މި ވަގުތަކީ ވަކި ފިކުރަކަށް ބެލުމެއް ނެތި، އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މި ވަގުތު އެންމެންވެސް ވިސްނަންޖެހޭނީ އެހެން ހުރިހާ ފިކުރާއި އެހެން ހުރިހާކަމަކަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށްކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް ކޮންމެ ފަރުދަކުވެސް އެމީހަކަށް ކުރެވުނު މަސައްކަތެއް މި ބަލިން ރައްކާތެރިވުމަށް ކުރުމާއެކު މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. “މިއީ ވަރަށް ހުތޫރަތްތެރި ދަނޑިވަޅެއްކަން މިއަދު ރާއްޖޭގެ އެންމެންވެސް ގަބޫލު ކުރާނެ. ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުން މުހިއްމު”އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވަނީ މިހާ ހިސާބަށް އައިއިރު ސަރުކާރުގެ ފަރާތުން ދޭ ހުރިހާ އިރުޝާދަކަށް ރައްޔިތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާކަން ފާހަގަކޮށް އެކަމާ އުފާ ކުރައްވާ ކަމަށް އާދަމް ވިދާޅުވެފައެވެ. “އަޅުގަނޑަށް ފެންނަ ގޮތުގާ މިހާ ހިސާބަށް އައި އިރުގައި އަޅުގަނޑުމެންގެ ގައުމުގައި މިކަން ފެތުރެން ދިމާވި ސަބަބު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް ވެސް، މި ރާއްޖެ އަށް ބަލި ފެތުރުމާއި ހަމައިން ފެށިގެން އަޅުގަނޑު ދެކޭ ގޮތުގައި މިކަމާ ބެހޭ ގޮތުން އަޅަމުންދާ ފިޔަވަޅުތަކަކީ ވެސް އަދި މިކަމަށް ރައްޔިތުން ދޭ އިޖާބައަކީ ވެސް މިވަގުތަށް އެންމެ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ.” އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިދަނޑިވަޅަކީ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށާއު ކޮވިޑް-19 އާ ގުޅިގެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަދާކުރަން ޖެހޭނީ ފަރުދީ ޒިންމާ ކަމަށެވެ.