English Edition
Dhivehi Edition

ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔަރ ކުރާނީ 2026 ގައި އޮންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކުޅެ، އެ މުބާރާތުގެ ތަށި ޕޯޗުގަލް އަށް ހޯދައިދިނުމަށް ފަހުގައި ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޕޯޗުގަލްގެ ގައުމީ ޖާޒީގައި ރޮނާލްޑޯ ކުޅޭނެ އެންމެ ފަހު މެޗަކީ މިހާރު ކުރިއަށް ދާ ޔޫރޯ ފުޓުބޯޅަ މުބަރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސްއާއި ދެކޮޅަށް ކުޅެ ބަލިވި މެޗުތޯ ނުވަތަ ނޫންތޯ ގިނަބަޔަކު މިހާރުވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރިޓަޔަރ ކުރުމާއި މެދު ރޮނާލްޑޯގެ ޚިޔާލެއް މިހާތަނަށް ފައުޅުކޮށްފައި ނުވާއިރު، ޕޯޗުގަލްގެ މީޑިއާ ރިޕޯޓުތަކުން މިވަނީ ރޮނާލްޑޯގެ ރިޓަޔަމެންޓާއި ގުޅޭ ގޮތުން ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ސާފު ޖަވާބެއް ދީފައެވެ.

ޕޯޗުގަލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިފަހަރުގެ ޔޫރޯ މުބާރާތަކީ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޖާޒީގައި ފެނިގެންދާނެ އެންމެ ފަހު ބައިނަލްއަޤުވާމީ މުބާރާތެއް ނޫންނެވެ. މި މުބަރާތުގައި ކުރިމަތިވި ބޮޑު ނާކާނިޔާބީއާއި އެކުވެސް ރޮނާލްޑޯ ހުރީ ރިޓަޔަރ ކުރާ ގޮތަކަށް ނޫންކަމަށާއި އޭނާ ރިޓަޔަރ ކުރާނީ 2026 ގައި އޮންނަ ފީފާ ވޯލްޑްކަޕް މުބާރާތައް ފަހުގައި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގައި، ރޮނާލްޑޯ ޕޯޗުގަލް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ނަމަވެސް، ޕޯޗުގަލް ކެޓުމާއި ހަމައަށް ވެސް ރޮނާލްޑޯއަށް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައި ނުވެއެވެ. އަދި ގްރޫޕް ސްޓޭޖުން ފެށިގެން ކުއާޓާ ފައިނަލުން ކެޓުމާއި ހަމައަށް ކުޅުނު ފަސް މެޗުގައި ވެސް އޭނާއަށް އެންމެ ލަނޑެއް ކާމިޔާބުކުރެވިފައެއްވެސް ނުވެއެވެ.

ރޮނާލްޑޯގެ ފަރާތުން މިފަހަރުގެ މުބާރާތުގައި ފެނުނު ދައް ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް އޭނާއަށް އަމާޒުވިއިރު، ގިނަ އަދަދެއްގެ ބަޔަކު ބުނަމުންދަނީ އުމުރު މަތިވުމުން ރޮނާލްޑޯގެ ކުޅުން މުހާރު ގެއްލިފައިވާ ކަމަށާއި ދެން ރޮނާލްޑޯއަށް އޭނާގެ އަސްލު ފެންވަރު ފުޓުބޯޅައިގައި ނުދެއްކޭނެކަމަށެވެ. އަދި ވަގުތުން ފުޓުބޯޅައިން ރިޓަޔަރ ކުރުމަށް ވެސް ރޮނަލްޑޯއަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން، ގިނަ ބައެއްގެ ފާޑުކިޔުންތަކާއި އެކުވެސް ރޮނާލްޑޯ ބައިނަލްއަގްވާމީ ފުޓްބޯޅައާއި ދުރައްދާން އަދި ނުވިސްނައެވެ. ރޮނާލްޑޯގެ އުންމީދާއި އަޒުމަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅެ، އެ މުބާރާތުގެ ތަށި ޕޯޗުގަލް އަށް ހޯދައިދިނުންކަމަށް ރިޕޯޓުގައިވެއެވެ.

ޕޯޗުގަލް ގައުމީޓީމުގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ވެސް ބުނީ މުބާރާތުން ވަކިވާން ޖެހުނުނަމަވެސް، ރޮނާލްޑޯ ގެ ރިޓަޔަމެންޓާއި މެދު ވާހަކަ ދަންކަން އަދި މާ އަވަސް ކަމަށެވެ. އެކަމާއި މެދު އަދި އޭނާގެ ވިސްނުމެއް ނެތްކަމަށާއި ރޮނާލްޑޯ އަދި ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔަރ ކުރުމާއި މެދު އެއްވެސް ވާހަކައެއް ނުދައްކާކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.