޕާކަކަށް ނުދަން.”
“ދެން މިތަނަށް އާދެވުނީ ކިހިނެއް؟”
“އަހަރެން ޖޮބުން ވަކި ކުރީ ބައެއްގެ ރޭވުމަކުން ކަން ޖީއެމްއަށް އެނގުމުން އަނބުރާ ޖޮބް ހުށަހެޅީ. އެކަމަކު އޭރު އަހަރެން އޮތި މި ރިސޯޓަށް އެޕްލައި ކޮށްފަ. މިހާރު މާރަނގަޅު. ވަޒީފާ ވެސް އެތައް ތަނެއް މަތި.”
“ދެން އަލުން ގެއްލުނު ކޮކާ ހޯދަން އުޅެންވީނު.” އަހަރެން ދިމާކޮށްލީމެވެ.
“މިހާރު އަހަންނަށް މާ ހިތްގައިމު ކޮކާލެއް ފެނިއްޖެ .” އޭނާގެ ހިނިތުން ވުމުގައި ފޮރުވިފައިވަނީ ވަފާތެރި ލޯބިކަން އަހަންނަށް ޔަގީންވިއެވެ.
އެހަވީރު އިރު އޮއްސުނެވެ. އެއާއެކު ބަގީޗާގައި ތިބި ކޮކާތައް އޭގެ “ހާލިތަކަށް” އެނބުރި ހިނގައްޖެއެވެ.
މާފޮޅިފައިވާ ބަގީޗާއެއް ނަމަ ކޮކާ ހުސް ނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ
-ނިމުނީ-