English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން ސަރުކާރުން މަނާކޮށްފި އެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަދު އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ދިވެހި ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަަަކަށް ބިދޭސީ ފަތުރުވެރިން ގެނައުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް ޓޫރިސްޓުންނަށް ދަތުރުނުކުރެވޭނެކަމަށްވެސް އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން އެތެރެވުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އަންގާފައެވެ.

ދިވެހިރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ފެނިފައިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ. ރާއްޖޭގައި ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ކަމާއި ބެހޭ އިދާރާތަކުންވަނީ ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލާފައެވެ. މި ގޮތުން ޕާޓީތަކާއި، ހަފްލާތައް ބޭއްވުން ހުއްޓާލުމާއި ކުޅިވަރުކުޅޭ މައިދާންތައް ބަންދުކުރުމުގެ އިތުރުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ނުދިއުމަށް ކަމާއި ބެހޭ އިދާރާތަކުންވަނީ އިލްތިމާޒުކޮށްފައެވެ.