English Edition
Dhivehi Edition

ފޭސް މާސްކު ބޭނުން ކުރުމުގެ ސަބަބުން އިންފެކްޝަނެއް އުފެދި، ކޮރޯނާވައިރަސް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު ކަމަށް އިގިރޭސިވިލާތުގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރު ޑރ. ޖެނީ ހެރީސް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވުހާން ސިޓީއިން މިދިޔަ އަހަރު ޑިސެމްބަރުމަހު ފެނުނު ކޮރޯނާވައިރަސް(ކޮވިޑް-19) އިން ރައްކާތެރިވުމަށް ގިނަ ބަޔަކު މާސްކް ބޭނުންކުރަމުންދާއިރު ޑރ. ޖެނީ ހެރީސް ވިދާޅުވީ މާސްކު އަޅައިގެން އުޅުމުގެ ސަބަބުން ވައިރަސް މާސްކު ތެރޭގައި ހަރުލައި، މީހާގެ ނޭވާލާ ނިޒާމުގެ ތެރެއިން ވައިރަސް ހަށިގަނޑަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ،

މާސްކުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވެދާނެކަން ފާހަގަކުރައްވާ، އެކަމުގެ ތަފްސީލް ދެއްވަމުން ޑރ.ޖެނީ ވިދާޅުވީ އާއްމުކޮށް އުޅޭ އުޅުމުގައި މާސްކު ނަގާ އެކި ތަންތަނުގައި ބާއްވުމުގެ ފުރުސަތު ބޮޑުކަމަށާއި އަދި އަލުން އެ މާސްކު ނަގާފައި މޫނު މަތީ އެޅީމުން ވައިރަސްގެ އަސަރު މާސްކު ތެރޭ ހުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށެވެ. މީގެ އިތުރުން ޑރ.ޖެނީ ވަނީ މާސްކު އެޅުމަށް ޑޮކްޓަރަކު އިރުޝާދު ދީފައިވާ ފަރާތްތަކުން އެގޮތަށް އަމަލުކުރަން ވާނެ ކަމަށާއި އެހެން ފަރާތްތަކުން މާސްކު ހޯދުމުގެ ބަދަލުގައި މޫނުގައި އަތް ނުހޭކުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އިލްތިމާޒުކޮށްފައެވެ.