English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް އަލުން ހުޅުވޭ ފަދަ މާހައުލެއް ނެތް ނަމަ، އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވާން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން މި ދުވަސްވަރު ބަންދު ކުރި ނަމަވެސް ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދެވޭނެ ގޮތަކާ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ގޮތުން ރޭޑިއޯ އާއި އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ވެސް ދަރިވަރުންނަށް ކިޔަވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން “ޔެސް ޓީވި” މެދުވެރިކޮށް ކްލާސްތައް ގެނެސް ދިނުމަށާއި އޮންލައިން އެހެން ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމަށް އެޑިއުކޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ވަކި ތާވަލެއްގެ ދަށުން 10، 11 ގެ ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭން ފަށާފައިވާއިރު އެޑިއުކޭޝަނުން ވިދާޅުވީ މި ގޮތަށް ފިލާވަޅު ނަގައިދިނުމަށް ނިންމީ އެ ދަރިވަރުންނަކީ އިމްތިހާނަކަށް ތައްޔާރުވާ ބަޔަކަށް ވެފައި، ފިލާވަޅުތައް ފުރިހަމަވުމަކީ މުހިއްމު ކަމަކަށްވާތީކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު އިހުސާން ވިދާޅުވީ، ޔެސް ޓީވީ މެދުވެރިކޮށް އިތުރު ގްރޭޑްތަކުގެ ކުދިންނަށް ކްލާސްތައް ނަގައި ދިނުމުގެ ވިސްނުން ވެސް އެބަ ހުރި ކަމަށެވެ.