English Edition
Dhivehi Edition

ޤަޠަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ޤަޠަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. ޤަޠަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެއާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ

މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ޤައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.އަދި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ޤަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މިރޭ މި މުބާރާތް ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރު އަދި އެކުއެޑޯ ކުޅުން ފެށިފައިވާއިރު މިމެޗު ކުޅޭނީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައެވެ.