ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރުން މަގާމުން އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ. އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލް މެޗާ ހިސާބުން އުފެދުނު މައްސަލަތައް ހައްލު ނުވެ އެކްސްކޯ މެންބަރުން މަގާމުން އިސްތިއުފާދޭން ނިންމީ އެސޯސިއޭޝަންގެ ތެރެއަށް ޕޮލިޓިސް ވަދެފައިވުމާއެކު ވޮލީބޯޅަ އެސޯސިއޭޝަން އޮތީ މަސައްކަތް ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށް ގަބޫލުކުރެވޭތީކަމަށް އެ މެމްބަރުން ވަނީ ބުނެފައެވެ
މަގާމުން އިސްތިއުފާދޭން ނިންމަފައިވާ މެމްބަރުންގެ ތެރޭގައި އެސޯސިއޭޝަންގެ ޖެނަރަލް ސެކްޓަރީ އަދި އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރު މުޙައްމަދު ޝަރަފް، ގައުމީ ޓީމުގެ މެނޭޖަރު އަދި ގައުމީ ޓީމުގެ ޑިރެކްޓަރުގެ އިތުރުން ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަން އަލީ ލަތީފް (ޑިލައިޓް އައްޔަ)، މާކެޓިން އެންޑް ޕީއާރު ޑިރެކްޓަރ މުޙައްމަދު ޝާފީ، ބީޗް އެންޑް ޑިވޮލަޕްމަންޓް ކޮމެޓީގެ ޗެއާމަން އަދި ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރު އަބްދުﷲ ނަޝީދު (އަބުޅޯ) އާއި ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު އާއި ގައުމީ ޓީމުގެ ކިޓް މެނޭޖަރު ނަސީމް އަލީ އެވެ
އެސޯސިއޭޝަންގެ އެސްކޯ އިސްތިއުފާދީފައިވަނީ އަންގާރަ ދުވަހު ހަވީރު ކުޅެން ހަމަޖެއްސި ޒޯން ފަހެއްގެ ފައިނަލް މެޗަށް ޝަރަފް ސޮނެވާއަށް އެރުމަށް އެ ރިސޯޓް އިން ދެކޮޅު ހެދުމާއި ގުޅިގެން އުފެދުނު ދެބަސްވުމަށްފަހު ސޮނޭވާގެ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ) ފައިނަލް މެޗަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނިކޮށް އެ ނިންމުމަށް އެސޯސިއޭޝަނުން އަމަލުކޮށްފައިނުވާތީއެވެ.އަދި ފައިނަލް މެޗުގައި ސަތޯ ވަނީ ސޮނެވާފުށީގެ ބެންޗުގައި އިނދެ މެޗު ފުރިހަމަކޮށްފައެވެ
ސޮނެވާއަށް ޝަރަފް އެރުމަށް އެ ރިސޯޓް އިން އިންކާރުކުރީ ފައިނަލްގައި އިދިކޮޅުން ކުޅެމުންދާ އަނަންތަރާގެ ކޯޗަކީ ވޭތުވެދިޔަ ދެ އަހަރު ޝަރަފްކަމަށް ވެފައި މިހާރު ވެސް އެޓީމު ހެދުމުގައި އޭނަގެ ދައުރު އޮތުމާއި އެކު ޝަރަފްގެ އިރުޝާދު ޓީމަށް ލިބޭކަމުގެ ތުހުމަތުތަކާއެކުގައެވެ. އަދި ސޮނެވާގެ ކޯޗު ސަތޯ އާއި ޝަރަފު އާއި ދެމެދު އުފެދިފައިވާ ޒާތީ މައްސަލައެއްގެ ތެރެއިން ޝަރަފްގެ ނުފޫޒާއެކު ސަތޯއަށް މި މުބާރާތުގައި ނަސޭހަތް ދިނުމަށް ރިސޯޓަށް އަންގާ އަދި ފައިނަލް މެޗަށް ސަސްޕެންޑް ކުރުމުން ކަމަށް ގިނަބަޔަކުވަނީ ބުނެފައެވެ
މިކަމާއި ގުޅިގެން ޝަރަފް ބުނެފައިވަނީ އަނަންތަރާގެ ޓީމު ހެދުގައި އޭނަގެ ދައުރެއް ނެތްކަމަށެވެ. އަދި އެޓީމުގެ ކޯޗަކީ ޝަރަފަށް ވުރެން ވެސް ވޮލީގައި ތަޖްރިބާކާރު ކޯޗެއް ކަމަށެވެ. އަދި ސަތޯ ސަސަޕެންޑް ކުރުމަކީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި އެވަރުގެ ނިންމުމެއް އޭނައެކަނި ނިންމުގެ ބާރު އެސޯސިއޭޝަންގެ ގަވައިދުގެ ތެރޭގައި ނެތް ކަމަށެވެ. މީގެ އިތުރުން ޝަރަފު ބުނެފައިވަނީ ސަތޯ ސަސަޕެންޑްކޮށްފައި ވަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށާއި މުބާރާތް މި ހާލަތު ގެނައުމުގައި އޭނަގެ ދައުރު ބޮޑުކަމަށް މުބާރާތުގެ ކޮމެޓީއަށް ގަބޫލު ކުރެވޭތީކަމުގައެވެ. “މުބާރާތުގެ ޑެލިގޭޓްސް އާއި މުހާތަބުކޮށް ސަތޯ ބުނެފަ އެބަހުރި ބަޔެއް އެކްސްކޯ މެންބަރުން އެރަށް ނޭނރޭނޭ. އެހެން ނަމަވެސް ޓީމުގެ ކޯޗު ބުނާގޮތަކަށް ރިސޯޓް އަމަލު ކުރަން ވެއްޖެ ނަމަ މުޅި ކުޅިވަރު ހަލާކު ވެގެންދާނެ. ރިސޯޓުން ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަދެފައިވަނީ.އަދި އެކްސްކޯގެ ބައެއް މެންބަރުންނަށް ރިސޯޓަށް ނޭނރޭނެ ކަމަށް އަންގާފައި ވަނީ ސީދާ ރިސޯޓްގެ މެއިލްތަކުން އެހެންވީމާ މިކަންކަން ގޯސް ކުރުމުގައި ސަތޯ ވަނީ ދައުރެއް އަދާކޮށްފަ. އެކަންކަމަށް ބަލާފަ އޭނަ ސަސްޕެންޑް ކުރީ” ސަތޯ އާއި ބެހޭ ގޮތުން ޝަރަފް ބުންޏެވެ
ގިނަ މެންބަރުންތަކެއް ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯ އިން އިސްތިއުފާދިން އިރު އެ މެންބަރުން މެޗު ހިނގަމުންދިޔަ ސޮނެވާއަށް ގޮސްފައި ނުވެއެވެ.އެކްސްކޯގެ ގިނަ މެމްބަރުން ބުނެފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވަނީ ވަރަށް ބޮޑަށް އެސޯސިއޭޝަންގެ ތެރެއަށް ޕޮލިޓިކްސް ވައްދާފައިކަމަށެވެ