English Edition
Dhivehi Edition

މިސްރުގެ ފުޓުބޯޅަ ތަރި އަހުމަދު ރިފާތް ، ދަނޑުމަތީގައި ފުޓުބޯޅަ ކުޅެން ހުއްޓާ ހިތްހުއްޓިގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިސްރު ޕްރިމިއާ ލީގުގެ މެޗެއް ކުޅެން ހުއްޓާ ހިތް ހުއްޓިގެން ރިފާތް ދަނޑުމައްޗަށް ވެއްޓުނު މި ހާދިސާ ހިނގީ މި އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހުގައެވެ.

މި ހާދިސާއާއި ގުޅިގެން، ރިފާތް އަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދިއައީ އައިސީޔޫގައެވެ. އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ހާލުރަނގަޅު ވުމުން ހޮސްޕިޓަލުން އޭނާ ދޫކޮށްލި ނަމަވެސް އޭގެ މަހެއް ފަހުން އަނެއްކާވެސް ހާލު ދެރަވެ، ރިފާތް އަލުން ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފެށިއެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ހާލަތު ގޯސްވަމުން އައިސް ރިފާތް މަރުވީ އިއްޔެގެ ވަގުތެއްގައެވެ.

އުމުރުން 31 އަހަރުގެ ރިފާތް އަކީ މިސްރުގެ ގައުމީޓީމަށްވެސް ކުޅެމުން އަންނަ މިޑްފީލްޑް ކުޅުންތެރިއެކެވެ. މަރުވުމުގެ ކުރިން އޭނާ ކުޅެމުން އައީ މިސްރު ޕްރިމިއާ ލީގުގެ މޮޑަން ސްޕޯޓްސް ކުލަބް އަށެވެ.

ރިފާތްގެ މަރާއި ގުޅިގެން މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނީ ރިފާތު މަރުވުމަކީ މިސްރުގެ ފުޓުބޯޅަ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. އަދި ގެއްލިގެން އެ ދިޔައީ މުހިންމު ކުޅުންތެރިއެއް ކަމަށާއި މިކަމުގެ ހިތާމައިގައި ރިފާތުގެ އާއިލާއާއި އެކު މިސްރުގެ ފުޓުބޯޅަ އާއިލާތަކުންވެސް ބައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.