މީގެ ދެ އަހަރު ކުރިން މުޅި ދުނިޔެއަށް އާލަމީ ވަބާއެއް ކުރިމަތިކުރިވި ޗައިނާގެ ވޫހާން ސިޓީ އަނެއްކާ ވެސް ފުރަބަންދަކަށް ހިނގައްޖެއެވެ.
އެ ސިޓީ ފަރުބަންދަކަށް މިދިޔައީ އެ ސިޓީން ކޮވިޑު ބަލީގެ ކޭސްތަކެއް ފެންނަން ފެށުމުންނެވެ.
އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން ފުރަބަންދު ކޮށްފައިވަނީ އެ ސިޓީގެ ވަކި ސަރަހައްދެކެވެ. ފުރަބަންދު ކޮށްފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅެމުން ދާ ޖިއާންގްޝިއާ ޑިސްޓްރިކްޓް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ ޑިސްޓްރިކްގެ ހަތަރު މީހެއްގެ ގައިން ކޮވިޑު ބަލީގެ އަލާމާތްތައް ފެނި، ޓެސްޓު ކުރުމުން ވަނީ ޕޮޒިޓިވް ވެފައެެވެ.
ނޫސްތަކުގައި ބުނެފައިވަނީ އެ ޑިސްޓްރިކްގެ މީހުން ތިން ދުވަސް ވަންދެން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.
“ޒީރޯ ކޮވިޑް” ގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ ޗައިނާގައި މުޅި އާބާދީ ޓެސްޓު ކުރުމާއި އެކަހެރިވުމުގެ ހަރުކަށި ފިޔަވަޅުތައް އަންނަނީ ތަންފީޒު ކުރަމުންނެވެ. އަދި ވަކިވަކި ސަރަހައްދުތައް ލޮކްޑައުން ކުރުން ފަދަ ފިޔަވަޅުތައް ވެސް ދޭތެރެދޭތެރެއިން އަންނަނީ ކުރަމުންނެވެ.
އެހެންނަމަވެސް ލޮކްޑައުން ކުރަނީ ކޮވިޑް ކޭހެއް ފެންމަތިވުމުންނެވެ.
އެގައުމުން މިގޮތަށް ކަންތައް ކުރަމުން އައުމުގެ ސަބަބުން އަދި ޚާއްސަކޮށް “ޒީރޯ ކޮވިޑް ސިޔާސަތު” ގެ ސަބަބުން ޗައިނާގެ އާންމުންގެ މެދުގައި ވަނީ ނުތަނަވަސް ކަމާއި ރުޅިވެރިކަން އުފެދިފައެވެ. ވިޔަފާރިތަކާއި އިގުތިސާދަށް ވެސް ނޭދެވޭ އަސަރު ކުރަމުންދާތީ ރައްޔިތުންގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ.