ފްރާންސަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މޫނު ބުރުގާ އެޅުން މަނާކުރި ގައުމެވެ. 1 އެޕްރީލް 2011 އިން ފެށިގެން މޫނު ނިވާކޮށްގެން ބޭރު ތެރޭގައި އުޅުމަކީ މަނާކަމެއް ކަމުގައި އެ ގައުމުންވަނީ ކަނޑައަޅާފައެވެ. އަދި މޫނު ބުރުގާ އަޅައިގެން މަގުމައްޗަށް ނިކުންނަ މީހުންނާއި ދޭތެރޭ އެ ގައުމުން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާ ގާނޫނީ ގޮތުން ދައުވާވެސް ކޮށްފައެވެ.
އެހެންނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި އެކު އެ ގައުމުން މިވަނީ ރައްޔިތުންނަށް މޫނު ނިވާކޮށްގެން މަގުމައްޗަށް ނިކުތުމަށް މަޖުބޫރުކޮށްފައެވެ. އަދި މޫނު ނިވާނުކޮށް މަގުމައްޗަށް ނިކުންނަ ކޮންމެ މީހަކު 150 ޔޫރޯއިން ޖޫރިމަނާކުރުމަށް އެ ގައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި މަޝްހޫރު ފެޝަން ޝޯ ‘ދަ ޕެރިސް ފެޝަން ވީކް’ގައި މޮޑަލުންވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުން ޓުވިޓާގައި އެމީހުންގެ ހިޔާލުފާޅުކޮށްފައިވާއިރު ގިނަ ބަޔަކު ބުނެފައިވަނީ އެންމެ ފަހުން ފްރާންސަށްވެސް މޫނުބުރުގާ އެޅުމަށް މަޖުބޫރުވެއްޖެކަމަށެވެ. އަދި މިހާދުވަހު މުސްލިމު އަންހެނުން އަޅަމުންދިޔަ މޫނު ބުރުގާއަށް ފާޑުކިޔާ މޫނުބުރުގާ ނޭޅުމަށް މަޖުބޫރުކޮށްފައިވާއިރު، އެންމެ ފަހުން މިޖެހުނީ މަޖުބޫރުކޮށްގެން މޫނު ނިވާކުރުވަންކަމުގައިވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ. “އަހަންނަށް މި ލިބުނީ ހައިރާންކަމެއް. ފްރާންސްގެ ފެޝަން ޝޯއެއްގައި މޫނު ނިވާކޮށްގެން ތިބުމުން. ކުރިން މަޖުބޫރުކުރީ މޫނު ނިވާނުކުރާން.މިހާރު ނިވާނުކުރާނަމަ ޖޫރިމަނާވެސް އެބަކުރޭ”މީހަކު ކުރި ޓުވިޓެއްގައި ބުނެފައިވެެއެވެ.
And here I was told covering your face was objectively offensive and a security threat pic.twitter.com/f4CPtjiauF
— Namira Islam Anani (@namirari) March 8, 2020
މީގެ ކުރިން ފްރާންސްގައި މޫނު ބުރުގާ އަޅާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު ބައެއް މީހުންގެ ވަޒީފާ ގެއްލި މޫނު ބުރުގާ އަޅާ މީހުންނަށް ސަރުކާރުގެ މުއައްސަސާތަކުން ހިދުމަތް ދިނުންވެސް ވަނީ ހުއްޓާލާފައެވެ.”އެމީހުން މަނާކުރީ މޫނު ބުރުގާ އެޅުން. މިހާރު އެމީހުން ތިބެން މިޖެހުނީ މޫނު އެއްކޮށް ނިވާކޮށްގެން.މިއީ އިބްރަތެއް.” މީހަކު ކުރި ޓުވިޓެއްގައި ބުނެފައިވެއެވެ.