ކެއުމަކަށް ދާންބޭނުން ވެގެން އައްޑޫ އެކުވެރިއެއް ކައިރިން އެހިން ހުޅުދޫ މީދޫ ރެސްޓޯރެންޓަކުން ކާލަން އެންމެ ރަނގަޅުވާނީ ކޯޗެއްތޯ ޖަވާބުގައި އޭނާ ބުނީ ‘ޗިކަންރޯލްއޭ. ކޮންތަނަކުންހޭ އަހާލީމަ ބުނެފި ‘ދަ ރޯލްސް’ އޭ. މަށަށްވެސް އިނގޭ ޗިކަން ރޯލްސް އަކީ ރޯލްސްގެ ވައްތަރެއްކަން. އެހެންވެ އަނެއްކާވެސް ސުވާލު ތަކުރާރުކުރުމުން ޗިކަން ރޯލްސް, ދަ ރޯލްސް ޖަހާފައި މެސެޖެއް ފޮނުވައިފި. އަހަންނަށް ހީވަނީ އަހަރެންގެ އެކުވެރިޔާގެ އެބައުޅޭހެން ދޭހަވުމުގެ މައްސަލައެއް.”
އަލަށް އައްޑޫއަށް ޒިޔާރަތްކޮށްގެން އުޅޭ ރަހުމަތްތެރިއެއް އިހަކަށް ދުވަހު އޭނައާއި ދިމާވި ހާދިސާއެއް އަޅުގަނޑަށް ކިޔައިދިނެވެ.
މާގިނަ ވާހަކަ އެކަމާއި ގުޅޭ ގޮތުން ދެއްކުމުގެ ބަދަލުގައި އަޅުގަނޑު މިރަހުމަތްތެރިޔާ ގޮވައިގެން ދުއްވާފައިގޮސް އައްޑޫ ސިޓީ ހުޅުދޫ މީދޫ މީހުންގެ މެދުގައި މިހާރު އެންމެ މަގުބޫލު ކެފޭއަށް މަޑުކޮށްލީމެވެ. އަދި ވަންނަމުން ކެފޭގެ ނަންބޯޑު ދައްކާލުމަށްފަހު އެތަނުގެ ނަން ކިޔާލީމެވެ. އަދި އެތަނުގެ އެންމެ މަގުބޫލު ކެއުމަކީ ‘ޗިކަން ރޯލްސް’ ކަމަށް ބުނީމެވެ. ދޭހަވުމުގެ މައްސަލަ އުޅެނީ ކާކުގެތޯ ސުވާލުކޮށްލުމުން ރަހުމަތްތެރިޔާ , އޭނާގެ ކަމުގައި ބުނެ ހިނިގަނޑެއް ޖަހާލިއެވެ.
2019 ވަނަ އަހަރު ސޯފީގެ ފިރިމީހާގެ ވަޒީފާ ގެއްލުމުން ސޯފީ އާއި އޭނާގެ އާއިލާ އިހު ކޮށްފައިނުވާ ތަޖުރިބާތަކެއް ކުރަން ނޭދުނު ކަމުގައިވިއަސް އެކަމާއި ކުރިމަތިލުމަށް މަޖުބޫރުވިއެވެ. 4 ކުދިން ގޮވައިގެން އުޅެމުންއައި ސ. ހުޅުދޫ ނަސީމީވިލާ، ސަފިއްޔާ އަބްދުالله (ސޯފީ) ފިރިމީހާގެ ވަޒީފާ ގެއްލުމާއިއެކު ގޮސް މަޑުކޮށްލަން ޖެހުނީ 4 އަނގޮޅިއެއްގެ މެދުގައެވެ. ވަގުތު ނަގައިގެން ފަރުވާތެރިކަމާއިއެކު ވިސްނުމަށްފަހު ރަށުގައި ހުރެގެން އާމްދަނީއެއް ހޯދުމަށް ސޯފީއަށް ވިސްނުނު އެންމެ ރަނގަޅު މަސައްކަތަކީ ރަށުން އާންމުކޮށް ލިބެން ނުހުންނަ ކާއެއްޗެއް ތައާރަފުކުރުމެވެ. ޕާކިސްތާނުގެ ހާއްސަ ކެއުމެއް ކަމުގައިވާޗިކަން ރޯލްސް ތައްޔާރުކޮށް ސޯފީ އެކަމުގެ އަޖުމަ ބެލުމަށް ބާޒާރަށް ނެރުނެވެ.ނަމަވެސް ޕާކިސްތާނުގެ ރޯލްސްގައި ބޭނުންކުރާ ޗަޓްނީ ދިވެހި ރަހަތަކާއި އެންމެ ރައްޓެހިނުވުމާއި ގުޅިގެން ކެއްކުމުގެ ދާއިރާގައި ތަޖުރިބާހުރި އެކުވެރިއެއްގެއިރުޝާދާއިއެކު ޗަޓުނޭ ދިވެހިންނަށް ކަމުދާފަދަ ރަހައަކަށް ބަދަކުކުރިއެވެ. އަދި ކަސްޓަމަރުން ދީފައިވާ ފާޑުކިޔުންތަކަށް ސަމާލުވެ އެއާއި ގުޅުވައިގެންވެސް ބަދަލުތަކެއް ގެނައިކަމަށް ސޯފީ ބުންޏެވެ.
