English Edition
Dhivehi Edition

ޓިއުޝަން ކްލާސް ހިންގާ ތަންތަން ހިމެނޭ ގޮތަށް، ސުކޫލުތައް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އަލުން ރެޖިސްޓްރީކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ގޮތަށް އަންގާފައިވަނީ ސުކޫލުތައް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އަލުން ރެޖިސްޓްރީ ކުރަން ޖެހޭ ގަވާއިދު މިއަދު ގެޒެޓްކޮށް، އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ގޮތުންނެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދާ ކިޔަވައިދޭ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހޭކަމަށް މިނިސްޓްރީން ވަނި ބުނެފައެވެ. އަދި ކުރިން ރަޖިސްޓްރީކޮށްފައިވާ ތަންތަން ދޮޅު އަހަރު ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

މިގަވާއިދުގެ ދަށުން ސުކޫލުތައް ފިޔަވައި، އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި، ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަން ރެޖިސްޓްރީ ކުރަން ޖެހޭނެއެވެ. މީގެއިތުރުން ޓިއުޝަން ކްލާސްތަކާއި، ޕްރީ ސްކޫލުތަކާއި، ގުރުއާން ކިޔަވައިދޭ ތަންތަނުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކްލާސްތައް ނަގައިދޭ ތަންތަން އަލުން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ކުޑަކުދިންނަށް ތައުލީމާއި، ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގައި އެކި ކަހަލަ ތަންތަން ވެސް އާ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކުރަން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ރަޖިސްޓްރީކޮށްދޭނީ ކިޔަވައިދޭ ތަނެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ އަސާސީ މިންގަނޑަށް ފެތޭ ތަންތަން ކަމަށެވެ. އަދި ކިޔަވައިދޭ ތަން ރެޖިސްޓްރީ ކުރާއިރު ހުއްދަ ދޭ ޕްރޮގްރާމްތަކުގެ އިތުރުން، އިތުރު ޕްރޮގްރާމެއް ހިންގާނަމަ އެ ޕްރޮގްރާމެއް ވަކިން ރެޖިސްޓްރީ ކުރަން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ހުއްދަދީފައިވާ ޕްރޮގްރާމްތައް ފިޔަވައި އިތުރު ޕްރޮގްރާމްތައް ހިންގުން މަނާވާނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.