ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ވައްޓާލުމުގައި ހަރަކާތްތެރިވެ ނުކިމަންތެރިވި ވަކިވަކި ފުލުހުންގެ މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، އިމްތިޔާޒް ފަހްމީ (އިންތި) ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސް މަރުޙަލާގައި އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބައާވާތަކުން ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުހުން ކަމަށާއި އަދި އޭގެ އަނެއް ދުވަހު މަގުތަކަށް އެއްވި އެމްޑީޕީގެ ލީޑާޝިޕާއި އާންމު ސަޕޯޓަރުންނަށް ބައެއް ފުލުހުން ކުރި އަނިޔާއަށް ވެސް އިންސާފު ލިބިފައިނުވާކަމަށެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ މިހާރު ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފުލުހުންނާ ދޭތެރޭ ދެކެނީ ކޮން ގޮތަކަށްތޯ ސުވާލުކޮށްފިނަމަ، ބުނާނީ އެ މުއައްސަސާ އަކީ ވަރަށް ކިލަނބުވެފައި އަދި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ދީފައިވާ ބައެއްކަމަށެވެ. “ފުލުހުންނާ މެދުގައި ރައްޔިތުންގެ އިތުބާރު އުފައްދަން ބޭނުން ކަމަށް ވަންޏާ، މި އަނިޔާ އާއި ގެއްލުން ދިވެހި ދައުލަތަށް ދިން ފުލުހުން ކޮބައިތޯ. މިއަދު ވެސް އެ މުއައްސަސާތަކުގެ ތެރޭގައި އެބަ ތިބިތޯ؟ މި ސުވާލުތަކަށް ޖަވާބު ބޭނުންވޭ، މި ސުވާލަށް ޖަވާބު ލިބިގެން ނޫނީ އަޅުގަނޑުމެންނަށް ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރެވޭނެ ގޮތެއް ނެތް،” އިންތި ވިދާޅުވި އެވެ. މީގެ އިތުރުން އިންތި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެންމެ ފުރަތަމަ އިންތިޚާބުކުރި ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށް ބައާވާތަކުން ވެރިކަން ވައްޓާލީ ސީދާ ފުލުހުންކަމަށެވެ. “އަޅުގަނޑުގެ ޖެހިގެން މިހުރި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަށް ފުލުހުންގެ ޔުނިފޯމްގައި ބަޔަކު އަނިޔާކޮށް، މަރުނުވެ އޮތީ މާތް ރަސްކަލާނގެ ރަޙުމަތްފުޅުން.” އިންތި ވިދާޅުވިއެވެ.
އިންތިގެ ވާހަކަތަކަށް ބާރުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމުނު ދުވަހުގައި ފުލުހުންގެ ނުކިޔަމަންތެރިކަން ހައްދު ފަހަނައަޅާ ދިއުމާ ގުޅިގެން މިހާތަނަށް އެއްވެސް ތަހުގީގެއް ކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން ފުލުހުންގެ ހިދުމަތުގެ ބިލު ތަޅުމަށް ބަލައިގަނެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެ ބިލު ދިރާސާ ކުރާއިރު އެ މައްސަލަ އެ ކޮމިޓީއަށް ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު އެ ކަމަށް ސާފުކޮށް ޖަގާދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.