ސޯފީމެންގެ އާއިލާއަށް ކުރިމަތިވި ދަތިކަމުން އަރައިގަތުމުގެ ހުރިހާވެސް އުއްމީދެއް ގުޅިފައި އޭރު އޮތް ‘ޗިކެން ރޯލްސް’ ވިއްކަން އޭނާ ފެއްޓީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ގޭގައި ގާޑިޔާއެއް ރަޖިސްޓްރީކޮށް ވިޔަފާރިވެރިއެއް ކުރިއަށްގެންދިއުމުގެ ބީރައްޓެހިކަން ކެނޑިގެން ނުދަނީސް ސޯފީއާއި ކުރިމަތިކުރުވީ ސަރުކާރުގެ އެކިފަރާތްތަކުގެ ފިއްތުންތަކެވެ. އެކި ފަރާތްތަކުގެ އެކިވަރުގެ އުނދަގޫތައް ތަހައްމަލުކުރަންޖެހި ސޯފީގެ އުއްމީދީ ވިޔަފާރިއާއި ކުރިމަތިކުރުވި ވިލާގަނޑު އޭނާ ގާޑިޔަލުގައި ވިއްކަމުންއައި ރޯލްސް، ގެއިން ވިއްކަން މަޖުބޫރުކުރުވިއެވެ. 2023 ވަނަ އަހަރާއި ހަމައަށް ސޯފީ ރޯލްސް ތައްޔާރުކޮށް ވިއްކަމުން އައިސްފައިވަނީ ގޭގައެވެ. ގޭގައި ކުރަމުން އައި މިމަސައްކަތުގެ ފެންވަރާއި ރަހަ ދުވަހަކަށްފަހު ދުވަހެއް ފައްކާކުރަމުން ސޯފީއައީ ވިޔަފާރިއާއި މެދު ބޮޑެތި ހުވަފެންތަކެއްވެސް ދެކެމުންނެވެ.
ގިނަ ދުވަސްތަކެއްގެ މަސައްކަތާއި ގޮންޖެހުންތައް އަދި އެތައް ބައެއްގެ އެހީތެރިކަމާއި ‘ޗިކަން ރޯލްސް’އަށް ލިބެމުންއައި މަގުބޫލުކަމާއިއެކު ‘ދަ ރޯލްސް’ ކެފޭ ހުޅުވުނެވެ. ޗިކަން ރޯލްސްގެ އިތުރުން ދިވެހިންނާއި ރައްޓެހި ރަހަތަކުގެ ގިނަ ބާވަތްތަކެއްވެސް ލިބެން ހުންނަ މިކެފޭ ހަގީގަތަކަށްވުމުގެ ހުރިހާވެސް ޝުކުރެއް ސޯފީ އަދާކުރަނީ އޭނާގެ ލޮބުވެތި އާއިލާއަށެވެ.
“އުއްމީދުކުރެވުނު ކަމެއް ހަގީގަތަކަށްވެ މިއަދު ގިނަ ބައެއް އިތުބާރުކުރާ އަދި ޚިޔާރުކުރާ ވިޔަފާރިއަކަށް މިވީ އަޅުގަނޑުގެ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުމުން. ހަމައެއާއިއެކު މިހާރުވެސް އަޅުގަނޑުގެ ދަރިން ސްކޫލުން ގެއަށް އައުމަށްފަހު ރެސްޓޯރެންޓުގެ އެކި މަސައްކަތްތައް ވަރަށް ފުރިހަމައަށްކޮށް އުޅޭ. އެކުދިންގެ ފަރާތުން ޚިދުމަތް ލިބުނު ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން އެބަހުރި ވިދާޅުވެފައި ސްކޫލް ނިންމާލުމަށްފަހު ވަޒީފާއަށް އެތަންތަނަށް އައުމަށް.”
ވިޔަފާރީގެ ތެރެއިން ސޯފީގެ ހުރިހާވެސް އުއްމީދެއް ގުޅިފައިވާ ދަރިންނަށް ހޯދައިދެވެމުން އަންނަ ކުރިއެރުމާއި ފުރުސަތުތަކާއި ގުޅޭގޮތުން ފަހުރުވެރިކަމާއިއެކު ވާހަކަ ދައްކަމުން އޭނާ ބުންޏެވެ
ބިދޭސީ 2 މުވައްޒަފުންގެ ބައިވެރިވުމާއި އާއިލާގެ މެންބަރުންނާއިއެކު ކެފޭގެ މަސައްކަތް ކުރަމުން އަންނަ ސޯފީ ބުނި ގޮތުގައި އޭނާގެ ވިޔަފާރީގައި އެންމެ އިސްކަމެއްދޭ އެއްކަމަކީ ކަސްޓަމަރުން ކުރާ އިތުބާރު ދެމެހެއްޓުމެވެ.
