English Edition
Dhivehi Edition
ރާއްޖޭގެ ރިސޯޓެއްގެ މަތިންނަގާފައިވާ މަންޒަރެއް/ފޮޓޯ އިންޓަނެޓް

އދ. އަތޮޅުގައި އޮންނަ ސެންޓާރާ ގްރޭންޑް ރިސޯޓު އަދި އަދާރަން ކްލަބް ރަންނާޅި އިން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެހިންގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރާ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ.

އަދި އަދާރަން ކްލަބް ރަންނާޅިންވެސް ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާއިރު، ޓެސްޓްގެ ނަތީޖާ ލިބެންދެން މި ދެ ރިސޯޓު ވަނީ މޮނިޓަރިން ހާލަތުގައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު ދެމީހުން މިހާރު ވަނީ މުޅިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވާ ފަހުން ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮތްކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާފައިވާއިރު، ބަލިން ފަސޭހަވި ދެމީހުން އަދިވެސް ތިބީ މޮނީޓަރިންގެ ހާލަތުގައެވެ.

މިހާތަށް ރާއްޖެއިން 565 މީހުން ވައިރަހަށް ޓެސްޓު ކުރިއިރު، 550 ސާމްޕްލް ވަނީ ނެގަޓިވްވެފަ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މި ބަލީގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްވެސް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މި ގޮތުން ބަލި ކޮންޓްރޯލްނުވެ ފެތުރޭ ގައުމުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާއިރު އެއް ހަފްތާއަށް ސަރުކާރުވަނީ ބަންދުކޮށްފައެވެ.