ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކިކޮށް މަގުމަތިކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯއެއް ޓުވިޓާގައި ހިއްސާ ކުރަމުން ނިހާދު ވިދާޅުވީ، އެ ޓީޗަރަށް ވެސް ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ. އަދި ރައީސް ސޯލިހްގެ ވެރިކަން މާ ބޮޑަށް ވެސް ތަފާތު ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ. “ޔާމީންގެ ވެރިކަމުގައި މޫނު ބުރުގާ އެޅި މުވައްޒަފުން ކަނޑާ، މަގުމަތި ކުރި ކަން ޔަގީން!” ނިހާދު ވިދާޅުވިއެވެ.
ޓީޗަރުން ކިޔަވައި ދެއްވާއިރު މޫނުބުރުގާ އަޅައިގެން ތިބުމާއި ގުޅޭ ބަހުސްގެ އަޑު އަނެއްކާވެސް ގަދަވެފައިވާއިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ވަނީ ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެ ކަމަށް ބުނެފައެވެ. މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާތީ އެކަމާއި ގުޅޭގޮތުން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށެވެ. އަދި އެފަދަ ތަންތަނުގައި ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެކަމަށެވެ.
މީގެ އިތުރުން މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވައިދޭ ވަގުތު ދަރިވަަރުންނަށް މޫނު ފެންނާނެހެން ތިބުމަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވާތީކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން މޫނުބުރުގާ އަޅައިގެން ސުކޫލުތަކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއް ބުނީ ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާކަމަށެވެ. އެހެންކަމުން މޫނު ފެންނާނެހެން ތިބުމަށް އަންގާފައިވަނީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.