English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅުނު ހުރިހާ މެޗެއްގައި ވެސް ފެނިގެން ދިޔައީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްލާފައިވާ މަންޒަރު ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ޔޫރޯ މުބާރާތުން ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސްްއާއި ދެކޮޅަށް ކުޅެ ޕެނަލްޓީގައި 3-5 އިން ބަލިވެގެންނެވެ.

ޕޯޗުގަލްއަށް މިިފަހަރުގެ މުބާރާތުގައި ދިމާވި ނާކާމިޔާނީއާއި ރޮނާލްޑޯގެ ފަރާތުން ފެނުނު ދަށް ކުޅުމާއި ގުޅިގެން މީޑިއާއާއި ވާހަކަދައްކަމުން ވެންގާ ބުނީ ރޮނާލްޑޯ ލައްވާ ރަނގަޅަށް ކުޅުވަން ބޭނުން ނަމަ އޭނާއަށް އެހީތެރިވާނެ ދެ ކުޅުންތެރިން ތިބެން ޖެހޭނެ ކަމަށާއި، ސެންޓަރ ފޯވާޑުންނަށް ލަނޑު ޖެހުމަށް އެހެން ކުޅުންތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނޭ ކަމަށެވެ.

އެހެން ނަމަވެސް ޔޫރޯ މުބާރާތުގައި ޕޯޗުގަލް ކުޅުނު އެއްވެސް މެޗެއްގައި އެއްވެސް ކުޅުންތެރިއަކު ރޮނާލްޑޯއަށް ލަނޑުޖަހަން އެހީތެރިވެދީފައި ނުވާކަމަށާއި މުޅިންވެސް ފެނުނީ ރޮނާލްޑޯ ބާކީކޮށް، އެކަހެރިކޮށްލާފައިވާ މަންޒަރުކަމަށް ވެންގާ ބުންޏެވެ.

ވެންގާ ބުނީ ޕޯޗުގަލް މެޗުތައް ބެލި ކޮންމެ މީހަކަށްވެސް ވަރަށް ސާފުކޮށް އެނގޭނޭހެން ކެޕްޓަން ބޭންޑް އަޅައިގެން ދަނޑުމަތީގައި ހުރި ރޮނާލްޑޯ ފެނުނީ ވަރަށް މާޔޫސްކޮށް ކަމަށާއި އެކަމުގެ ސަބަބެއްކަމަށް ބެލެވެނީ ޓީމުގެ އެހެން ކުޅުންތެރިން ރޮނާލްޑޯ އެކަހެރިކޮށްލުންކަމަށެވެ.

ވެންގާ ބުނީ ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމާއި އެކު ޔޫރޯ މުބާރާތަށް ނުކުތީ ސައުދީ ލީގުގެ ޓޮޕް ސްކޯރާގެ ގޮތުގައި ވަރަށް އުންމީދާއި އެކުގައި ކަމަށެވެ. ނަމަވެސް ޕޯޗުގަލް ޓީމުގެތެރެއިން ކަންކަން ދިޔައީ އެހާ ރަނގަޅަށް ކަމަށް ނުބެލެވޭކަމަށް ވެސް އޭނާ ބުންޏެވެ.

ވެންގާ ބުނީ ރޮނާލްޑޯ މިވަގުތު ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ނޫންކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް ފަސް މެޗު ނިމިގެން ދިޔައިރު، ރޮނާލްޑޯގެ ފަރާތުން ލަނޑެއް ފެނިގެން ނުދިއުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއްކަމަށް އޭނާ ބުންޏެވެ. އެގޮތަށް އެކަން މެދުވެރިވާން ދިމާވީ ސަބަބުތަކެއްވެސް ހުރީމަ ކަމަށާއި، އެއީ ޕޯޗުގަލް ޓީމުގެ ކުޅުންތެރިން ރޮނާލްޑޯ އެކަހެރިކޮށްލާފައި ވުމުންކަމަށް ވެންގާ ބުންޏެވެ.

” ރޮނާލްޑޯގެ ފަރާތުން ލަނޑުތަކެއް ފެންނަން ބޭނުން ނަމަ މަދުވެގެން ދެ ކުޅުންތެރިންގެ އެހީތެެރިކަން އޭނާއަށް ބޭނުންވާނެ. ސެންޓަރ ފޯވާޑަކަށް ލަނޑު ޖެހޭނީ އެހެން ކުޅުންތެރިންގެ ވެސް އެހަިތެރިކަން ލިބިގެން. އޭގެ ބަދަލުގައި ފެނުނީ ރޮނާލްޑޯ ބާކީ ކޮށްލެވިފައިވާ މަންޒަރު.” ވެންގާ ބުންޏެވެ.