ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓަކުން އައި މީހެއްގެ ފަރާތުން،، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތަކެއް ފެނިގެން އޭނާ އެކަހެރިކޮށްފި އެވެ.
މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަހެރިކޮށްފައިވަނީ މިއަދު ދޯހާއިން ވީއައިއޭއަށް ޖެއްސި ގަތަރު ފްލައިޓް، QR674 އިން އައި މީހެކެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 ފަރާތެއް ފެނިފައިވާއިރު ސަރުކާރުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކުން ފޭބުން މަނާކޮށް ބައެއް ފްލައިޓްތައްވެސް ރާއްޖެއައުން މަނާކޮށްފައެވެ. މީގެ އިތުރުން ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވައިރަސް އާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ސްކޫލްތައްވެސް ވަނީ އެއް ހަފްތާއަށް ބަންދުކޮށްފައެވެ. އަދި ކުރިން އެޕްރީލްމަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުވެސް ވަނީ ފަސްކޮފައެވެ.މީގެ އިތުރުން އާންމުން އެއްވެ އުޅޭ ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާއިރު ކުޅިވަރު ކުޅެ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ.
މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ފެނިފައިނުވި ނަމަވަެސް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.