English Edition
Dhivehi Edition

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކާ މިވަގުތު އަޅަން ޖެހޭ އެންމެ މުހިއްމު ފިވަަޅަކީ ވަގުތުން ވަގުތަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން ތޯރިގްވަނީ ފުލުހުންގެ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައްވެސް ރަނގަޅަށް ދެވޭނީ ގައުމުގެ ސިއްހީ ހާލަތު ރަނގަޅަށް އޮވެގެންކަން ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅު ފުލުހުން ވަމުންދާ ގުރުބާނީގެ އަގު ވަޒަންކުރައްވަމުން ތާރިގް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް މި ވަގުތުން ވަގުތަށް ބަންދުކުރަންޖެހޭ ކަމަށެވެ. “އިޓަލީ ފަތުރުވެރިޔާ ދިވެހިރާއްޖެ އަށް އައުމުގެ އެ ހަފްތާއެއް ކުރިން އިޓަލީ ބަންދު ކުރެވުނު ނަމައޭ މިހާރު އަޅުގަނޑުމެން ހިތަށް އަރާ. މީގެ ހަފްތާއެއް ފަހުން އަޅުގަނޑު ހިތަށް އަރާނެ މިއަދު ބޯޑަރުތައް ބަންދުކުރެވުނު ނަމަ ހުޅުމާލެ އާއި މާލެ އާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކަކަށް މި ބަލި ނުފެތުރުނީހޭ.” ތާރިގް ވިދާޅުވިއެވެ.

ތޯރިގް ގެ އިތުރުން، ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރެމުންދާ ގައުމުތައް މިސާލަކަށް ބަލައިގެން ވަގުތުފާއިތުނުވަނީސް، ރާއްޖެ ވެސް ލޮކްޑައުން ކުރަން ބައެއް ޑޮކްޓަރުންވެސް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފަ އެވެ.