“ކަސްޓަމަރުންގެ އިތުބާރު އަބަދުވެސް ލިބި އަދި ދެމެހެއްޓޭތޯ ވަރަށް މަސައްކަތްކުރަން، އަދި ހަމަ މިވިޔަފާރިން ދަސްވި އެއްކަމަކީ އަގަށްވުރެން ކާބޯތަކެތީގެ ރަހަ ނުވަތަ އޭގެ ފެންވަރު މުހިންމުކަން. އެކި ފަންތީގެ އެކި މަގާމުތަކުގެ އެކި ރަށްތަކާއި ދުނިޔޭގެ އެކި ހިސާބުގެ މީހުން ޗިކަން ރޯލްސް ކެއުމަށްފަހު ތައުރީފުކޮށްފައިވޭ. ވަރަށް އުފާވޭ” ސޯފީ ކިޔައިދިނެވެ.
ސޯފީ ބުނި ގޮތުގައި ގިނަ ކެއުންތަކެއް ލިބެން ހުރި ކަމުގައިވީނަމަވެސް އަދިވެސް އެންމެ ގިނަ ބަޔަކަށް ކަމުދަނީ ޗިކަން ރޯލްސް އެވެ. ޗިކަން ރޯލްސް ތައްޔާރުކުރުމުގައި ބޭނުންކުރާ މައިގަނޑު އިންގްރިޑިއަންސް ސޯފީގެ ދެމަފިރިންނަށް އެކަނި އެނގޭއިރު ކޮންމެ ޗިކެން ރޯލްސްއެއްގެވެސް މައިގަނޑު މަސައްކަތްކުރަނީ އެ ދެމަފިރިންނެވެ.
“އެކިފަހަރު މަތިން ޑެލިވަރީ ކުރުމަށްވެސް އޯޑަރ އާދޭ، އައްޑޫގެ އެހެން ރަށްތަކަށްކާތަކެތި ޑެލިވަރ ކުރަން އުނދަގޫތަކެއް އެބަހުރި، ސްޕީޑު ލޯންޗު އަދި ފެރީގައިކާބޯތަކެތި ނުގެންދެވޭތީ ވަރަށް ގިނަ އޯޑަރުތައް ނުނެގިދޭ” ރޯލްއަށް އޮތް ތަރުހީބު ކިޔާދެމުން ސޯފީ ބުންޏެވެ.
ސޯފީ ބުނީ އެންމެ ރޯލެއް ތައްޔާރު ކުރުމަށްވެސް ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭކަމަށާއި މިއީ ދެގޮތެއް ނުވާ ކެއުމެއް ކަމަށާއި އަދި އައްޑޫ ސިޓީ ހުޅުދޫ، މީދޫން ފިޔަވައި އެހެން ތަނަކުން މިފެންވަރުގެ ރޯލެއް ނުލިބޭނެ ކަމަށް ކަސްޓަމަރުން ބުނާ އަޑު އިވުމަކީ މިމަސައްކަތްކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ސޯފީ ހިތްދަތިކަމަކުން އުފަންކުރި މިއުޖާލާ އަދި އުފާވެރިކަން، އޭނާއާއި އާއިލާ އަދި އެތައް ބަޔަކަށް ގެނެސްދިން ޗިކެން ރޯލްސްއަށް މިހާރު 5 އަހަރު ފުރުނީއެވެ. ޗިކަން ރޯލްސް އަދި ދަ ރޯލްސް އިން ލިބެންހުރި ކެއުންތައް ހަފްތާގެ ކޮންމެ ދުވަހަކު, (ހުކުރު ދުވަހުގެ ހެނދުނު ފިޔަވައި) 08:30 އިން 23:30އަށް ދަ ރޯލްސް ރެސްޓޯރަންޓުން ލިބެން ހުރެއެވެ. ސޯފީގެ އުއްމީދުތަކާއި ހުވަފެންތައް މިހާރު މިކަމުގައި ހުރީ އައްޑޫ ސިޓީއަށް ނިސްބަތްވާ އަދި ރަށުން ބޭރު، ހާއްސަކޮށް މާލެ ސިޓީގައި ދިރިއުޅެމުން އަންނަ އައްޑޫގެ ރައްޔިތުންނާއި އެކުއެވެ. ވިޔަފާރި އައްޑޫ ކަނޑުއޮޅިން ބޭރަށްނެރެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާވާނެ ދުވަހެއްގެ އުއްމީދުގައި ހުރި ސޯފީއަށް އޭއޯ ނިއުސްއިން އެދެނީ މި މަސައްކަތުގައި އަދަށްވުރެ ފަހި މާދަމާއެއް ދެއްކެވުމެވެ.