ކޮވިޑް-19 އަކީ ކޮންމެ އަހަރަކު ވެސް ފެތުރިގެން ދާނެ ވައިރަސްއަކަށް ވެގެން ހިނގައިދާނެކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފިއެވެ.
ލަންޑަންގައި ހުންނަ ކްއީން މޭރީ ޔުނިވަސިޓީގެ ޕްރޮފެސަރ ޖޯން އޮކްސްފޯޑް ވިދާޅުވީ ފާއިތުވި 50 އަހަރު މޫސުމީ ރޯގާއެއްގެ ގޮތުގައި ފެތުރެމުން ގޮސްފައިވާ ކޮރޯނާވައިރަސްތައް އެބަހުރި ކަމަށެވެ. އެހެންކަމުން ކޮވިޑް-19 އަކީ ވެސް އެފަދަ ބައްޔަށް ވުން ވަރަށް ގާތް ކަމަށެވެ.އަދި ކޮވިޑް-19 އަކީ ނެތިގެން ދާނެ ވައިރަސްއަކަށް ނުވެދާނެ ކަން ފާހަގަކުރަމުން ސައިންސްވެރިން ވިދާޅުވީ މިއީ ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު ވަކި މޫސުމެއްގައި ހުމާއި، އިންފެކްޝަން އަދި އާއްމު ރޯގާ އެކޭ އެއްގޮތައް ފެތުރިގެން ހިނގައިދާނެ ވައިރަސް އަކަށް ވުން ވަރަށް ގާތްކަމަށެވެ.މިހާރު ވައިރަސްގެ ހަރަކާތްތަކަށް ބަލާއިރު މިއި ކޮންމެ އަހަރަކުވެސް ފެތުރިގެން ހިނގައިދާނެ ވައިރެހެއްކަމުގެ ހެކިތައް ފެންނަން އެބަހުރިހަކަށާއި އެހެންނަމަވެސް މުޅިން ޔަގީންކަމާއި އެކު ވަކި އެއްޗެއް ބުނަން އެނގޭނީ އަދި ފަހުންކަމުގައި ސައިންސްވެރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ މި ބަލި ގިނަ ދުވަސްތަކެއް ވަންދެން ފެތުރިގެން ހިނގައިދާނެކަމަށާއި ބަލި ކޮންޓްރޯލްކުރެވޭނެ ހަމައެކަނި ގޮތަކީ ވެކްސިނެއް އުފެއްދިގެންކަމަށެވެ،
ޗައިނާގެ ވުހާން ސިޓީއިން މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހުކޮޅު ފެތުރެން ފެށި މި ބަލި މިހާރު ޗައިނާގައި ކޮންމެވެސްވަރަކަށް ކޮންޓްރޯލްކުރެވިފައިވީނަމަވެސް މިހާރު ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ގައުމުތަކުން މި ވައިރަސް ވަނީ ފެނިފައެވެ.