English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް އެޅުމަށް ނިންމާ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމި 25 ވޮލީ ކޯޓުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ކޯޓުވެސް ހިމެނިފައިވާއިރު މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި ވޮލީ ބޯޅަ ދިރުވާ އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ވޮލީކޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރ އަހްމަދު މަހްލޫފާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހަޢްމަދު މުމްތާޡް އަދި ފުވައްމުލައް ސިޓީގެ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އިދާރީ ގޮތުން ތިން ދާއިރާއަކަށް ބެހިފައިވާ ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގައި ހިމެނޭ އަވަށްތަކަކީ ފުނާޑު އަދި ދޫނޑިގަމެވެ. މިނިސްޓަރ އޮފް ޔޫތު، ފަރާތުން އަޅާ މި ވޮލީ ކޯޓް މިފަހަރު އެޅުމަށް ހަމަޖެހިފައި ވަނީ ފުނާޑު އަވަށުގައެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހަޢްމަދު މުމްތާޡް ވަނީ ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގައި މި ކޯޓު އެޅުމަށް ނިންމާފައިވާތީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފަށް ޝުކުރު އަދާކުރައްވާފައެވެ.